އެންމެހައި ޙަމްދު ޘަނާއެއް ޙައްޤުވަނީ އިންސީންނާއި ޖިންނީން ޙައްދަވައި، އިންސާނުންނާއި ތަފާތު އެއްޗެއްކަމުގައި ޖިންނީން ހައްދަވައި އިންސާނުންނަށް ދެއްވާފައި ނުވާ ބާރާއި ކުޅަދާނަކަން ޖިންނީންނަށް ދެއްވެވި ގަދަ ކީރިތިވަންތަ ﷲ ތަޢާލާއަށެވެ. ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާ ކުރަނީ އިންސީންނާއި ޖިންނީންގެ ގާތަށް ނަބިއްޔެއް ކަމުގައި ފޮނުއްވެވި މާތް ނަބިއްޔާ محمد صلى الله عليه وسلم އަށެވެ. މިޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އެންމެހައި އާލު އަޞްޙާބުންނާއި ޤިޔާމަތާއި ޖެހެންދެން އެކަލޭގެފާނު ގެންނެވި ހިދާޔަތުގައި ހިފަހައްޓައިގެން ތިބިހާ ބަޔަކު ޝާމިލް ކުރަމެވެ.
ﷲ ތަޢާލާ ކީރިތި ޤުރުއާނުގައި ވަޙީ ކުރައްވާފައިވެއެވެ.
“ وَمَا خَلَقْتُ الْجِنَّ وَالإِنسَ إِلاَّ لِيَعْبُدُونِ” (الذاريات: 56)
“އަދި ތިމަން ﷲ، ޖިންނީންނާއި އިންސީން ތިމަން ﷲ އަށް އަޅުކަން ކުރުމަށް މެނުވީ ނުއުފައްދަވަމެވެ.”
މިއާޔަތުން އަޅުގަނޑުމެންނަށް ވަރަށް ގިނަގުނަ ޢިބްރަތްތަކެއް ލިބިދެއެވެ. ފުރަތަމަ ކަމަކީ، އިންސީންނާއި ޖިންނީން ހެއްދެވިފައިވަނީ ﷲއަށް އެކަނި އަޅުކަން ކުރުމަށް ކަމެވެ. ދެވަނަ ކަމަކީ އިންސާނުންނަކީ ﷲ ތަޢާލާ ހެއްދެވި މަޚްލޫޤުން ކަމެވެ. އަދި ހަމައެހެންމެ އަޅުގަނޑުމެންގެ ލޯތަކަށް ނުފެނުނު ކަމުގައި ވިޔަސް ޖިންނިއަކީވެސް އެއިލާހުގެ ހައްދަވާފައިވާ މަޚްލޫޤެއް ކަމެވެ. ތިންވަނަ ކަމަކީ، މި ދެ ބައިގަނޑުގެ ތެރޭގައިވެސް އެއިލާހަށް އީމާންވެ ހެޔޮ ޢަމަލު ކުރާ ބަޔަކު ވާނޭ ކަމާއި އަދި ހަމަ އެހެންމެ އެއިލާހަށް އުރެދި ބިންމަތީގައި ފަސާދަ އުފައްދާނޭ ބަޔަކު ވެސް ވާނޭ ކަމެވެ.
އާދެ މިއީ މިއާޔަތުގެ މަފްހޫމުން އަޅުގަނޑުމެންނަށް ދޭހަވާ ނުޤޫތާތަކުގެ ތެރެއިން ކުޑަ ނުޤުތާ ކޮޅެކެވެ.
