Last Updated: April 12, 21:53
Saturday, April 12, 2025
ޚަބަރު

އައްޑޫ ފެރީގެ ހިދުމަތް ހުއްޓުމަކަށް!

ހިތަދޫ ބަނދަރުގައި އެމްޓީސީސީގެ ލޯންޗެއް. ފޮޓޯ/ އައްޑޫ ލައިވް

އެމްޓީސީސީން އަައްޑޫގައި ދޭ ފެރީގެ ހިދުމަތަށް ބޭނުންކުރާ ލޯންޗްތައް ހަލާކުވެ ހިދުމަތަށް ބުރޫ އަރައި، އާންމުންގެ ޝަކުވާތައް ބޮޑުވެއްޖެ އެވެ.

ހުޅުމީދު އާއި ފޭދޫ އަދި ހުޅުމީދު އާއި ހިތަދުއާ ދޭތެރޭގެ ދަތުރުރަކަށް މިހާތަނަށް ތިން ލޯންޗެއް ބޭނުން ކުރަމުން އައިސްފައިވެ އެވެ. އޭގެ ތެރެއިން އެެއް ލޯންޗަކީ ބެކަޕަކަށް ބޭނުން ކުރަން އޮތް އެއްޗެކެވެ. ނަމަވެސް އެ ލޯންޗް ހުވަދު އަށް އަތޮޅަށް ގެންގޮސްފައިވާތާ އެތައް ދުވަހެކެވެ.

އަނެއް ދެ ލޯންޗްގެ ތެރެއިން އެކަތި ހަލާކުވެގެން ބޭނުން ނުކުރާތާ ގިނަ ދުވަސްތަކެއްވެފައި ވަނިކޮށް، އެންމެ ފަހުން ބޭނުން ކުރަމުން އައި ލޯންޗަށް މައްސަލަތަކެއް ދިމާވެ، އޭގެ ދަތުރުތައް ވެސް މިއަދު ވަނީ ހުއްޓާލަން ޖެހިފަ އެވެ. މިކަމާ ގުޅިގެން ހުޅުމީދުން ފޭދު އާއި ހިތަދު އަށް އަންނަން ބޭނުންވި މީހުންނާއި އެ ދެ އަވަށުން ހުޅުމީދު އަށް އެނބުރި ދާން ބޭނުންވި އެތައް ބަޔަކު ތާށިވެފައިވެ އެވެ.

މިކަމާ ހެދި އެއާޕޯޓަށް ފުރަން ދިއުން ފަދަ ކަންކަމަށް ބޮޑު އަގުގައި ކުއްޔަށް ލޯންޗް ނަގަން ޖެހިފައިވާތީ ހުޅުމީދޫގެ ވަރަށް ގިނަ ބަޔަކު ދަނީ ކަންްބޮޑުވުން ފާޅުކުރަމުންނެވެ.

އަނެއްކޮޅުން މިއަދު ހަލާކުވި ލޯންޗުން ދަތުރު ކުރަން ޓިކެޓް ނެގި މީހުންނަށް ރިފަންޑް ވެސް ދީފައި ނުވާތީ އެކަމުގެ ކަންބޮޑުވުން ވެސް އުފެދިފައިވެ އެވެ.

އައްޑޫގެ ފެރީގެ ހިދުމަތަށް އެމްޓީސީން ފެރީ ދޯންޏެއް ވެސް ބޭނުން ކުރެ އެވެ. ނަމަވެސް އޭގެ ހާލަތު ދަށްކަމުން އެއަކުން އާންމުން ދަތުރެއް ނުކުރެ އެވެ. އޭގެ ބަދަލުގައި ދޯނިން އާންމުކޮށް އުފުލަނީ މުދަލެވެ.

އައްޑޫގައި އެމްޓީސީސީން ދޭ ހިދުމަތުގެ ފެންވަރު ދަށްވުމާއި އެ ހިދުމަތް ދޭން ތިބި ވެރިންގެ އިހުމާލުން، ދަތުރުފަތުރުގެ އަސާސީ މި ހިދުމަތަށް ބުރޫ އެރުމާ ގުޅިގެން ވަރަށް ގިނަ ބަޔަކު މިހާރު އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ. ބައެއް މީހުން ބުނި ގޮތުގައި މި ސަރުކާރު އައި ފަހުން ހިދުމަތް ވަނީ މީގެ ކުރިން ދަށްނުވާ ވަރަށް ދަށްވެފަ އެވެ.

އެމްޓީސީސީގެ އައްޑޫގެ ފެރީގެ ހިދުމަތް ބޮއްސުންލައިގެން ދިޔަ މައިގަނޑު ސަބަބަކީ ޒިންމާދާރު ބަޔަކު ކަމާ ހަވާލުވެފައި ނެތުމާއި މި ހިދުމަތް ދެމުންދާ ގޮތް ސަރުކާރުން ނުބަލައި ދޫކޮށްލައިފައި އޮތުމެވެ. އެހެންވެ އެކި ފެންވަރުގައި މަގާމުތަކަށް މީހުން ލައިގެން ބޮޑު މުސާރަ ދެމުން އަންނަ އިރު، އައްޑޫގެ މި ހިދުމަތް ވީ އެންމެ އަވަހަކަށް ހައްލުކޮށް ދޭން ސަރުކާރަށް ވަރަށް ގިނަ ބަޔަކު އަންނަނީ ގޮވައިލަމުންނެވެ.

ހާއްސަކޮށް ޑރ. މުހައްމަދު މުއިއްޒު މިކަން ބައްލަވައި މި މައްސަލަ ހައްލުކޮށް ދޭން ބައެއް މީހުން ގޮވާލާފައިވެ އެވެ.

މިދިޔަ އަހަރުގެ ތެރޭގައި ވެސް އެމްޓީސީސީގެ އައްޑޫ ލޯންޗްތައް ހަލާކުވެ، ހިދުމަތަށް ވަރަށް ބޮޑަށް ބުރޫ އެރި އެވެ. ފެރީގެ ހިދުމަތުގެ އެ ކުންފުނިން އައްޑޫގައި ބަހުގެ ހިދުމަތް ވެސް ދެ އެވެ.