ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރްއެޗް) އިން އެކަށީގެންވާ ރަގަޅު ޚިދުމަތްތަކެއް ނުލިބުމަކީ އައްޑޫ ސިޓީގެ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމެވެ. ހޮސްޕިޓަލުގެ އިމާރާތުގެ ފެންވަރާއި އަދި ތަނުގެ މުވައްޒަފުންނާއި މެދު އަބަދުވެސް ރައްޔިތުންގެ ޝަކުވާތައް އޮންނަނީ ފުނި ޖެހިފައެވެ.
ހޮސްޕިޓަލުގެ މުވައްޒަފުން ކުރާ ބުރަ މަސައްކަތުގެ އަގު ގިނަފަހަރަށް ވަޒަން ނުކުރެވުމުގެ އެންމެ ބޮޑު އެއް ސަބަބަކަށް ވެފައިވަނީ ބައެއް މުވައްޒަފުންގެ އެމީހުންގެ ޒިންމާތައް އަދާކުރުމުގައި ފަރުވާކުޑަ ކޮށްލެވުމުގެ ސަބަބުން ދިމާވާ ހިތާމަވެރި ހާދިސާތަކެވެ.
މިއަދު ވެސް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި މަސައްކަތް ކުރާ ޑޮކްޓަރެއްގެ "އިހުމާލުން" ސ.ހިތަދޫ ރޯޝަނީގޭ އިބްރާހިމް ޒާހިރް ވަނީ ނިޔާވެފައެވެ.
އާއިލާގެ ފަރާތުން ބުނާ ގޮތުގައި އިބްރާހިމްގެ މޭމަތީގައި ރިއްސާތީ ، ޑޮކްޓަރަށް ދެއްކުމަށް ދިޔުމުން އެއީ "ގޭސްޓްރިކް މައްސަލައެއް" ކަމަަށް ބުނެ ޑޮކްޓަރު މާ ބޮޑު ސަމާލުކަމެއް ނުދެއްވައެވެ.
އެހެންވެ ޑޮކްޓަރަށް ލިޔެދިން ބޭސް ނެގުމަށް އިބްރާހިމް އާއި އެކު އޭނާގެ އަންހެނުން ދިޔައީ ހޮސްޕިޓަލުގެ ތެރޭގައި ހުންނަ އެސްޓީއޯ ފާމަސީއަށެވެ. ޑޮކްޓަރު ލިޔެދެއްވި ބޭހުގެ އެ ބްރޭންޑް ފާމަސީއިން ލިބެން ނެތުމުން އެނބުރި ޑޮކްޓަރު ގާތަށް ދިއުމަށް މިސްރާބު ޖެހީއެވެ.
ނަމަވެސް އެވަގުތު އިބްރާހިމްގެ މޭގައި ވަރަށް ގަދައަށް ރިއްސަން ފެށުމުން އޭނާ ދުވެފައި ގޮސް ހޮސްޕިޓަލުގެ އިމަޖެންސީ ރޫމަށެވެ.
އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި އިމަޖެންސީ ރޫމުގެ އެނދުގައި އިށީނުމާއި އެކު އިބްރާހިމް ހުއްޓިގެން ވެއްޓުނެވެ.
"ޑޮކްޓަރުން އައިސް ތަޅުވަން ފެށީމާ ނޭވާލާން ފެށި. ދެން ވެއްދީ އައިސީޔޫއަށް"، އިބްރާހިމްގެ އާއިލާގެ މީހަކު ބުންޏެވެ.
އައިސީޔޫގައި އިބްރާހިމް އަށް ފަރުވާ ދެމުން ދަނިކޮށް އޭނާ ނިޔާވިކަން ޑޮކްޓަރުން ކަށަވަރުކޮށްދިނީ އެގާރަ ޖަހަން އުޅެނިކޮށެވެ. ހާޓް އެޓޭކެއް ޖެހިގެން އިބްރާހިމް ނިޔާވުމުގެ ކުރިން އެކަށީގެންވާ ފަރުވާއެއް ހޮސްޕިޓަލުން އޭނާ އެންމެ ފުރަތަމަ ބެލި ޑޮކްޓަރު ދީފައި ނުވުމަކީ އާއިލާގެ ފަރާތުން ހޮސްޕިޓަލުގެ "އިހުމާލެއް" އެކަމުގައި ވާކަމަށް ގަބޫލުކުރާ އެންމެ ބޮޑު ސަބަބެވެ.
"މި މައްސަލަ ދިމާވެގެން ބޭބެ އައިސީޔޫގައި އޮތް އިރު ތިން ޑޮކްޓަރުން އެތެރޭގައި ތިބި. އޭގެ ތެރެއިން އެކަކީ ބޭބެ ބެލި ޑޮކްޓަރު. އޭނާ ދިމާއަށް އެތަނުގައި ތިބި ދެ ޑޮކްޓަރަކު ވެސް ބުނި މޭމަތީގައި ރިއްސާ ވާހަކަ ބުނީމަ އީސީޖީ ހަދައި އިތުރަށް ބަލަން ޖެހޭނޭ. އަދި ހިތްހަމަނުޖެހިގެން އޭނާ އެތަނުން ނެރެވެސް ލި. އެހެންވެ ގަބޫލް ކުރެވެނީ މީގައި ޑޮކްޓަރުގެ އިހުމާލެއް އޮތް ކަމަށް،” އިބްރާހިމް ޒާހިރަށް ބޮޑުބޭބެ ވިދާޅުވާ، ހިތަދޫ މެދު ދާއިރާގެ ކައުންސިލަރ ހުސައިން ހިލްމީ މީޑިޔާއަކަށް ދިން އިންޓަވިއުއެއްގައި ބުނެފައިވެއެވެ.
