ރާއްޖޭގައި މަސްތުވާތަކެތި ބޭނުން ކުރާ މީހުން އެ ވަބާއިން ސަލާމަތް ކުރަން ބޭނުންވާ ފަރުވާ އިންޑިއާގެ ފެސިލިޓީއަކުން ހޯދުމުގެ މަގުފަހިވެފައިވާ ކަމަށް ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން ބުނެފި އެވެ.
އެތަނުން ބުނީ ރާއްޖޭގެ އެޑިކްޓުންނަށް ބޭނުންވާ ފަރުވާ ދޭނީ އިންޑިއާގެ ކަލިސެރީގައި ހުންނަ ޑރ. ކޭއެމް ޗެރިއަމް އިންސްޓިޓިއުޓް އޮފް މެޑިސަލް ސައިންސެސްގައިގައި ކަމަށެވެ. އެތަނުން ދިވެހި އެޑިކްޓުންނަށް ފަރުވާ ހޯދުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފައި ވަނީ އެންޑީއޭގެ އެކްޓިން ސީއީއޯ މުހައްމަދު ރަޝާދު އިސްކޮށް ހުންނަވައިގެން އެތަނުގެ ވެރިންނާ އެކު ބޭއްވި ބައްދަލުވުމެއްގަ އެވެ.
އެގޮތުން މިހާރު ފަރުވާ ހޯދުމާ ގުޅޭ ގޮތުން އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް އެންޑީއޭ އިން ބުންޏެވެ. ނަމަވެސް މިކަމާ ގުޅޭ އިތުރު ތަފުސީލުތަކެއް އަދި ހާމައެއް ނުކުރެ އެވެ.
އެންޑީއޭ އިން ބުނީ ކޭއެމް ޗެރިއަމް އިންސްޓިޓިއުޓް އޮފް މެޑިސަލް ސައިންސެސްއާ އެކު ކުރެވުނު މަޝްވަރާގައި ދެ ފަރާތް ގުޅިގެން ކުރިއަށް އޮތް ތަނުގައ މަސައްކަތް ކުރުމަށާއި ރާއްޖޭގައި ފަރުވާގެ ކަންކަން އިތުރަށް ހަރުދަނާ ކުރުމާއި މަސްތުވާތަކެތީގެ މައްސަލަ ހައްލު ކުރަން ދެ ފަރާތް ގުޅިގެން އިތުރަށް ކުރެވިދާނެ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވެ އެވެ.
ރާއްޖޭގައި މިހާރު ވެސް އަންނަނީ އެކި ހިސާބުތަކުގައި ހަދާފައިވާ ރެހަބިލިޓޭޝަން ސެންޓަރުންތަކާއި ޑިޓޮކްސިފިކޭޝަން ސެންޓަރުތަކުން އެތައް ބަޔަކަށް ފަރުވާ ދެމުންނެވެ. އަދި ފަރުވާ ބޭނުންވެގެން ކިއުގައި ތިބި މީހުން ވެސް މަދެއް ނޫނެވެ.
މަސްތުވާތަކެތީގެ މައްސަލަ އަކީ ރާއްޖޭގެ އެންމެ ބޮޑު އިިޖުތިމާއި ވަބާ އެވެ.