Last Updated: April 18, 20:01
Friday, April 18, 2025
މުނިފޫހިފިލުވުން

"ސޮރީ" ގެ ޕޯސްޓަރުތަކެއް

ޖޫން މަހު ރިލީޒްކުރަން ހަމަޖެހިފައިވާ ޑައިރެކްޓަރު ފާތުމަތު ނަހުލާގެ އާ ފިލްމު "ސޮރީ" ގެ ދެ ޕޯސްޓަރެއް އާންމުކޮށްފި އެވެ.

މި މަހުގެ 8 ވަނަ ދުވަހުގެ ރޭ ފިލްމުގެ ޓްރެއިލާ އާންމުކުރި ފަހުން، ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވާ މި ފިލްމަކީ ނަހުލާގެ އާންމު ސްޓައިލްގައި ގެނެސްދޭ ރުއިން ގިނަ އަސަރު ގަދަ ލޯބީގެ ފިލްމެކެވެ.

ދިވެހި ފިލްމުތަކަށް ލޯބިކުރާ މީހުން މި އަހަރު އެންމެ އިންތިޒާރުކުރާ އަދި އަހަރުގެ އެންމެ އުންމީދީ އެއް ފިލްމުގެ ގޮތުގައި ފާހަގަކޮށްލެވޭ "ސޮރީ" އަކީ ނަހުލާ ލިޔެ، ޑައިރެކްޓްކޮށް އޭނަގެ އަމިއްލަ ޕްރޮޑަކްޝަން ހައުސް، ކްރިސްޓަލް އެންޓަޓައިންމަންޓުން ގެނެސްދޭ ފިލްމެކެވެ.

ޖޫން މަހުގެ 17 ވަނަ ދުވަހުގެ ރޭ އޮލިމްޕަހުގައި ޕްރީމިއާކުރަން ހަމަޖެހިފައިވާ މި ފިލްމުގެ މައިގަނޑު ތަރިންނަކީ ޔޫސުފް ޝަފީއު (ޔޫއްޕެ) އާއި މަރިޔަމް އައްޒަ އާއި އަހުމަދު އީސަ (އާނަންދު) ގެ އިތުރުން ވާޝިޔާ މުހައްމަދެވެ. އަދި ހާއްސަ ރޯލުތަކަކުން ކުޑަ ދެ އަންހެން ކުދިން ވެސް ފެންނާނެ އެވެ. އެއީ ނަހުލާގެ ހަގު ދަރިފުޅު ލާލި އާއި މާމަދަރި އެވްލީ އެވެ.

"ސޮރީ" ގެ ކާސްޓްގައި ޝީލާ ނަޖީބް، އަލީ ޝަމީލް، އައިމިނަތު ރަޝީދާ (އައިންތު) އަދި ކުރީގެ އެކްޓަރު ހުސައިން ސޮބާހް ވެސް ހިމެނެ އެވެ.

ނަހުލާ ބުނި ގޮތުގައި މި ފިލްމު ހަދާފައި ވަނީ ދިވެހި އާއިލާތަކުގެ ތެރޭގައި އޮތް މުހިއްމު ބޮޑު މައްސަލައަކަށެވެ. އެހެންވެ މިއީ އެންމެން ވެސް ބަލާލަން ޖެހޭ ކަހަލަ ފިލްމެކެވެ. އަދި "ސޮރީ" ބަލާފައި މީގެ ޕްލޮޓާ މެދު ބެލުންތެރިން ވަރަށް ފުންކޮށް ވިސްނާނެ ކަމަށް ނަހުލާ ބުންޏެވެ.

އޭނަ އަކީ ކުރިން ވެސް ވަރަށް ރީތި އަދި ކާމިޔާބު ފިލްމުތަކެއް ގެނެސްދީފައިވާ ޑައިރެކްޓަރެކެވެ. އޭގެ ތެރޭގައި "ކަލާޔާނުލާ"، "ނާއުންމީދު"، "ޒުލޭހާ" އަދި "ޔޫސުފް" ހިމެނެ އެވެ.