Last Updated: April 18, 20:01
Friday, April 18, 2025
ޚަބަރު

ރައީސަށް ދެވަނަ ދައުރެއް ވެސް ދޭން ޖެހޭ

ރާއްޖޭގައި ލާމަރުކަޒީ ނިޒާމު އިތުރު ހަރުފަތަކަށް ގެންދިއުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެވަނަ ދައުރަކަށް ހޮވަން ޖެހޭ ކަމަށް ލޯކަލް މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވެއްޖެ އެވެ.

އއ. އުކުޅަހުގައި މިހާރު ކުރިއަށްދާ "ރަށްވެހިންގެ ސައްލާ" ފެއްޓުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ
ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ރައްޔިތުން ބާރުވެރި ކުރުމުގެ ސަޤާފަތެއް އުފެެއްދުމަށްޓަކައި ޓަކައި ރައީސަށް އިތުރަށް ދައުރެއް ދިނުން މުހިއްމު ކަމަށެވެ.

"ރައީސް ގެންދަވަނީ ވަރަށް ހަރުދަނާ މަސައްކަތްޕުޅުތަކެއް ކުރައްވަމުން. އެހެންކަމުން ލާމަރުކަޒީ ނިޒާމު އިތުރު ހަރުފަތަކަށް ގެންދިއުމަށް ޑރ މުޙައްމަދު މުޢިއްޒު ދެ ވަނަ ދައުރަކަށް ހޮވަން ޖެހޭ." އާދަމް ޝަރީފު ވިދާޅުވި އެވެ.

އޭނަ ވިދާޅުވީ ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމުގެ ވާހަކަ ދެއްކިއަސް، ރައްޔިތުން ބަލައިގަންނަ ފަދަ ނިޒާމަކަށް އެ ނިޒާމު ވެފައި ވަނީ މި ސަރުކާރާ ގުޅިގެން ކައުންސިލްތަކުން ހަރުދަނާ އަދި އޮއްޓަރު ހުރި ކަންތައްތަކެއް ކުރެވިގެން ކަމަށެވެ.

ތިން ދުވަހަށް ކުރިއަށް ގެންދާ "ރަށްވެހިންގެ ސައްލާ" އަކީ ލޯކަލް ގަވަރަމަންޓް އޮތޯރިޓީ (އެލްޖީއޭ) އާއި ލޯކަލް މިނިސްޓްރީ އާއި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ލޯކަލް ގަވަނަންސާއި، ޔޫކޭ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓާއި އަދި ޔޫއެންޑީޕީ ގުޅިގެން ކުރިއަށް ގެންދާ މަޝްވަރާ ބައްދަލުވުމެކެވެ.

މި ސައްލާގައި ކުރިއަށް ގެންދާ މަޝަވަރާ ބައްދަލުވުމުގައި މައިގަނޑު 7 ދާއިރާއަކުން މަޝްވަރާތައް ކުރިއަށް ގެންދާނެ އެވެ.

އޭގެ ތެރޭގައި ހިމެނެނީ:

1. ޕަބްލިކް ޕާޓިސިޕޭޝަން
2. ރައްޔިތުންގެ ބައިވެރިވުން އިތުރުކުރެވިދާނެ ގޮތްތައް
3. ކައުންސިލްތަކުން ހިންގާ ޙަރަކާތްތަކުގައި މުޖުތަމަޢުގައި އެކަހެރިކުރެވިފައިވާ ފަރާތްތައްބައިވެރިކުރުވުން
4. އިފެކްޓިވް ކޮމިޔުނިކޭޝަން
5. ރައިޓް ޓު އިންފޮމޭޝަން، އޯޕަން ގަވަރމަންޓް
6. ލާމަރުކަޒީ ނިޒާމުގައި މަދަނީ ޖަމްޢިއްޔާތަކުގެ ބައިވެރިވުން
7. ރައްޔިތުން ބައިވެރިކުރުމަށް ކައުންސިލްތަކަށް މަސައްކަތްކުރެވިދާނެ ގޮތްތައް

މި ބައްދަލުވުމުގައި ކައުންސިލްތަކުގެ ބައެއް ރައީސުންނާއި، މެންބަރުންނާއި އަދި އެސްޖީންނާއެކު ޖުމްލަ 55 ބޭފުޅަކު ބައިވެރިވެ އެވެ.