ކޮންމެއަކަސް މިއަދު އަޅުގަނޑުމެން އުޅެމުން މިދަނީ މާއްދިއްޔަތަށް ގޮސް ހުސްވެފައިވާ ދުނިޔެއެއްގަ އެވެ. ނޫން ނަމަ މެޓީރިއަލިސްޓިކް ދުނިޔެއެއްގަ އެވެ. އަޅުގަނޑުމެންގެ ލޮލަށް ފެންނަ ކަންތައްތަކަކީ ތެދުކަމުގައި ޤަބޫލުކޮށް އަދި ލޮލަށް ނުފެންނަ ގިނަ ކަންތައްތަކަކީ ފަސޭހައިން ޤަބޫލު ކުރެވޭ ކަންތައްތަކެއް ކަމުގައިނުވެއެވެ. އެއީ ދީނީ ގޮތުން ޘާބިތު، އަދި އެކަމެއްގެ ހެއްކާއި ޤަރީނާއާއި ދަލީލު ޤުރުއާނާއި ސުންނަތުން ފެންނަން އޮތް ކަމެއް ކަމުގައި ވިޔަސްމެއެވެ. ޚާއްޞަކޮށް މިއަދުގެ ގިނަ ޒުވާނުންނަށެވެ.
އެހެން ނަމަވެސް ހިތާމަ އަކީ ތިމާމެންގެ ވިސްނުމާއި ފިކުރު އެހިސާބަށް ނުފޯރުވޭ ކަންކަމުގައި ވެސް، ސައިންސްވެރިއަކު ނުވަތަ ސައިކްލޮޖިސްޓަކު ވިޔަސް އެއްޗެކޭ ބުނެފި ނަމަ އެކަން ނިކަން ފަސޭހައިން ޤަބޫލުކޮށްލާކަމެވެ. އެއީ ތެދެއް ކަމުގައިވިޔަސް ނުވަތަ ދޮގެއް ކަމުގައި ވިޔަސްމެ އެވެ.
މި ނިކަމެތި އިންސާނާ އާއި މި ދުނިޔޭގައިވާހާ އެއްޗެއް ހެއްދެވި ގަދަ ކީރިތިވަންތަ ﷲ ތަޢާލާގެ ބަސްފުޅުތަކުން ޙަޤީޤަތް ފެންނަން އޮއްވައި ވެސް ތެދު މި ކުރެވެނީ އެއިލާހުގެ ކުޅަދުންވަންތަކަން ޤަބޫލު ނުކޮށް ތިބި ބައެއްގެ ބަހެވެ. އާދެ އެއީ އެއިލާހުގެ ކުޅަދުންވަންތަކަން ދަލީލުކޮށްދޭ ހެކިތައް އަޅުގަނޑުމެންގެ ވަށައިގެން ފުރިފައި ވާއިރުވެސްމެ އެވެ. އަޅުގަނޑުމެން ކިޔަވައި ތަމްރީނު ލިބި ޢަޤީދާ ބިނާކޮށްގެން މިއަންނަނީ އެފަދަ މީހުންގެ އަތްމަތީންނެވެ.
އަޅުގަނޑު މިތަނުގައި ބަޔާން ކުރަން މި އުޅެނީ ޖިންނީގެ ވާހަކައެވެ. އާދެ ޖިންނި މޮޔަވުމާއި، ޖިންނީން އިންސާނުންނަށް ގޯނާކޮށް އުނދަގޫކޮށް އުޅޭ ވާހަކައެވެ. މި ވާހަކަ ބަޔާންކޮށްލަން މި ޖެހުނީ، ރާއްޖޭގެ ރަށެއްގައި ކުދިންތަކެއް ޖިންނި މޮޔަވެ އަދި މިކަމުގެ ސަބަބުން މުޅި އެ ރަށަށް ބިރުވެރި ކަމެއް ކުރިމަތިވެފައިވާ ހިނދު، ބައެއް މީހުން މި މައްސަލައިގެ ޙަޤީޤަތާ މެދު ދެކެވިފައިވާ ވާހަކަތަކެއްގެ ސަބަބުންނެވެ. ވަކިން ޚާއްޞަކޮށް ބައެއް ނޫސްތަކުން، މީސްތަކުންނަށް މިކަމުގެ (ޖިންނި މޮޔަވެ ނުވަތަ އަވަލުމުގެ) ޙަޤީޤަތް އޮޅިދާ ފަދަ ގޮތަކަށް، ބައެއް ސައިކޭޓްރިސްޓުންގެ ބަސް ގެނެސް، އަޅުގަނޑުމެން މުސްލިމުންގެ ޢަޤީދާ އާއި ވެސް ފުށޫއަރާ ފަދަ ގޮތަކަށް އެވާހަކަތައް ޢާއްމުކުރެވި ފެތުރެމުންދާތީ އެވެ.
