ބޮޑުކަންނެލީގެ މަސްވެރިކަމަށް ޒުވާނުން ނެރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި އެވެ.
އެ މަޝްވަރާކޮށްފައި ވަނީ ބޮޑުކަންނެލީގެ މަސްވެރިންގެ ޔުނިއަން (ބީކޭއެމްޔޫ) އާ އެކު ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމު ބައްދަލުވުމެއްގަ އެވެ.
އެ ބައްދަލުވުމާ ގުޅޭ ގޮތުން މިނިސްޓްރީން ސޯޝަލް މީޑިއާ ޕޯސްޓެއްގައި ބުނީ އެ ބައްދަލުވުމުގައި ބޮޑު ކަންނެލީގެ މަސްވެރިކަމުގައި ހުރި ގޮންޖެހުންތައް ޔޫނިއަންގެ ފަރާތުން ހިއްސާކޮށްފައިވާ ކަމަށެވެ. އެހެންވެ އެ ގޮންޖެހުންތައް ހައްލުކުރުމަށް ކަމާގުޅޭ ފަރާތްތަކާ އެކު މަސައްކަތް ކުރުމަށް ޔޫނިއަންގެ ފަރާތުން ތައްޔާރަށް އޮތްކަން ޔުނިއަން އިން ފާހަގަކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.
"މިހާތަނަށް ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން އިން ހިއްސާކުރި ގޮންޖެހުންތަކަށް ހައްލު ގެނެވިފައިވާ މިންވަރު ހިއްސާ ކުރެވުނު،" މިނިސްޓްރީން ބުންޏެވެ. "އަދި ބޮޑުކަންނެލީގެ މަސްވެރިކަން ދުވަހެއް ދުވަހަކަށް ހީނަރުވަމުންދާތީ، މި މަސްވެރިކަން ތަރައްޤީކޮށް އާމްދަނީ އިތުރު ކުރުމަށާއި ޒުވާނުން މި މަސްވެރިކަމަށް ނެރުމަށް ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރެވުނު."
މި ސަރުކާރުން ބުނެފައިވާ ގޮތުގައި ބޮޑުކަންނެލީގެ މަސްވެރިކަމުގެ ދާއިރާ ކުރިއަރުވަން ސަރުކާރުން މަސައްކަތް ކުރާނެ އެވެ. އެގޮތުން ބޮޑުކަންނެލީގެ މަސްވެރިންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ބަނދަރެއް ވެސް ހަދަން ނިންމާފައިވެ އެވެ.
މިދިޔަ ފެބްރުއަރީ މަހު މިނިސްޓަރު ޝިޔާމު ވިދާޅުވެފައިވާ ގޮތުގައު އެ ބަނދަރު ހަދަން ބޭނުންވާ ފައިސާ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިޑީބީ) އިން ހަމަޖެހިފައިވެ އެވެ.