'އައްޑޫލައިވް' އާއި ވާހަކަ ދެއްކި އައްޑޫއަށް ނިސްބަތްވާ ޑޮކްޓަރަކު ބުނި ގޮތުގައި މޭގައި އެވަރަށް ރިއްސައިގެން މީހަކު ދިޔުމުން އާންމު ގޮތެއްގައި އެންމެ ކުޑަމިނުން އީސީޖީ އެއް ހައްދާނެ ކަމަށެވެ. އެހެން ނަމަވެސް އިބްރާހިމް ޒާހިރްގެ އީސީޖީއެއް ހައްދާފައި ނުވަނީ ކީއްވެގެން ކަން ބުނަން ނޭނގޭ ކަމަށް އޭނާ ބުންޏެވެ.
އިބްރާހިމް ޒާހިރްގެ އާއިލާއިން ބުނާގޮތުގައި ހޮސްޕިޓަލުގެ "އިހުމާލުން" އެ ހާދިސާ ހިނގި ކަމުގައި ވިޔަސް އެކަން ބޮޑު މައްސަލަގަނޑަކަށް ހަދައިގެން ދިމަދިމާލަށް ދާކަށް އާއިލާއިން ބޭނުމެއް ނުވެއެވެ.
ނަމަވެސް އެމީހުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އެ މައްސަލައިގައި ހިތަދޫ ހޮސްޕިޓަލުގެ އިސްވެރިން ވާހަކަ ދައްކަން ދެކޮޅު ހެދުމެވެ.
"އަޅުގަނޑުމެންގެ ރަށުގެ މީހުން އެތަނުގައި ވެސް ތިބީ. ޝާހު އަކީ ވެސް އަޅުގަނޑުމެން ފަދަ އިންސާނެއް. ޤަބޫލުކުރަން އިންސާނުންނަށް ކުށް ކުރެވިދާނެ ކަމަށް. ޑޮކްޓަރު ބްލޭމް ކުރަނީ އެއް ނޫން. އެކަމަކު އަޅުގަނޑުމެން ބޭނުންވަނީ މިފަދަ ކަންތައް ތަަކުރާރު ވިޔަ ނުދިނުމަށް" އިބްރާހިމް ޒާހިރްގެ ގާތް މީހަކު ބުންޏެވެ.
ހާޓް އެޓޭކެއް ޖެހިގެން އިބްރާހިމް ޒާހިރް ނިޔާވި މައްސަލައިގައި ފަހަރެއްގައި ޑޮކްޓަރުގެ އިހުމާލެއް ނެތިވެސް ހިނގައިދާނެއެވެ. ނުވަތަ އެކަމުގައި ޑޮކްޓަރުގެ އިހުމާލެއް އޮތުމަކީ ވެސް ހަމަ އެކަށީގެންވާކަމެކެވެ. ސިއްޙީ ހިދުމަތް ދޭން ތިބޭ ފަރާތްތަކުގެ އިހުމާލުން ހިނގާ މިފަދަ ހިތާމަވެރި ހާދިސާތައް މަދު ކުރުމަކީ މުޖްތަމަޢްގެ އެންމެންގެ ލާބައާއި މަންފާއަށް ޓަކައި ކޮންމެހެން ވެސް ކުރަން ޖެހިފައިވާ ކަމެކެވެ.
ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ ސްޓާފަކަށް ނުވަތަ ޑޮކްޓަރަކަށް ވެސް ގޯހެއް ހެދިފައިވާ ނަމަ އެކަމަށް މަޢާފަށް އެދުމަކީ އެންމެ ރީތި ގޮތެވެ. އަޅުގަނޑުމެންގެ މުއައްސަސާތަކުގެ އިސްވެރިންނަަކީ އެބޭފުޅުންނާއި ހަވާލު ކުރެވިފައިވާ ޒިންމާތަކުން ރެކެން މަސައްކަތް ކުރުމުގެ ބަދަލުގައި ޒިންމާތައް އަދާކުރައްވާ ވެރިން ކަމުގައި ވާން ޖެހެއެވެ. ކުށް ކުރެވެނީ އިންސާނުންނަށެވެ. އުއްމީދަކީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ ފަރާތުން މިއަދު ދިމާވި ހިތާމަވެރި ހާދިސާ ހިނގި ގޮތް ތަހުގީގް ކޮށް އެފަދަ ކަންތައް ތަކުރާރު ނުވާނެ ގޮތަކަށް ފިޔަަވަޅު އެޅުމެވެ. އެ ޤާބިލުކަން ހޮސްޕިޓަލްގެ އިސްވެރިންގެ ކިބައިގައި ހުންނާނެ ކަމާއި މެދު އައްޑޫ ރައްޔިތެއްގެ ހައިސިއްޔަތުން ޝައްކެއް ނުކުރަމެވެ.
ދުޢާ އަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ އިބްރާހިމް ޒާހިރްގެ ފުރާނައަށް ރަޙްމަތް ލައްވައި އެބޭފުޅާއަށް ސުވަރުގޭގެ ނިއުމަތް މިންވަރު ކުރެއްވުމެވެ. އަދި މިހިތާމަވެރި ދަނޑިވަޅުގައި އާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުޢާކުރަމެވެ. އާމީން !