ފުވައްމުލަކުގައި ރޭ ހިންގި މާރާމާރީގައި އެންމެ ބޮޑަށް ޒަޚަމްވި 2 މީހުންނަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ އިރު އޭގެ ތެރެއިން އެކެއްގެ ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލުން ބުނެފިއެވެ.
ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން މައުލޫމާތު ދޭ ގޮތުގައި، އެ ހޮސްޕިޓަލަށް ފަރުވާ ދޭން ގެންދިޔަ ތިން މީހުންގެ ތެރެއިން ހާލު ދެރައީ ބަނޑަށް ވަޅި ހެރި މީހާގެ އެވެ.
ހޮސްޕިޓަލުގެ ޑިރެކްޓަރު ޝާހު ސައީދު އާއި ހަވާލާދީ ބައެއް މީޑިޔާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ބަނޑަށް ވަޅި ހެރުމުގެ ސަބަބުން ޒަޚަމްވި މީހާގެ ބޮޑު އޮޕަރޭޝަނެއް ކުރަމުން އަންނައިރު މިވަގުތު އެ ހޮސްޕިޓަލުން ދެވެން އޮތް ފަރުވާއެއް ދިނުމަށްފަހު އިތުރު ފަރުވާ އަށް މާލެ ފޮނުވުމާ މެދު ގޮތެއް ނިންމާނެ ކަމަށެވެ.
'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފުވައްމުލަކުގައި ރޭ ހިނގި މާރާމާރީ އާއި ގުޅިގެން 2 މީހަކު ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ފަރުވާދިނުމަށް ގެނެސްފައިވެއެވެ. އޭގެ ތެރެއިން ބޮލަށް ވަޅި ހެރުމުގެ ސަބަބުން ޒަޚަމްވި މީހާގެ ހާލު މިހާރު ރަގަޅުވަމުން އަންނަ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.
ފުވައްމުލަކުގެ ކައުންސިލަރަކު 'އައްޑޫލައިވް' އަށް މައުލޫމާތު ދެމުން ބުނިގޮތުގައި ރޭ ހިނގި މާރާމާރީއަކީ ޒަމާނުއްސުރެ ހޯދަޑު އަވަށާއި ދޫޑިގަން އަވަށުގެ މެދުގައި އޮންނަ ހަމަނުޖެހުމުގެ ތެރެއިން ހިނގި ކަމެއް ކަމަށެވެ.
މާރާމާރީގެ މައްސަލާގައި ފަސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.