Last Updated: April 18, 20:01
Friday, April 18, 2025
ޚަބަރު

މުޝްފިގުގެ ކަށުނަމާދު އަންނަ ހުކުރަށް

އަލިފާން ރޯވެ، އަނދައި އަޑިއަށް ދިޔަ 'ހޮޅުދޫ ބޯޓުން" ގެއްލުނު ޒުވާނާގެ ކަށުނަމާދު އަންނަ ހުކުރު ދުވަހަށް އިންތިޒާމު ކުރާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

މި ހާދިސާގައި ގެއްލިފައިވަނީ ލ.މާވަށަށް ނިސްބަތްވާ އުމުރުން 25 އަހަރުގެ ޢަލީ މުޝްފިޤް މުޙައްމަދު ޝަރީފް އެވެ. އެ ޒުވާނާގެ މައްޗަށް މިއަދުގެ ހުކުރު ނަމާދަށް ފަހު ކަށުނަމާދު ކުރަން މާވަށު ކައުންސިލުން ކުރިން އޮތީ ނިންމާފަ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝަހީމް ވިދާޅުވީ މުޝްފިޤުގެ ކަށު ނަމާދު މިއަދު ނުކުރާ ކަމަށާއި މުޝްފިޤުގެ ޢާއިލާއާ މިކަމާ ގުޅޭގޮތުން ވާހަކަ ދައްކާފައިވާ ކަމަށެވެ. އެގޮތުން ހާދިސާއާ ގުޅިގެން އިސްލާމީ ޝަރީޢަތުގައި އޮތް ގޮތައް އަމަލުކޮށް، ކޯޓް މެދުވެރިކޮށް މަރު ސާބިތު ކުރުމަށް ފަހު، ކަށު ނަމާދުގެ ކަންކަން އަންނަ ހުކުރަށް އިންތިޒާމު ކުރެވޭތޯ މަސައްކަތްކުރާނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.

"އިންޝާ ﷲ މުޝްފިޤުގެ ކަށު ނަމާދު އިސްލާމީ މަރުކަޒުގައި ކުރިއަށް ގެންދިއުމަށް އިންތިޒާމު ކުރާނަން،" ޝަހީމް ވިދާޅުވި އެވެ.

މުޝްފިޤަކީ ވަރަށް ރީތިކޮށް ޤުރުއާން ކިޔަވާ ހެޔޮ ލަފާ ކުއްޖެެއް ކަމާއި އިމާމުވެ ނަމާދުކޮށް އުޅުނު ނަމޫނާ ޒުވާނެއް ކަމަށާއި އޭނާ ގެއްލުނު ހާދިސާއަކީ އެ ޢާއިލާގެ އިތުރުން އެންމެންނަށް ލިބުނު ހިތާމައެއް ކަމަށް ޝަހީމް ވިދާޅުވި އެވެ.