ކޮންމެއަކަސް އެކަހަލަ ވާހަކަތައް ފެތުރުމުގެ ކުރީގައި ދީނީ ގޮތުން މިކަން އޮތްގޮތެއް ސާފުކޮށް އެކަން މީސްތަކުންނަށް ބަޔާންކޮށް ދިނުން މުހިއްމު ކަމުގައި ފެނެއެވެ.
ޖިންނި އަވަލުމަކީ ނުވަތަ މޮޔަވުމަކީ ހަމަ ޙަޤީޤަތެކެވެ. އަޅުގަނޑުމެންނަށް އެކަން ޤަބޫލު ކުރެވުނު ކަމުގައިވިޔަސް ނުވަތަ ނުކުރެވުނު ކަމުގައި ވިޔަސްމެއެވެ. ޖިންނި މޮޔަވުމަކީ ކުޑައިރުއްސުރެ ކުއްޖާއަށް ޖިންނީގެ ވާހަކަތައް ކިޔައިދީގެން “ސުޕަ ނެޗުރަލް” ކަމަކަށް ކުއްޖާގެ ސިކުނޑި ލަންބުވައިގެން ވާކަމެއް ނޫނެވެ. އަދި ގަސްގަހުގައި އުޅޭ ޖިންނި އާއި ޖިންނި އަވަލާ ވާހަކައާއި ހަންޑިފަދަ ވާހަކަތައް ކިޔައި ދިނުމަކީ ކުއްޖާގެ ސިކުނޑި ދޮވެލުމެއް ވެސް ނޫނެވެ.
އެހެން ގޮތަކަށް ބުނާނަމަ “ބްރެއިން ވޮޝް” ކޮށްލުމެއްވެސް ނޫނެވެ. ޖިންނި މޮޔަވާ ކޮންމެ މީހަކީ މާސް ހިސްޓީރިއާއެއްގެ ސަބަބުން އެހެންވާ މީހެއް ވެސް ނޫނެވެ.
ޖިންނި އަވަލުމަކީ، މިކަހަލަ ކަމެއްގެ ސަބަބުން ދިމާވާ ކަމެކޭ ބުނާ މީހެއްނަމަ، އެމީހަކު އަވަހަށް ދީނުގައި މިކަން އޮތްގޮތް ހޯދައި ބަލަންވީ އެވެ. އެހެނީ އެގޮތަށް ޤަބޫލު ކުރުމަކީ އަޅުގަނޑުމެން މުސްލިމުންގެ ޢަޤީދާއާއި ޚިލާފްވެ ފުށުއަރާ ކަމެކެވެ. އެއްވެސް ޙާލެއްގައި މިތަނުގައި އަޅުގަނޑު މިބުނަނީ، ޖިންނިއާއި ހަންޑި އާއި ފުރޭތަ އާއި ބެހޭ ގޮތުން ރާއްޖޭގައި މީހުން ދައްކައި އުޅޭ ހުރިހާ ވާހަކަތަކަކީ ޙަޤީޤަތެކޭއެއް ނޫނެވެ. އަދި ދިމާވާ ނަފްސާނީ ކަމެއްގެ ސަބަބުން ވެސް އިންސާނާއަށް އެކަހަލަ ކަމެއް މެދުވެރި ނުވާނޭ ވާހަކައެއްވެސް ނޫނެވެ.
