ހުޅުމާލޭގައި ރޭ ސައިކަލުން ވެއްޓި ބޮޑެޔި ގެއްލުންތަކެއް ލިބުނު ޒުވާނަކަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން އެބަދެ އެވެ.
އުމުރުން 29 އަހަރުގެ އެ ޒުވާނާ އަށް ފުރަތަމަ ފަރުވާ ދިނީ ހުޅުމާލޭ ހޮސްޕިޓަލްގަ އެެވެ. އޭގެ ފަހުން އޭނަ އައިޖީއެމްއެޗަށް ބަދަލުކުރީ އެވެ.
ހުޅުމާލޭ ފޭސް އެކަކާއި ދޭއް ގުޅުވައިދޭ ބްރިޖުން އަރައިގެން ދަނިކޮށް ވެމްކޯ ސައިޓު ކައިރިން ސައިކަލުން ވެއްޓި އަނިޔާވި ޒުވާނާގެ ބޮލަށާއި ކަނދުރާއަށް ވަރަށް ބޮޑަށް އަނިޔާވެފައިވެ އެވެ. އޭނަ ސައިކަލުން ވެއްޓުނީ ދުއްވާފައި ދަނިކޮށް ކުއްލިއަކަށް ބަންޕަރެއް ފެނިގެން ސައިކަލުގެ ބުރެކި ޖެއްސި ވަގުތު ސައިކަލު ކަހާލައިގެން ވެއްޓި ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.
މި ހާދިސާގެ އިތުރުން ރޭ ހުޅުމާލޭގައި އިތުރު އެކްސިޑެންޓެއް ވެސް ހިނގާފައިވެ އެވެ. ދެ ސައިކަލް ޖެހި ހިނގި ހާދިސާގައި ޒުވާން އަންހެނަކަށް އަނިޔާވި ނަމަވެސް ސީރިއަސް ގެއްލުމެއް ނުވެ އެެވެ.
ރޭ ދަންވަރު ލ. ލިންކް ރޯޑްގައި ސައިކަލަކުން ވެއްޓުނު ޒުވާނަކު މަރުވެފައިވެ އެވެ. އެއީ މާބައިދޫ، ސޫރަޖްވިލާ، އިބްރާހިމް ނައުޒަމް، 30، އެވެ.