އައްޑޫ ގަން އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ 60 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށް އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކޮމްޕެނީ (އޭއައިއޭ) އިން ބުނެފި އެވެ.
މި މަޝްރޫއުގެ ދަށުން ހަދާ ގަމުގެ މަސައްކަތުގެ ތެރެއިން މި ވަގުތު ގަމުގެ އީކްއޭޓަ ވިލެޖްގެ އެކޮމޮޝަން ބްލޮކެއްގެ މައްސަލައާ ހެދި މަގު ހެދުމަށް ބުރޫ އަރާފައި ވަނިކޮށް އޭއައިއޭ އިން މިއަދު ނެރުނު ދިގު ބަޔާނެއްގައި ބުނީ ގަން އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރެއިން މި ވަގުތު އެންމެ ބޮޑު މަސައްކަތަކީ މަގުތަކުގެ މަސައްކަތާއި ޓާމިނަލްގެ މަސައްކަތް ކަމަށެވެ.
އޭއައިއޭ އިން ބުނީ ގަމުގެ މަގުގެ ނެޓްވޯކް ފުޅާކޮށް، އިތުރު ކުރަން ޖެހޭ މަގުތައް ޕްލޭންކުރެވި ޑިޒައިން ކުރެވުނީ ޕްރޮޖެކްޓް ކޮންޓްރެކްޓާއި ކޮންސަލްޓަންޓްގެކަމާ ގުޅުން ހުރި މާހިރުންގެ އިރުޝާދާ އެކީގައި ކަމަށެވެ.
ގަން އެއާޕޯޓް ތަރައްގީ ކުރުމުގެ ޕްރޮޖެކްޓްގެ ކޮންރެކްޓަރަކީ އިންޑިއާގެ ރެނާސްޓަސް އެވެ.
އޭއައިއޭ އިން ބުނީ ގަމުގައި އަލަށް ތަރައްގީކުރާ މަގަށާއި މަގު ތަރައްގީކޮށް ފުޅާކުރުމާއި ޕާކޮން ޖާގަ އަށް ގަމުގައި ހުރި ބައެއް އިމާރާތްތައް ނަގަން ޖެހޭތީ އެކަމުގެ ސަބަބުން ކުންފުނީގެ އޮޕަރޭޝަނަށާއި ރަށުގެ ތިމާވެއްޓަށް ކުރާނެ އަސަރު ވީހާ ވެސް ކުޑަވާނެ ގޮތަކަށް ކަމާބެހޭ މާހިރުންގެ ލަފައާ އެކު ޑިޒައިންތައް ފައިނަލްކޮށްފައި ހުރި ކަމަށެވެ.
އެގޮތުން އެ ޑިޒައިނަށް މަސައްކަތް ކުރުމަށް ގަމުން އަމިއްލަ ވިޔަފާރިތައް ދޫކޮށްފައިވާ ބައެއް އިމާރާތްތަކާއި ސަރުކާރުގެ އިދާރާތަކަށް ދޫކޮށްފައިވާ ބައެއް އިމާރާތްތަކާއ ކަރަންޓް ސްޓޭޝަންތަކާއި ހައި ވޮލްޓޭޖް ކޭބަލްތައް ބަދަލު ކުރަން ޖެހޭކަން ކޮންޓްރެކްޓަށް އަންގާފައިވާ ކަމަށް އޭއައިއޭ އިން ބުންޏެވެ. އެގޮތުން ފައިނަލް ޑިޒައިންތަކާ އެއްގޮތަށް ނަގަން ޖެހޭ އިމާރާތްތައް ހުސްކުރުމުގެ މަސައްކަތްކޮށް ކޮންޓްރެކްޓަރާ އޭއައިއޭ އިން ކުރަމުން ދިޔައީ ކަމާބެހޭ ފަރާތްތަކާ ގުޅިގެން މަޝްވަރާކޮށްގެން ކަމަށް ބުންޏެވެ.