ކޮންމެއަކަސް މިއީ މާސް ހިސްޓީރިއާއެކޭ ވިދާޅުވާ ބޭފުޅަކު ވެސް އެ ރަށަށް ހިނގައްޖެ ނަމަ އެކަމާ ބިރުން އުޅޭނެކަން، ވަރަށް ޔަޤީނާއި ގާތަށް އަޅުގަނޑަށް ބުނަން ކެރެ އެވެ. އެހެނީ އިންސާނާ ޤަބޫލު ކުރިޔަސް ނުވަތަ ނުކުރިޔަސް މިފަދަ ކަންކަމުގެ ޙަޤީޤަތް، ﷲ ތަޢާލާ ވަނީ އިންސާނާގެ ފިޠުރަތުގައި ލައްވަވާފަ އެވެ.
މިތަނުގައި އަޅުގަނޑު ބަޔާންކޮށް ދޭން ބޭނުން ވަނީ، އިންސާނާގެ މައްޗަށް ޖިންނި ބާރު ފޯރުވައި ނުވަތަ ޖިންނި އަވަލަވައި ނުވަތަ ޖިންނި މޮޔަވުމަކީ ހަމަ ޙަޤީޤަތެއް ކަމެވެ. ޤުރުއާނާއި ސުންނަތުގައި މިކަމަށް ސީދާ ޞަރީޙަކޮށް ދަލީލުކޮށްދޭ އެތައް އާޔަތަކާއި ޙަދީޘްފުޅުތަކެއް އެބަވެއެވެ. އެހެން ނަމަވެސް މި ލިޔުމުގައި އަޅުގަނޑު އަލިއަޅުވާލާނީ އޭގެ ވަރަށް މަދު މިންވަރަކަަށެވެ.
ﷲ ތަޢާލާވަނީ ކީރިތި ޤުރުއާނުގައި ޖިންނި މޮޔަވުމުގެ މިޘާލު ޖައްސަވާފައިވެއެވެ. އެހެންކަމުން މިއިން ދޭހަކޮށްދެނީ މިއީ ހަމަ ޙަޤީޤަތެއް ކަމެވެ. ސޫރަތުލް ބަޤަރާގައި ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.
“الَّذِينَ يَأْكُلُونَ الرِّبَا لا يَقُومُونَ إِلا كَمَا يَقُومُ الَّذِي يَتَخَبَّطُهُ الشَّيْطَانُ مِنَ الْمَسِّ ” (البقرة: 275)
“ރިބާ ކާ މީހުން ދަންނައެވެ. ފަހެ ޝައިޠާނާ އަވަލުމުގެ ސަބަބުން މޮޔަވެ ދެބަންދިހާރަ ވެފައިވާ މީހަކު ތެދުވާ ފަދައިން މެނުވީ އެމީހުން ޤިޔާމަތް ދުވަހު ނުތެދުވާނެތެވެ.”
ޖިންނީގެ ގޯނާ އިންސާނާއަށް ފޯރާ އެތައް ގޮތްތަކެއްވެ އެވެ. މިގޮތުން އިންސާނާއަށް ނޭނގި ނަމަވެސް އެސޮރަށް ގެއްލުމެއް ދެވުން ނުވަތަ އެ ސޮރުގެ ޢާއިލާ މީހަކަށް ނުވަތަ ދިރިއުޅޭތަނަކަށް ގެއްލުން ދެވުން ހިމެނެ އެވެ. އަދި ހަމައެހެންމެ އޭގެ ސަބަބެއްކަމުގައި ސިޙުރުވެސް ހިމެނެ އެވެ.
