Last Updated: April 20, 11:51
Sunday, April 20, 2025
ޚަބަރު

ލޯނު ނަގައިގެން ނޫނީ މަޝްރޫއުތައް ހިންގަން ދަތި

ތަރައްގީގެ މަޝްރޫއުތައް ހިންގަން ލޯނު ނެގުން ނޫން ގޮތެއް ސަރުކާރަށް ނެތް ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.

ގދ. ފިޔޯރީ ބަނދަރު ހެދުމުގެ މަޝްރޫއު ފެށުމަށް އެ ރަށުގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ތަރައްގީގެ މަޝްރޫއުތަކަށް ލޯނު ނަގަން މަޖުބޫރުވާ ސަބަބަކީ ދައުލަތަށް ލިބޭ އާމްދަނީ އެއްކޮށްގެން ސަރުކާރު ހިންގުމުގެ ހަރަދުތަކަށް ހޭދަވާތީ އެވެ.

އެހެންވެ ފައިސާގެ ތާށިކަމާ ހެދި ހުރިހާ ރަށެއްގައި އެތައް ބިލިއަން ރުފިޔާގެ މަޝްރޫއު ހިންގުމަކީ ރާއްޖެ ފަދަ ކުޑަ ގައުމަކަށް ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށް މުއްތަލިބް ވިދާޅުވި އެވެ.

"އާމްދަނީއަށް ވުރެ އިތުރަށް އަޅުގަނޑުމެން ރިކަރަންޓު ހަރަދުކުރަން ޖެހެއޭ. އެހެންވީމަ މިފަދަ މަޝްރޫއުތައް ހިންގުމަށްޓަކައި ސަރުކާރުން މި ޖެހެނީ އަބަދުވެސް ކޮންމެވެސް ތާކުން ލޯނެއް ހޯދަން،" މިނިސްޓަރު ވިދާޅުވި އެވެ. "އެއީ ރާއްޖެ އެތެރެއިން ބޮންޑު ވިއްކައިގެން ނެގި ކަމުގައިވިޔަސް ރާއްޖެއިން ބޭރުން ލޯނު ނެގިކަމުގައިވީ ނަމަވެސް."

އެހީ ހޯދަން މި ސަރުކާރުން ވަރަށް ބޮޑަށް ބަރޯސާވާ ޗައިނާ އަށް އިޝާރާތް ކުރައްވައި މުއްތަލިބް ވިދާޅުވީ އެ ގައުމާއި އެމެރިކާ ފަދަ ގައުމުތަކުގެ މެދުގައި ހިނގާ ހިޔާލު ތަފާތުވުންތަކުގެ އަސަރު ރާއްޖެއަށް ކުރާ ކަމަށެވެ. އަދި އެފަދަ ކޮންމެ ނުތަނަވަސްކަމަކާ އެލި ރާއްޖެއަށް ލޯނު ހޯދަން ދަތިވާ ކަމަށް ވިދާޅުވި އެވެ.

"އެކަންކަން ރައްޔިތުން ގަބޫލު ކުރުމަކީ އަޅުގަނޑު ވަރަށް ބޮޑަށް އެދޭ ކަމެއް. ހަގީގަތުގައި އަޅުގަނޑުމެންނަށް މަޝްރޫއެއް ހިންގަން ބޭނުންވާއިރުގަ ގޮސްފަ ބޭނުންވާ ވަގުތަކު ލޯނު ނަގައިގެން ކުރެވޭ ކަހަލަ ގޮތަކަށް ނޫން މި އޮންނަނީ،" މިނިސްޓަރު ވިދާޅުވި އެވެ. "އަޅުގަނޑުމެންގެ އެތެރެއިން އެވަރަކަށް ލޯނެއް ނުލިބޭ. "ދަރަނި ނަގާ ބޭނުން ކުރަނީ ގައުމުގެ އިގްތިސާދަށާއި މުސްތަގްބަލުގެ ޖީލުތަކަށް ކުރާނެ އަސަރު ވަޒަން ކުރެވިގެން އަދި ގައުމުގެ އިގްތިސާދީ ފުދުންތެރިކަމާއި ދައުލަތުގެ ފިސްކަލް އަދި މާލިއްޔަތުގެ ނިޒާމު ދިގު މުއްދަތަކަށް ދެމެހެއްޓޭނެ ގޮތެއްގެ މަތިންކަން ކަށަވަރު ކުރުން."

އޭނަ ވިދާޅުވީ މިފަދަ ދަތތަކާ އެކު ސަރުކާރުން މަޝްރޫއުތައް ހިންގަނީ ދުރާލައި ރާވައިގެން ވިސްނުންތެރިކަމާއެކު ކަމަށެވެ. ނަމަވެސް އެ މަސައްކަތް ގިނަ ފަހަރު ރައްޔިތުންނަށް ނުފެންނަ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު އެދެނީ ސަރުކާރުން ކުރާ މިފަދަ މަސައްކަތްތަކުގެ ވީހާވެސް ބޮޑަކަށް އެއްބާރުލުންދީ ސަރުކާރަށް ވެސް ދިމާވާ ގޮންޖެހުންތައް ގަބޫލުކޮށް އަޅުގަނޑުމެންނަށް ކުރެވެން އޮތް އެންމެ ރަނގަޅަކަށް ކުރަމުންދާ މަސައްކަތުގައި ރައްޔިތުން ބައިވެރިވެގެން ކުރިއަށް ދިއުން." މުއްތަލިބް ވިދާޅުވި އެވެ.

މިނިސްޓަރު މި މޭރުމުން ވާހަކަ ދެއްކެވި އިރު، ރައީސް ޑރ. މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި މި އަހަރާއި އަންނަ އަހަރަކީ ރާއްޖޭގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިނގާނެ އަހަރުތަކެކެވެ. ހާއްސަކޮށް މި އަހަރު ރައީސް ސިފަކޮށްފައި ވަނީ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ އަހަރެއްގެ ގޮތުގަ އެވެ.

ފައިސާގެ ދަތިކަމާ ހެދި ލޯނު ނަގައިގެން މަޝްރޫއުތައް ހިންގަން ޖެހޭ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ވިދާޅުވީ މި ސަރުކާރުގެ ހަރަދުތައް ކުޑަކުރަން ރާއްޖެ އަށް އެހީދޭ ބޭރުގެ ބޮޑެތި މާލީ އިދާރާތަކުން އެދިފައިވެ އެވެ. މި ސަރުކާރު ހިންގުމުހެ ހަރަދު އެންމެ ބޮޑު މައްސަލައެެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަ ކުރަނީ ބޮޑެތި މުސާރަތައް ލިބޭ ސިޔާސީ މަގާމުތައް އިންތިހާ އަށް އިތުރުވުމެވެ.