ގެއްލިފައިވާ މީހެއްގެ މައްޗަށް ކަށުނަމާދު ކުރެވޭނީ، އެ މީހަކު ގެއްލިފައިވާ ކަމަށް ޝަރީއަތުން ކަނޑައެޅުމުން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އެގޮތަށް ވިދާޅުވީ ވިދާޅުވީ، މި މަހުގެ 2 ވަނަ ދުވަހުގެ ރޭ "ހޮޅުދޫ ބޯޓު" ގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއްލިފައިވާ އަލީ މުޝްފިގު ޝަރީފު ނިޔާވެއްޖެ ކަމަށް ނިންމައި އޭނަގެ އުފަން ރަށް ލ. މާވަށުގެ ކައުންސިލުން އޭނަގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރަން ރޭ ނިންމުމާ ގުޅިގެންނެވެ.
މުޝްފިގް، 25، ގެއްލުނު ފަހުން އޭނަ ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ނަމަވެސް މިހާތަނަށް އަދި ފެނިފައެއް ނުވެ އެވެ.
އޭނަގެ މައްޗަށް ކަށުނަމާދު ކުރަން ނިންމުމާ ގުޅިގެން މިނިސްޓަރު ޝަހީމު ވިދާޅުވީ އެފަދަ ޙާލަތެއްގައި މީހާ ގެއްލުމާއި މަރާ މެދު އޮތް މައްސަލަ ހުށަހަޅަން ވާނީ ގާޒީއަށް ކަމަށެވެ. އަދި ބައެއް އިލްމުވެރިން ބަޔާން ކުރައްވާފައިވާ ގޮތުގައި ގެއްލިފައިވާ މީހާއާ މެދު ޙުކުމެއް ކަނޑައަޅަން ވާނީ ގެއްލުނުތާ ހަތަރު އަހަރު ފަހުން ކަމަށެވެ.
ނަމަވެސް ކަނޑަށް ވެއްޓި ގެެއްލިފައިވާ މީހާ، މަރުވެފައިވާ ކަމަށް ބޮޑަށް ބުރަވެވޭ ނަމަ ހަތަރު އަހަރު ނުވިއަސް ގާޒީ އަށް ގޮތެއް ކަނޑައެޅިދާނެ ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ޝަހީމް ވިދާޅުވި އެވެ. އޭނަ ވިދާޅުވީ ކަން ހިނގައި ދިޔަ ގޮތް ބަލައި ގެއްލިފައިވާ މީހާ މަރުވެއްޖެކަމަށް ޤާޟީ ކަނޑައަޅައިފި ނަމަ، އެ މީހެއްގެ މައްޗަށް ކަށުނަމާދު ކުރުމަކީ ހުއްދަ ކަމެއް ކަމަށެވެ.
އަދި މި ފަދަ ހާލަތްތަކުގައި ގާޒީގެ ޙުކުމެއް އޮންނަން ޖެހެނީ މަރަކީ އޭގެ މައްޗަށް ޝަރުޢީ ވަރަށް ގިނަ ކަންކަން ތަރުތީބުވާ ކަމަކަށް ވުމުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"މިސާލަކަށް ގެއްލިފައިވާ މީހަކުނަމަ އެ މީހާއަކީ މީހަކާ އިނދެގެން އުޅޭ މީހަކު ކަމުގައި ވެސް ވެދާނެއެވެ. ނުވަތަ ދަރީން ތިބި މީހަކު ކަމުގައި ވެސް ވެދާނެއެވެ. ނުވަތަ މައިންބަފައިންނާއި އެއްބަނޑު މީހުން ތިބި މީހެއްކަމުގައި ވެދާނެއެވެ. އެމީހުންނަކީ އޭނާގެ ވާރުތަވެރިންނެވެ. އޭނާއަކީ އެމީހުންގެ ވާރުތަ ވެރިއެކެވެ. މަރުވެއްޖެ ކަމަށް ކަނޑައެޅިއްޖެ ނަމަ މި ހުރިހައި ކަމެއްގެ ޙުކުމްތަކަށް ޝަރުޢީ ގޮތުން އަސަރުކުރާނެއެވެ،" ޝަހީމް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މި ކަންކަމަކީ މަރާއެކު ޝަރުއީ ގޮތުން ވަރަށް ބޮޑެތި ބަދަލުތައް އަންނާނެ ކަންކަން ކަމަށެވެ.
އެގޮތުން މިސާލެއް ދައްކަވަމުން ވިދާޅުވީ ގެއްލިފައިވާ މީހާގެ އަންބަކުވާ ނަމަ، އެ އަންހެނާގެ ޢިއްދަ ހަމަކޮށް އެހެން މީހަކާ އިނުން ހުއްދަވީ ކަމަށެވެ. އަދި ގެއްލުނު މީހާ ވެސް ވުޖޫދުން ނެތް މީހަކަށްވީ ކަމަށެވެ.
އަދި ގާޒީގެ ޙުކުމަށް ފަހު، ދުވަސްތަކެއް ފަހުން އެ މީހާ އެނބުރި އަތުވެއްޖެނަމަ ވެސް، އެ ދެމެދުގައި ހިނގި ކަންކަމަށް ބަދަލު ނާންނާނެ ކަމަށް ވިދާޅުވި އެވެ.
"އޭނާގެ އަނބިމީހާ ވެސް އެހެން މީހަކާ އިނދެގެން ހުރެއްޖެނަމަ އަނބުރައި އޭނާގެ ގާތަށް ދިއުމެއް ނެތް. ގެއްލުނު މީހަކީ، މީހަކާ އިނދެގެން ނެތް މީހަކު ކަމުގައި ވިޔަސް އޭނާގެ މަރާ މެދު ގޮތް ނިންމަންވާނީ ގާޒީ. ވީމާ ކަނޑަށް ވެއްޓި ގެއްލި ހޯދައި ނުފެނިފައިވާ މީހާއާމެދު ގޮތް ނިންމަންވާނީ ގާޒީ." މިނިސްޓަރު ވިދާޅުވި އެވެ.
ޝަހީމު ވިދާޅުވީ ގާޒީ ގޮތް ނިންމާނީ ގެއްލުނު ޙާލަތުގެ މައްޗަށް ނަޒަރު ހިންގައި ހޯދަން ކުރި މަސައްކަތުގެ މައްޗަށް ބަލައި މުޅި މައްސަލައިގެ ހަފަރާތް ބެލުމަށް ފަހު ކަމަށެވެ. އަދި ގެއްލުނު މީހާ މަރުވެފައިވާ ކަމަށް ގާޒީ ކަނޑައަޅައިފި ނަމަ އޭނާގެ މައްޗަށް ކަށު ނަމާދު ކުރެވިދާނެ ކަމަށް ވިދާޅުވިއެވެ.