ސިޙުރަކީ ﷲ ތަޢާލާ ޙަރާމް ކުރައްވާފައިވާ އެއްޗެއް ކަމުގައި ވީނަމަވެސް ސިޙުރު ޖެހުމަކީ ހަމަ ޘާބިތު ކަމެކެވެ. މިކަމަށް ދަލީލުކޮށްދޭ އެތައް އާޔަތްތަކާއި ޙަދީޘްފުޅުތަކެއް ވާރިދުވެފައިވެ އެވެ. މިގޮތުން ﷲ ތަޢާލާ މިދުނިޔޭގައި ލެއްވެވި އެންމެ ހެޔޮ އިންސާނާ ކަމުގައިވާ، އަޅުގަނޑުމެންގެ ލޮބުވެތި ނަބިއްޔާ محمد صلى الله عليه وسلم އަށްވެސް ވަނީ ސިޙުރު ޖެހިވަޑައިގެންފައެވެ. އެކަލޭގެފާނަށް ސިޙުރު ހެދީ، بني زريق އަށް ނިސްބަތްވާ ޔަހޫދީއެއް ކަމުގައިވާ لبيد بن الأعصم އޭ ކިޔުނު މީހެކެވެ. މިވާހަކަ ބުޚާރީ އާއި މުސްލިމްގައި ރިވާވެގެން ވެއެވެ. ސޫރަތުލް ފަލަޤް އާއި ނާސް ބާއްވާ ލެއްވުނީވެސް މިސަބަބަށްޓަކައި، ސިޙުރުން ރައްކާތެރިވެ ވަޑައިގަންނަވަން ވިދާޅުވާނޭ ދުޢާއެއްގެ ގޮތު ގައެވެ.
ކޮންމެއަކަސް އިންސާނާ އަށް އެކަމުގެ ޢިލްމެއް ނުވާ ނުވަތަ އިންސާނާގެ ލޯމައްޗަށް ނުފެންނަ ނުވަތަ އަޑު ނީވޭ ކަމެއްް ނަމަވެސް، އިތުބާރު ކުރެވޭ ފަރާތަކުން އެކަން ބަޔާންކޮށް ދީފައިވާ ނަމަ އެކަމެއް ޤަބޫލު ކުރުން ނޫން އެހެން ގޮތެއް އަޅުގަނޑުމެންނަށް އެބައޮތް ހެއްޔެވެ؟ ﷲ އާއި އެއިލާހުގެ ނަބިއްޔާއަށް ވުރެ އިތުބާރު ކުރެވޭ ވަކި އެހެން ފަރާތަކީ ފަހެ ކޮބައި ހެއްޔެވެ؟ ރަސޫލު ﷲ ޙަދީޘްފުޅު ކުރައްވާފައިވެ އެވެ.
” إِذَا سَمِعْتُمْ صِيَاحَ الدِّيَكَةِ فَاسْأَلُوا اللَّهَ مِنْ فَضْلِهِ ؛ فَإِنَّهَا رَأَتْ مَلَكاً ، وَإِذَا سَمِعْتُمْ نَهِيقَ الْحِمَارِ فَتَعَوَّذُوا بِاللَّهِ مِنَ الشَّيْطَانِ ؛ فَإِنَّهُ رَأَى شَيْطَاناً” (رواه البخاري:3303، ومسلم:2729)
“ހާލެއް ގޮވާ އަޑު ތިޔަބައިމީހުންނަށް އިވިއްޖެނަމަ، ފަހެ ﷲ ތަޢާލާގެ ފަޟްލުވަންތަވެރިކަމަށް އެދި ދުޢާ ކުރާށެވެ. އެހެނީ އެ ހާލަށް މަލާއިކަތް ބޭކަލެއް ފެނުނީއެވެ. (އެބަހީ އޭތި އެގޮވަނީ މަލާއިކަތް ބޭކަލެއް ފެނުމުންނެވެ.) އަދި ޙިމާރެއް ގޮވާ އަޑު އިވިއްޖެނަމަ، ﷲ ތަޢާލާގެ ޙަޟްރަތުން، ޝައިޠާނާގެ ނުރައްކަލުން ރައްކާތެރިކޮށްދިނުމަށް އެދޭށެވެ. އެހެނީ އެޙިމާރަށް ޝައިޠާނެއް ފެނުނީއެވެ. (އެބަހީ އޭތި އެގޮވަނީ ޝައިޠާނެއް ފެނުމުންނެވެ.)” އެހެން ބައެއް ރިވާޔަތްތަކުގައި ކުއްތާއަށްވެސް ޝައިޠާނާ ފެންނަކަމަށް ރިވާވެފައިވެއެވެ.
