Last Updated: April 18, 19:51
Friday, April 18, 2025
ރިޕޯޓް

ހުކުރު ނަމާދުގެ ޞިއްޙީ، އިޖްތިމާޢީ އަދަބުތައް

ހުކުރު ނަމާދާ ގުޅިފައިވާ ޞިއްޙީ އަދި އިޖްތިމާޢީ އަދަބުތަކުގެ ތެރޭގައި ހުކުރު ނަމާދަށްޓަކައި ހިނައިގަތުމާއި، ސާފުތާހިރުވުމާއި، ރީތި ފޭރާންލައި ނަލަހެނދުމާއި، ހުވަދުލުން ހިމެނެ އެވެ.

ކީރިތިރަސޫލާ – صَلَّى اللَّهُ عَلَيْهِ وَسَلَّمَ – ޙަދީޘްކުރައްވަނީ ”إِذَا كَانَ يَوْمُ الْجُمُعَةِ اغْتَسَلَ الرَّجُلُ وَغَسَلَ رَأْسَهُ ، ثُمَّ تَطَيَّبَ مِنْ أَطْيَبِ طِيبِهِ ، وَلَبِسَ مِنْ صَالِحِ ثِيَابِهِ ، ثُمَّ خَرَجَ إِلَى الصَّلاَةِ وَلَمْ يُفَرِّقْ بَيْنَ اثْنَيْنِ ، ثُمَّ اسْتَمَعَ إِلَى الإِمَامِ غُفِرَ لَهُ مَا بَيْنَ الْجُمُعَةِ إِلَى الْجُمُعَةِ وَزِيَادَةُ ثَلاَثَةِ أَيَّامٍ (5) –ހުކުރުދުވަހު ހިނައިގަނެ، ބޯދުވެ އެމީހެއްގެ އަތުގައި ހުރި އެންމެ ވަސްމީރު ހުވަނދަކުން ހުވަނދުލައި (ނުވަތަ ސެންޓަކުން ސެންޓްލައި) އެންމެ ރަނގަޅު ހެދުމެއްލައިގެން ހުކުރަށް ގޮސް، ދެމީހެއްގެ ދެމެދަށް ވަދެ އެދެމީހުން ފޭނުކޮށް ޚުޠުބާ އަޑުއަހައި، ނަމާދުކުރި މީހާއަށް، އެ ހުކުރާ އަނެއް ހުކުރާ ދެމެދުގައި ކުރެވޭ ފާފަތައް ފުއްސަވާދެއްވާ ނެތެވެ. އަދި އިތުރަށް ތިން ދުވަހުގެ ފާފަތައް ވެސްމެއެވެ.”

މި ބަސްފުޅުން އެނގެނީ އިސްލާމް ދީނަކީ ސާފުތާހިރުކަމުގެ ދީނެއްކަމެވެ. އަދި އިޖުތިމާޢި ކަންތައްތަކުގައި ބައިވެރިވާ އިރު އެތެރެފުށާއި ބޭރުފުށް ޒީނަތްތެރި ކުރަންޖެހޭނެކަމެވެ. ބައްދަލުވުމުގައި ބައިވެރިވާ މީހަކަށް ތިމާގެ ސަބަބުން އުދަނގުލެއް ފޯރަފާނެ ކަމެއް ކޮށްގެން ނުވާނެ ކަމެވެ.

ހުކުރު ދުވަހުގެ އެބޮޑު ޖަމާޢަތަށް އެއްވާ އެއްވުމަކީ މީސްތަކުންނަށް އެބައިމީހުން ފެށުމާއި ނިމުން ހަނދުމަކޮށް ދޭނޭ ކަމެކެވެ. ހުކުރު ނަމާދު ފަރުޟު ކުރެއްވުމުގެ ޙިކުމަތްތަކުގެ ތެރޭގައި ﷲ ތަޢާލާ ކޮންމެ އުންމަތަކަށްމެ އެބައިމީހުން އަޅުކަމަށް ހުސްވެ އުޅޭނޭ ދުވަހެއް ލެއްވުން ހިމެނެ އެވެ.

އެގޮތުން އެ އިލާހު ސުބުޙާނަހޫ ވަތަޢާލާ މިއުއްމަތައް އިޚްތިޔާރު ކުރެއްވި ދުވަހަކީ ހުކުރު ދުވަހެވެ. އެ ދުވަހުގެ އެ ބޮޑު ޖަމާޢަތް މީސްތަކުންނަށް ހަނދާންކޮށް ދެނީ، އެބައިމީހުން މަޙްޝަރުގައި އެއްކުރެވިގެން ދާނެ މަންޒަރެވެ. އެ ބިރުވެރި ދުވަހުގެ ޘަވާބާ، ޢަޛާބެވެ. އެ ޖަމާޢަތް މީސްތަކުންނަށް ހަނދާންކޮށް ދެނީ، ހުރިހާ އާދަމުގެ ދަރިން އެބައިމީހުން ކުޅަ ޢަމަލަކައިގެން އެބައި މީހުންގެ ވެރި ރައްބުގެ ޙަޟްރަތައް އެއްކުރެވިގެންވާ އެ ބޮޑު ޖަމާޢާތެވެ.

ﷲ ތަޢާލާ އަޅަމެން އެދުވަހުގެ ނުރައްކަލުން ސަލާމަތް ކުރައްވާ، އަޅަމެންނީ މިދުނިޔޭގެ ޙަޔާތުގައި އެ ދުވަހަށް ފުރިހަމައަށް ތައްޔާރުވުމަށް މަސައްކަތް ކުރާނޭ ބައެއްކަމުގައި ލައްވާށިއެވެ! އާމީން!