އެގޮތުން ގަމުގައު ހުރި ރެސްޓޯރަންޓްތަކާއި ކަސްޓަމްސްގެ އިމާރާތްތަކާއި ފުލުހުން ބޭނުންކުރި އިމާރާތްތަކަކާއި އެމްއެންޑީއެފް އެއާ ވިންގުން ބޭނުންކުރި އޮފީސް އިމާރާތާއި ފެނަކައިގެ ބައެއް ސްޓޭޝަންތައް އެ ފަރަތާތްތަކުގެ އެހީތެރިކަމާ އެކު ހުސްކޮށް، އެ ބިންތަކުގައި ކުރަން ޖެހޭ މަސައްކަތްތައް ކުރަން ކޮންޓްރެކްޓަރާ ހަވާލުކޮށްފައިވާ ކަމަށް އޭއައިއޭ އިން ބުންޏެވެ. އަދި އެކަން ދިޔައީ އެއްވެސް މައްސަލައެއް ދިމާނުވެ ކަމަށް ވެސް ބުންޏެވެ.
އަދި މި މަސައްކަތަށް ހުސްކުރަން ޖެހޭ އިމާރާތްތަކުގެ ތެރޭގައި ހިމެނޭ އީކްއޭޓަ ވިލެޖްގެ ލޭބާ ކުއާޓާސް ހުރި ބިން ހުސްކޮށް ކޮންޓްރެކްޓަރާ ހަވާލު ކުރަން ޖެހޭ މުއްދަތުގެ ތެރޭގައި ހަވާލު ނުކުރެވުމުގެ ސަބަބުން އެ އިމާރާތް ހުރި ބިމުގެ ތެރެއިން ދާން ޖެހޭ މަގުގެ މަސައްކަތް ކުރިއަށް ނުގެންދެވި ހުއްޓިފައިވާ ކަމަށް އޭއައިއޭ އިން ބުންޏެވެ.
"މި ކުންފުނީގެ އެސެޓްގެ ގޮތުގައި ކަނޑައަޅާފައިވާ ހަރުމުދަލާއި ގަމުގެ ބިމުގެ ސަރަހައްދުގައި ހިމެނޭ އީކްއެޓާ ވިލެޖްގެ ލޭބާ ކުއާޓާސްގެ ގޮތުގައި ބޭނުން ކުރާ އިމާރާތްތަކާއި ގުދަންތަކުގެ ގޮތުގައި ބޭނުން ކުރާ އިމާރާތާއި އެ ސަރަހައްދުގެ ބިމަކީ ކުރިން އައްޑޫ ގަން ބަލަހައްޓާ ޔުނިޓުން އީކްއޭޓާގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައިވާ ބިމާއި އިމާރާތްތަކެވެ." އޭއައިއޭގެ ބަޔާނުގައި ބުންޏެވެ.
އެ ކުންފުނިން ބުނީ އީކްއޭޓާ ހިންގާ ކުންފުނި ގޭން އިންވެސްޓްމަންޓާ އެކު، އެ އިމާރާތްތައް ކުއްޔަށް ދިނުމުގެ މަޝްވަރާތަކެއް ވެސް ކުރިއަށް ދިޔަ ކަމަށެވެ.
އޭއައިއޭ އިން ބުނީ މިހާރު މައްސަލަ ދިމާވެގެން އުޅޭ އިމާރާތް ހުރި ބިމަކީ އެ ކުންފުނީގެ ހަރުމުދަލެއް ކަމުންނާއި އެ އެތަނުގެ މުއާމަލާތް ހިންގާފައިވާ ގޮތުގައި މައްސަލަތަކެއް އުޅޭތީ އެކަމުގައި ގާނޫނޫ ލަފާ ހޯދުމަށް ފަހު، ޝަރީއަތް މެދުވެރިކޮށް ބިމުގެ މައްސަލަ ހައްލު ކުރުމާ މެދު ގޮތެއް ނިންމަން ކުންފުނީގެ މެނޭޖްމަންޓުން ބޯޑަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށެވެ.
"ގަން އެއާޕޯޓާ މެދު އައްޑު އާއި މުޅި ދެކުނުގެ ރައްޔިތުން ގެންގެންގުޅޭ ތަސައްވުރާއި އުންމީދުތަކަށް އިހުތިރާމުކޮށް ޕްރޮޖެކްޓް ކާމިޔާބުކަމާ އެކު ކުރިއަށް ގެންގޮސް ނިންމުމަށް ސަރުކާރާއި ކުންފުނީގެ ހިއްސާދާރުންގެ ލަފައާ އެކު މި ކުންފުނިން ކުރަމުން ގެންދާ މަސައްކަތަށް އެންމެހާ ބޭފުޅުންގެ އެއްބާރުލުން ބޭނުންވޭ." އޭއައިއޭ އިން ބުންޏެވެ.