ކުއްލި ހާލަތްތަކުގައި އިންސާނީ އެހީ ފޯރުކޮށްދޭ އދ. ގެ އެޖެންސީއެއް ކަމަށްވާ އޮފީސް ފޯ ދަ ކޯޑިނޭޝަން އޮފް ހިއުމަނިޓަރޭނިއަން އެފެއާޒް (އޯސީއެޗްއޭ) އިން މުވައްޒަފުން މަދުކުރަން ނިންމައި، ނުވަ ގައުމެއްގައި އެތަނުގެ އޮޕަރޭޝަންތައް 'ހުއްޓާލަން' ނިންމައިފި އެވެ.
މިކަން އިއުލާންކޮށްފައި ވަނީ އޯސީއެޗްއޭގެ ވެރިޔާ ޓޮމް ފްލެޗާ މުވައްޒަފުންނަށް އެޑްރެސްކޮށް، އިއްޔެ އެތަނުގެ ވެބްސައިޓްގައި އާންމުކުރި ސިޓީއެއްގަ އެވެ. އޭގައި ބުނެﷲާއި ވަނީ އެޖެންސީގެ މުވައްޒަފުން މަދުކޮށް، ބައެއް ގައުމުތަކުގައި މަސައްކަތްތައް 'ހުއްޓައިލަން ނިންމީ' މި އަހަރު ފެށުނު ފަހުން ފަންޑް ލިބުމުގައި ހުރި ދަތިތަކާ ގުޅިގެން ކަމަށެވެ.
އެގޮތުން އަންދާޒާކުރި ވަރަށް ވުރެ މި އަހަރު ލިބޭ ފަންޑް 60 މިލިއަން ދަށްވާނެ ކަމަށް ބުނެފައިވެ އެވެ.
އެހެންވެ އޯސީއެޗްއޭ ހަރަކާތްތެރިވަމުން އަންނަ 60 އަށް ވުރެ ގިނަ ގައުމުން މުވައްޒަފުން މަދުކުރަން ނިންމާފައިވާ ކަމަށާއި އެ ނިސްބަތް 20 ޕަސެންޓަށް އަރާނެ ކަމަށް ބުންޏެވެ. އެގޮތުން އޯސީއެޗްއޭގެ 2،600 އެއްހާ މުވައްޒަފުންގެ ތެރެއިން 500 އެއްހާ މުވައްޒަފުން މަދުކުރާނެ އެވެ.
މީގެ އިތުރުން އެތަނުގެ މަސައްކަތްތައް ހުއްޓައިލަން ނިންމި ނުވަތަ މިހާރަށް ވުރެ ބޮޑަށް އޮޕަރޭޝަންތައް ދަށްކުރަން ނިންމި ުވަ ގައުމަކީ ކެމެރޫން، ކޮލަމްބިއާ، އެރިތުރިއާ، އިރާގް، ލީބިއާ، ނައިޖީރިއާ، ޕާކިސްތާން، ތުރުކީ އަދި ޒިމްބާބްވޭ އެވެ.
އޯސީއެޗްއޭ އިން ބުނީ އެ ގައުމުތަކުގައި އޮޕަރޭޝަންތައް މަދުކުރުމާއި މުވައްޒަފުން މަދުކުރުމުން އަހަރެއްގެ ތެރޭގައި ތެރޭގައި 3.7 މިލިއަން ޑޮލަރު ސަލާމަތް ކުރެވޭނެ ކަމަށެވެ.
ފްލެޗާ ވިދާޅުވީ މިފަދަ ބަދަލެއް ގެނައި ނަމަވެސް އިންސާނީ އެހީ އެންމެ ބޭނުން ޖެހޭ ދަނޑިވަޅުގައި ފޯރުކޮށް ދިނުމުގައި އޯސީއެޗްއޭ އިން ދެމިއޮންނާނެ ކަމަށެވެ. އަދި ފަންޑްގެ ތާށިކަމާ ހެދި ދެން މަސައްކަތްތައް ބައްޓަން ކުރާނީ ވީހާ ވެސް ހަރަދު ކުޑަކޮށް އެހީ ފޯރުކޮށް ދެވޭނެ އުސޫލުތަކަކަށް މަސައްކަތް ކުރުން ކަމަށޤ ވިދާޅުވި އެވެ.