މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ހުޅުމާލޭގައި ކޯރާޑިއަކުން މީހަކަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލައިގައި ތުހުމަތުކުރެވޭ ދެ މީހުންގެ މައްޗަށް ދައުވާކުރުމަށް ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހަށް ފުލުހުން ފޮނުވައިފި އެވެ.
ޕީޖީ އޮފީހުން މައްސަލަ ބަލައިގަތީ މިއަދެވެ.
ދައުވާކުރާ ދެ މީހުންނަކީ ގދ. ފިޔޯރީ، ހީނާމާގެ، ރުސްތުމް އިބްރާހީމް، 26، އާއި ބ. ގޮއިދޫ، ފިނިފެންމާގެ، ސައިފްﷲ ފައިޞަލް، 19 އެވެ.
އެ މީހުން މާރާމާރީ ހިންގާފައި ވަނީ ފެބްރުއަރީ މަހުގެ 8 ވަނަ ދުވަހުގެ ރޭ 11:35 އެހައިކަންހާއިރު އެވެ. އެ ރޭ ހުޅުމާލެ، ބޯގަންވިލާ މަގު، ރެހެންދި ޓާފް ދަނޑު ހުޅަނގު ފަޅީގައި މަޑުކޮށްގެން ހުރި މީހަކަށް ހެލްމެޓް އަޅައިގެން މޫނު ނިވާކޮށްގެން ސައިކަލެއްގައި ގޮސް ހަމަލާ ދީފައި ވަޖީ ކޯރާޑިއަކުންނެވެ.
އަދި އެ ހަމަލާ އަށް ފަހު އެ މީހުން އަތުލައިގަތީ ފިލައިގެން ހައިވޭއިން މާލެއަށް ދަނިކޮށެވެ.
މި މައްސަލައިގައި ތުހުމަތުކުރެވޭ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކޯޓުން އޮތީ އަމުރުކޮށްފަ އެވެ.