Last Updated: April 20, 17:58
Sunday, April 20, 2025
ޚަބަރު

ހުސްވަގުތު އާހިރަތަށް ފައިދާވާ ހަރަކާތްތަކަށް ހޭދަކުރޭ

ލިބޭ ހުސްވަގުތުތައް އާހިރަތަށް ފައިދާހުރި ހަރަކާތްތަކުގައި ހޭދަކުރުމަށް ހުކުރު ހުތުބާގައި ގޮވާލައިފި އެވެ.

މިއަދުގެ ހުކުރު ޚުތުބާ ޚާއްސަކޮށްފައި ވަނީ "ތަރައްގީގެ އަސާސަކީ، ތައުލީމާއި ތަރުބިޔަތު"، މި މައުޟޫއުގެ މައްޗަށެވެ.

ހުތުބާގައި ބުނީ މި ފެށުނު ދިރާސީ އަހަރު، ދަރިވަރުން އިސްލާމް ދީނާއި ދުންޔަވީ ރޮނގުތަކުން އިތުރު ކުރިއެރުންތަކެއް ލިބޭތޯ ގަދައަޅައި މަސައްކަތް ކުރުމަށާއި ދުނިޔެއާއި އާޚިރަތަށް ފައިދާ ހުރި، ޢިލްމީ ޙަރަކާތްތަކުން، ދަރިވަރުންގެ ހުސްވަގުތު ފަޅުފިލުވައިލަންޖެހޭ ކަމަށެވެ.

"ކުތުބުޚާނާތަކުގެ ފޮތްތަކާއި، ލެބޯޓަރީގެ ސާމާނުތަކާއި، ތަޢުލީމީ ވަސީލަތްތަކުގެ ބޭނުން، ހެޔޮ ގޮތުގައި ހިފައިގެންނެވެ. ތިޔަ ކުދީންގެ މައިންބަފައިންނަށް އިޙްތިރާމުކޮށްގެންނެވެ. ލޮބުވެތި މުދައްރިސުންނަށް ޙައްޤުވާ ޤަދަރާއި އިޙްތިރާމު އަދާކޮށްގެންނެވެ. އެ މީހުންނަކީ ދުނިޔެއާއި އާޚިރަތުގެ ހެޔޮ މަގަށް އަލިކޮށްދޭ ދަންމަރުތަކެކެވެ. ތިޔަ ކުދީންގެ މުދައްރިސުން އެ ކުރައްވާ މަސައްކަތަކީ، ނަބީބޭކަލުން ކުރެއްވި މަސައްކަތްޕުޅެވެ،" ހުތުބާގައި ބުންޏެވެ.

ދަރީން ތަރުބިޔަތުކޮށް، ރާއްޖޭގެ ތައުލީމީ މަންހަޖުގައި ބަޔާންކުރާ ފަދައިން، އިސްލާމް ދީނަށާއި ގައުމަށް ވަފާތެރި، ފައިދާހުރި ބަޔަކަށް އެ ކުދީން ހެދުމުގައި، އެދުރުންގެ ދައުރު ވަރަށް ބޮޑު ކަމަށް ޚުތުބާގައި ބުންޏެވެ. އެފަދަ ތަރުބިޔަތެއް ކުދީންނަށް ދެވޭނީ، ކެތްތެރިކަމާއި، ހިކުމަތްތެރިކަމާއެކު، އެ މަސްއޫލިއްޔަތު އަދާކޮށްގެން ކަމަށް ޚުތުބާގައި ބުންޏެވެ.

"ތިޔަ ޢިއްޒަތްތެރި އެދުރުން ކިޔަވައިދެއްވާ ކުދިން، ނަމޫނާއަކަށް ބަލާނީ، ތިޔަ އެދުރުންކަން ހަނދުމަފުޅުބަހައްޓަވާށެވެ! އެ ކުދީންނަށް ރަނގަޅު ކަމުގައި ފެންނާނީ، ތިޔަ އެދުރުން އެކުދީންނަށް ރަނގަޅުކަމުގައި ދެއްކެވި ކަމެކެވެ. އަދި އެ ކުދިން ހުތުރު ކަމުގައި ދެކޭނީ، ތިޔަ އެދުރުން އެ ގޮތަށް ދެކެވަޑައިގަންނަވާ ކަންކަމެވެ،" ޚުތުބާގައި ބުންޏެވެ.

ހުތުބާގައި ވަނީ އެ ކުދިން އިސްލާމްދީނާއި ޤައުމު ދެކެ ލޯބިވާ، ގައުމުގެ މިނިވަންކަމާއި، ސިޔާދަތު ދަމަހައްޓާން ދަންނަ ބަޔަކަށް ހެދުމަށާއި އަދި އެ ކުދީންނަކީ، ބަވަނަވަމުންދާ ވެށްޓަށް އަހުލުވެރި، ހޭލުންތެރި ބަޔަކަށް ހެދުމަށް ވެސް ގޮވާލާފަ އެވެ.

އިސްލާމް ދީނުގައި ރަނގަޅަށް ދަރީން ތަރުބިޔަތު ކުރުމަކީ، އެކަމުގައި ގާއިމުވެ ތިބި ބަޔަކަށް މާތްﷲ ސަވާބާއި ދަރުމަ ދެއްވާނޭ ކަމެއް ކަމަށާއި އެ ކަންކަމަށް އިސްލާމް ދީނުގައި މައިންބަފައިންނަށް ހިތްވަރުދޭ ކަަމަށް ޚުތުބާގައި ބުންޏެވެ.