Last Updated: April 12, 21:53
Saturday, April 12, 2025
ޚަބަރު

ފޭދޫ ސްކޫލްގެ އާ އިމާރާތް ކުރިއަށް ނުދާތީ ކަންބޮޑުވުންތަކެއް!

އައްޑޫ ފޭދޫ ސްކޫލްގެ އާ އިމާރާތު ބިންގާ އެޅިތާ އަހަރަށްވީ އިރު ވެސް އެތަނުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ފޭދޫގެ ވަރަށް ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.

ފޭދޫ ހިއްކި ބިމުގައި އިމާރާތް ކުރަން ހަމަޖެހިފައިވާ އެ ސްކޫލްގެ ބިންގާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީގު އަޅުއްވައި ދެއްވީ އެޕްރީލް 9، 2024 ވަނަ ދުވަހުގެ ރެ އެވެ.

ޖުމްލަ 40 ކްލާސް ރޫމްގެ އެ ސްކޫލްގެ ބިންގާ އެޅުމުގެ ކުރިން އެ މަޝްރޫއު ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށް ގެންދަން އެސްޖޭ ކޮންސްޓްރަކްޝަނާ އެޕްރީލް 9 ވަނަ ދުވަހުގެ ރޭ ސޮއިކުރީ ފޭދޫ ސްކޫލްގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. ޑޭކެއާ ސެންޓަރެއް ވެސް ހިމެނޭ ގޮތަށް ފޭދޫ އާ ސްކޫލްގެ އާ އިމާރާތް އެސްޖޭއާ ހަވާލުކުރީ 480 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 145،292،400ރ. އަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން އޭރު ބުނެފައިވާ ގޮތުގައި ފޭދޫ ސްކޫލްގެ އާ އިމާރާތް ވާނީ ރާއްޖޭގެ ސްކޫލެއްގައި ހެދޭ އެންމެ ފުރަތަމަ ލެންގުއޭޖް ލެބްގެ އިތުރުން ފީފާ އިން ގަބޫލުކުރާ ފެންވަރުގެ ޓާފްއެޅި ދަނޑެއް ވެސް އޮންނާނެ ސްކޫލަކަށެވެ. އެހެންވެ މިނިސްޓަރު ޝަފީގު ވިދާޅުވެފައި ވަނީ އެ ސްކޫލް ވާނީ ރާއްޖޭގައި އާ ކަންތައްތަކެއް ތައާރަފުވެގެން ދާނެ ވަރަށް ތަފާތު ސްކޫލަކަށް ކަމަށެވެ.

ފޭދޫ ސްކޫލަށް މިހާރު ދިމާވެފައި އޮތް ޖާގައިގެ ދަތިކަން ހައްލު ކުރަން އާ އިމާރާތެއްގެ ބިންގާ އެޅުމާ އެކު ވަރަށް ގިނަ ބަޔަކު އުންމީދުކޮށްގެން ތިބީ އެ މަޝްރޫއުގެ މަސައްކަތް ވަރަށް ކުރިއަށް ގޮސް ނިންމާނެ ކަމަށެވެ. ނަމަވެސް މިހާރު ގިނަ ބަޔަކު ބުނަމުން އަންނަނީ އެތަނުގެ ބިންގާ އެޅީ ސަރުކާރުން ސިޔާސީ މަންފާއެއް ހޯދުމުގެ ބޭނުމުގައި ކަމަށެވެ.

ސަބަބަކީ އާ އިމާރާތުގެ ބިންގާ އެޅީ މިދިޔަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕޭން ތެރޭގައި ކަމަށްވާތީ އެވެ.

އައްޑޫ ހަންކެޑެ އިންޓަގްރޭޓެޑް ޓޫރިޒަމަށް ތަރައްގީ ކުރަން އެ މަޝްރޫއު މިދިޔަ އަހަރުގެ އެޕްރީލް މަހުގެ 15 ވަނަ ދުވަހުގެ ރޭ ކުލަގަދަ ރަސްމިއްޔާތެއްގައި ބާއްވައި އިފުތިތާހުކުރި އެތަނުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ އައްޑޫގެ ވަރަށް ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ފާޑު ކިޔަމުންނެވެ.