ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތް ފަހުން ރާއްޖެ އަށް އެތައް ގެއްލެމުން ލިބެމުންދާ ކަމަށާއި މި ވެރިކަމުން މިންޖުވާން ޖެހޭ ކަމަށް ވިދާޅުވެ، އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ދެއްކި ވާހަކަތަކަށް ކުރީގެ ޕްރޮސެކިއުޓާ ޖެނަރަލް މުހްތާޒު މުހުސިން ވަރުގަދަ ރައްދެއް ދެއްވައިފި އެވެ.
މިދިޔަ ސަރުކާރުގައި ހޯމް މިނިސްޓަރުކަން ކުރެއްވި އިމްރާން މިދިޔަ އަހަރު ރާއްޖެ ދޫކުރައްވައި ތައިލޭންޑަށް ދިރިއުޅުން ބަދަލުކޮށްފައިވާތީ އެކަމާ ވެސް ގުޅުވައި މުހްތާޒް ވިދާޅުވީ 100 ޕަސެންޓް އިސްލާމީ ގައުމަކުން، މުންކަރާތުގެ ބިމަކަށް ހިޖުރަކޮށް ދޮގާއި މަކަރުވެރިކަމުގެ ތާރީހެއް އޮތް ބޭފުޅަކު އިސްލާމީ ވެރިކަމަކުން މިންޖުވާން ގޮވާލުމަކީ ހުތުރުވެގެންވާ ލަދުވެތި އަމަަލަކަށް ނޫނީ ނުވާނެ ކަމަށެވެ.
އިމްރާން ވިދާޅުވެފައި ވަނީ ރައީސް މުއިއްޒު ވެރިކަމުގައި ހުންނަވާ ކޮންމެ ދުވަހަކު އެތައް ގެއްލުމެއްވާ ދިވެހި ގައުމަށް ވަމުންދާ ކަމަށެވެ.
"ރައީސް މުއިއްޒު ވެރިކަމުގައި ހުންނަވާ ކޮންމެ ދުވަހަކީ މުޅި ދިވެހި ދައުލަތާއި ދިވެހި ރައްޔިތުންނަށް އެތައް ގެއްލުމެއްވާ ދުވަހެއް،" އޭނަ ވިދާޅުވެފައިވެ އެވެ. "މިކަމުން ދިވެހިން މިންޖުވާން އެބަ ޖެހޭ." ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ހޯމް މިނިސްޓަރުކަން ކުރައްވާފައިވާ އިމްރާން ވިދާޅުވި އެވެ.