Last Updated: April 18, 17:57
Friday, April 18, 2025
ޚަބަރު

ތައިލެންޑަށް ދާން ކާޑެއް ފުރަން ޖެހޭ ގޮތަށް ހަދައިފި

އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ތައިލެންޑަށް ދަތުރުކުރާ ކޮންމެ މީހަކު އެ ގައުމަށް އެތެރެވުމުގެ ކުރިން "ޑިޖިޓަލް އެރައިވަލް ކާޑު" ފުރިހަމަ ކުރަން ޖެހޭ ގޮތަށް ތައިލޭންޑްގެ އިމިގްރޭޝަން އުސޫލަށް ބަދަލު ގެނެސްދި އެވެ.

އެގޮތުން އޮންލައިން ފޯމެއް މެދުވެރިކޮށް ޑިޖިޓަލް އެރައިވަލް ކާޑު ފުރިހަމަ ކުރަން ޖެހެ އެވެ. އެ ފޯމު ފުރުމުގެ ތިން ދުވަސް ކުރިން ލާޒިމުވާނެ އެވެ.

މިކަމާ ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ތައިލެންޑުގެ އިމިގްރޭޝަނުން ގެނައި ބަދަލާ ގުޅިގެން ރާއްޖެ އާއި ތައިލެންޑާ ދެމެދު ހަމަޖެހިފައިވާ ވިސާގެ އެއްވެސް އިންތިޒާމަކަށް ނުވަތަ ސިޔާސަތަކަށް ބަދަލު އައިސްފައި ނުވާ ކަމަށެވެ. އެގޮތުން ކުރިއެކޭ ވެސް އެއްގޮތަށް ދިވެހިންނަށް މިހާރު ވެސް 90 ދުވަހުގެ "އެންޓްރީ ވިސާ" ގައި ތައިލެންޑަށް ދަތުރު ކުރެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ނަމަވެސް ތައިލެންޑަށް ދަތުރުކުރާ ދިވެހިން އެ ގައުމަށް ފުރުމުގެ ކުރިން ޑިޖިޓަލް އެރައިވަލް ކާޑު އޮންލައިންކޮށް ފުރުމަށް އިލްތިމާސްކޮށްފައިވެ އެވެ.

ތައިލޭންޑަކީ ދިވެހިން މިހާރު ވަރަށް ގިނައިން އެކި ބޭނުންތަކުގައި ދަތުރުކުރާ ގައުމެކެވެ.