ބޮލީވުޑްގެ ޒުވާން ތަރިން ކަމަށްވާ އިޝާން ޚައްތަރާއި ޖާންވީ ކަޕޫރް އެކީގައި ކުޅުނު ދެވަނަ ފިލްމު "ހޯމްބައުންޑް" މި އަހަރުގެ ކާންސް ފިލްމު ފެސްޓިވަލްގައި ޕްރީމިއާކުރުމުގެ ފުރުސަތު ލިބިއްޖެ އެވެ.
ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނަށް ނީރަޖް ގެވާން ޑައިރެކްޓްކޮށްފައިވާ ފިލްމު ޕްރީމިއާކުރާނީ ކާންސްގެ "އަން-ސާޓެއިން ރިގާޑް' ސެކްޝަންގަ އެވެ. މިކަން ކަރަން އިން މިއަދު ވަނީ ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވެސް ހިއްސާކޮށްފަ އެވެ.
ނީރަޖަކީ ކުރިން ވެސް ކާންސްގައި ޕްރީމިއާކޮށް، ބެލުންތެރިންގެ ވެސް ވަރަށް ބޮޑު މަގުބޫލު ކަމެއް ހޯދި 2015 ގެ ފިލްމު "މަސާން" ގެ ވެސް ޑައިރެކްޓަރެވެ.
މި އަހަރު ބާއްވާ 78 ވަނަ ކާންސް ފިލްމު އޮންނާނީ އަންނަ މަހުގެ 13-24 އަށް ފްރާންސްގެ ކާންސްގަ އެެވެ. މި ފެސްޓިވަލަކީ ދުނިޔޭގެ އެންމެ ނުފޫޒު ގަދަ އެއް ފިލްމު ފެސްޓިލެވެ.
މިހާތަނަށް އަދި މާ ބޮޑު ތަފުސީލެއް ހާމަކޮށްފައި ނުވާ ނީރަޖްގެ "ހޯމްބައުންޑް" ގައި ޖާންވީ އިޝާނާ އެކު ވިޝާލް ޖެތުވާ ވެސް ފެންނާނެ އެވެ. މި ފިލްމަކީ ކުރީގެ ބަތަލާ ސްރީދޭވީގެ ދޮށީ ދަރިފުޅު ޖާންވީ އާއި އެކްޓަރު ޝާހިދު ކަޕޫރްގެ ކޮއްކޮ އިޝާން 2018 ގައި ބޮލީވުޑަށް ތައާރަފުކުރި "ދަޅަކް" އަށް ފަހު އެކީގައި ކުޅުނު ދެވަނަ ފިލްމެވެ.
"ދަޅަކް" އަކީ ވެސް ދަރުމާގެ ފިލްމެކެވެ.