ރައީސް ޑރ. މުހައްމަދު މުއިއްޒު ދިރިއުޅުއްވަމުން ގެންދަވާ ރިޔާސީގަނޑުވަރު، މުލިއާގޭ ބަޖެޓުން ރައީސްގެ އާއިލާ އަށް ބޮޑު ހަރަދުތަކެއް ކުރަމުންދާ ކަމަށް ބުނެ ފަތުރަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް މުލިއާގޭގެ ކަންކަން ބެލެހެއްޓެވުމާ ހަވާލުވެ ހުންނެވި މިނިސްޓާ އެޓް ދަ ޕްރެޒިޑެންޝަލް ޕެލަސް އިގުބާލް އާދަމް ވިދާޅުވެއްޖެ އެވެ.
ރައީސް ފަރިއްކުޅުއްވަން އާރަށަށް ގެންދަން ގަތް ކަމަށް ބުނާ ތަކެތީގެ ރަސީދެއް ސޯޝަލް މީޑިއާގައި ދައުރުވެ، އެ ވާހަކަ ބައެއް މީޑިއާތަކުން ވެސް ގެނެސްދީފައި ވަނިކޮށް ދައުލަތުގެ މީޑިއާ، ޕީއެސްއެމްގައި އިގުބާލް ވިދާޅުވީ ކުރީގެ އެކިއެކި ރައީސުން ރަސްމީ ބަޖެޓުން ފަރިއްކޮޅަށް ކުރެއްވި ހަރަދުތައް މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރެއްވި ހިސާބުން ފެށިގެން ކުރައްވާ ހަރަދުތައް އެތައް ގުނައެއް ކުޑަވާނެ ކަމަށެވެ.
އޭނާ ވިދާޅުވީ ހުރިހާ ހަރަދެއް ވެސް ކުޑަވާނެ ގޮތަށް ކުރެއްވުމަށް ރައީސް ލަފާ ވެސް ދެއްވާފައިވާ ކަމަށެވެ. އެވެ. އަދި މުލިއާގޭ ހަރަދުތައް ބަލަހައްޓަނީ އެ އުސޫލުން ކަމަށް އިގުބާލް ވިދާޅުވި އެވެ.
"ކިރިޔާ ވެސް ކުރަން ޖެހޭ ހަރަދެއް ނޫނިއްޔާ އަޅުގަނޑުމެން ނުކުރާނެ." އޭނަ ވިދާޅުވި އެވެ.
އިގްބާލު ވިދާޅުވީ ރާއްޖޭގެ އިގުތިސާދީ ޙާލަތު އެހާ ދަތިކޮށް އޮތް ދަނޑިވަޅެއްގައި ޚަރަދުތައް ކުޑަކުރެއްވުމަށް ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދަވަނިކޮށް ބުހުތާނު ދޮގު ޚަބަރު ފެތުރުމަކީ ރައްޔިތުންނަށް އެކަންކަމުގެ ހަޤީޤަތް ވަރަށް ބޮޑަށް އޮޅި ރައްޔިތުންގެ މެދުގައި ފަސާދަ އުފެދޭނެ ކަމެއް ކަމަށެވެ.