Last Updated: April 12, 21:53
Saturday, April 12, 2025
ރިޕޯޓް

އީކުއޭޓާ މައްސަލާގައި ޓޫރިޒަމް މިނިސްޓަރު ނިދާފައި!

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ތަރައްޤީގެ ތެރޭގައި ހިމެނޭ މަގު ހެދުން އީކުއޭޓަ ވިލެޖުގެ އޮކޮމޮޑޭޝަނަކާ ޖެހި މުޅި ޕްރޮޖެކްޓު މި ވަނީ ހުއްޓައިލާ ހިސާބުގަ އެވެ.

މި މައްސަލާގައި އީކުއޭޓށ ހިންގަމުން އަންނަ މޫކައި އިން ސަރުކާރަށް ޑިމާންޑު ކުރަމުން އަންނަނީ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުން އީކުއޭޓަ އަށް ކުއްޔަށް ދީފައިވާ ބިމުގެ ބަދަލުގައި 24 މިލިއަން ޑޮލަރު ނުވަތަ 370 މިލިއަން ރުފިޔާއަށެވެ.

އީކުއެޓާގެ މުވައްޒަފުން ތިބޭ އޮކަމޮޑެޝަން ހިމެނޭ އިމާރަތަކީ އިނގިރޭސިން ގަމުގައި ތިބި ދުވަސްވަރު އަޅާފައިވާ އިމާރާތެކެވެ. އެތަނަކީ ކުރިން ގަން ބަލަހައްޓާ ޔުނިޓުން ބަލަހައްޓަމުން ދަނިކޮށް ރައީސް ނަޝީދުގެ ވެރިކަމުގައި ގަން ބަލަހައްޓާ ޔުނިޓު އުވާލައި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓަށް ބަދަލުކޮށްފައިވާ އިމާރާތެކެވެ. ނަމަވެސް އެއިމާރާތް ވަނީ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓަށް އެންގުމަކާ ނުލައި ޓޫރިޒަމް މިނިސްޓްރީން އީކުއޭޓަ ވިލެޖަށް ދީފަ އެވެ.

އިކުއޭޓަރގެ މުވައްޒަފުން ތިބޭ އިމާރާތަކީ 80 އަހަރަށް ވުރެން ގިނަ ދުވެސްވެފައިވާ ޢިމާރާތެކެވެ. އެ ޢިމާރާތަށް ކައިމޫގެ ފަރާތުން އެންމެ ރުފިޔާއެއް ވެސް ޚަރަދުކޮށްފައިވާކަން އެނގޭކަށް ނެތެވެ. އެގޮތުން ޕްރޮޖެކްޓުގައި ހިމެނޭ މަގު ހެދަން ނިންމާފައި ވަނީ މި ޢިމާރާތުގެ ބައެއް ހިމެނޭ ގޮތަށް ކަމަށްވާތީ މި ޢިމާރާތާ މެދު ގޮތެއް ނުނިމޭނަމަ މަގު ނުނިންމައި ޕްރޮޖެކްޓް ހުއްޓާލަން ޖެހިދާނެ ކަމަށް އިންފްރާސްޓްރަކްޗަ މިނިސްޓަރު ޑރ. މުއްޠަލިބު ވަނީ ވިދާޅުވެފަ އެވެ.

މި މައްސަލަ ހޫނު ވެފައިވާ އިރު، އަދިވެސް މި މައްސަލައާ ގުޅޭ ހިމެނޭ ސަރުކާރުގެ އެންމެ މުހިންމު މުއައްސަސާ ކަމަށްވާ ޓޫރިޒަމް މިނިސްޓްރީން އޮތީ ހިމޭނުންނެވެ. މި ބޮޑު މައްސަލައާ ގުޅިގެން މިހާތަނަށް އެޓާނީ ޖެނެރަލްއާ ވާހަކަ ދައްކަވައިގެން މި މައްސަލާގައި ޤާނޫނީ ހައްލެއް ހޯދުމަށް އެވެސް މަސައްކަތެއް ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ކޮށްފައިނުވާކަން އިތުބާރު ހުރި މަސްދަރަކުން ވަނީ ޔަގީންކޮށް ދީފަ އެވެ.

އަދި މި މައްސަލާގައި ޓޫރިޒަމް މިންސްޓަރު ތޯރިޤް އިބްރާހީމް ދައްކަވާ ބަހަނާ އަކީ އިންވެސްޓަ ކޮންފިންޑެންސް ގެއްލިދާނެތީ ކަމަށް ބުނެ ކަމަށް 'އައްޑޫ ލައިވް" އަށް ވަނީ އިތުބާރު ހުރިގޮތަކަށް އެނގިފަ އެވެ. މީގެ އިތުރުން މި ނޫހުން އިތުރަށް ބެލިއިރު މި މައްސަލާގައި ޓޫރިޒަމް މިނިސްޓަރުގެ އަމިއްލަ މަސްލަހަތު ހިމެނޭކަން ވެސް ވަނީ އެނގިފަ އެވެ.

އެއީ ކައިމޫގެ ޙިއްޞާދާރުންނަކީ ޓޫރިޒަމް މިނިސްޓަރުގެ އާޢިލީ މަސްލަހަތު ހިމެނޭ ބައެއްކަން ވެސް ވަނީ ޔަޤީންވެފައެވެ. މި މައްސަލަ އަކީ އައްޑޫގެ ތަރައްޤީއާއި ގުޅިފައިވާ އައްޑޫގެ ރައްޔިތުންގެ އިހުސާސްތަކާއި ގުޅިފައިވާ މައްސަލައަކަށްވާތީ، މިކަމާ ގުޅިގެން ސަރުކާރުން ކުރަން ޖެހޭ މަސައްކަތް ނުކޮށް އެއްބަޔަކު އަނެއް ބަޔަކު ކުއްވެރި ކުރަމުންނެވެ.

މި މައްސަލަ އަށް ހައްލެއް ހޯދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކަށީގެންވާ މަސައްކަތެއް ނުކުރާކަން ފާހަގަކުރެ އެވެ. މިކަމާ ގުޅިގެން މި މައްސަލަ ސަރުކާރުގެ އިދާރާތަކުގެ ސަމާލުކަމަށްގެނެސް އަދި އެކި އެކި ޕްލެޓްފޯމުތަކުގައި އައްޑޫ ރައްޔިތުންދަނީ އަޑުއުފުލަމުންނެވެ. މީގެ އިތުރުން ސަރުކާރުގައި ތިބި ވެރިކަންކުރާ ޕާޓީގެ އައްޑޫ ތަމްސީލުކުރާ މަޖިލިސް މެންބަރުންގެ ތެރެއިން ޕިއެންސީ އަށް ނިސްބަތްވާ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދި އަޒާން ފިޔަވައި އެހެން މެންބަރަކު މި މައްސަލައިގައި ސަރުކާރުގެ ތެރެއިން ހައްލު ހޯދުމަށް މަސައްކަތްކުރާ އެހެން މެންބަރަކު ވެެސް ނެތް ކަމަށް އައްޑޫ ރައްޔިތުން ބުނެ އެވެ.