އަޅުގަނޑުމެންނަށް ނުފެންނަ ތަކެތި އެހެނިހެން ހައިވާނުންނަށް ފެނުމަކީ ހައިރާންވާންވީ ކަމެއް ނޫނެވެ. ސައިންޓިސްޓުން ހޯދާފައިވާ ހޯދުންތަކުން އެނގޭ ގޮތުގައި މާބުރުފަދަ ތަކެއްޗަށް އަލްޓްރާ ވައިލެޓްގެ ދޯދިތައް ފެނެއެވެ. އެހެންކަމުން އުޑުމަތި ބަނަ ދުވަހެއްގައިވެސް އެތަކެއްޗަށް އިރު ފެނެއެވެ. އަދި ހަމައެހެންމެ ބަކަމޫނަށް ރޭގަނޑުގެ އެންމެ ކަނު އަނދިރީގައި ވެސް މީދާ ފެނެއެވެ. އަދި ހަމަ މިގޮތަށް ފަހުގެ އިޖާދުތަކުގެ އެހީގައި ޘާބިތުވެފައިވާ ގޮތުގައި އަޅުގަނޑުމެންގެ ކަންފަތަށް ނަގައިނުގަނެވޭ އެތައްއަޑުތަކެއް ވެއެވެ. އަދި އެއަޑުތައް އެކަމަށް ޚާއްޞަ އާލާތްތަކުގެ އެހީގައި ދެނެގަނެވިފައި ވެއެވެ. (والله أعلم عن الصواب)
އެހެންކަމުން ޖިންނި އަކީ އުޅޭ އެއްޗެއް ނޫން ކަމަށް ޤަބޫލުކޮށް އަދި ޖިންނި މޮޔަވުމަކީ ހަމައެކަނި ނަފްސާނީ ގޮތުން ދިމާވާ ކަމެއްކަމަށް ޤަބޫލު ކުރާ މީހުންނަށް އަޅުގަނޑު ނަޞޭޙަތްތެރި ވަނީ ޙައްޤު ހޯދައި ޙައްޤަށް ރުޖޫޢަވުމަށެވެ.
ﷲ ތަޢާލާ ވޮޑިގެންވާކަމަށް އެތަކެއް ހެކިތަކެއްވާއިރުވެސް އެކަން ޤަބޫލު ނުކުރެވުނު ބަޔަކަށް އަދި މިފަދަ ކަމެއްް ޤަބޫލު ކުރެވޭނީ ކިހިނަކުންތޯއެވެ؟ ފަހެ ދުނިޔެއާއި އާޚިރަތުގެ ކާމިޔާބު އެދޭނަމަ ﷲ އާއި އެއިލާހުގެ ނަބިއްޔާގެ ބަސްފުޅުތަކުގެ މައްޗަށް އެފަދަ މީހުންގެ ބަސްބަސް އިސް ނުކުރާށެވެ. އެހެން ނޫންނަމަ ނޭނގި ހުއްޓާ ތިމާގެ އީމާންކަން ބާޠިލްވެ ހިނގައިދާނެއެވެ.
އެންމެހައި އަޚުންނާއި އުޚްތުންނަށް އަޅުގަނޑު ފޯރުކޮށް ދޭން ބޭނުންވާ މެސެޖަކީ، އެންމެ ފުރަތަމަ ކަމަކަށް ފަރުޟު ފަސް ނަމާދަށް ރައްކާތެރިވުމަށެވެ. އަދި އެއަށް ފަހު ﷲ ތަޢާލާ ވާޖިބު ކުރައްވާފައިވާ ކަންތައްތައް ފުރިހަމައަށް އަދާކޮށް އަދި ނަހީ ކުރައްވާފައިވާ އެންމެހައި ކަންތައްތަކަކުން ދުރުހެލިވެ ގަތުމަށެވެ. އަދި ހެނދުނާއި ހަވީރުގެ ދުޢާތައް ބަރާބަރަށް ކިޔައި ވީހާ ވެސް ގިނައިން ޤުރުއާން ކިޔެވުމަށެވެ.
ޚާއްޞަކޮށް މަޣްރިބް ނަމާދާއި ޢިޝާ ނަމާދަށް ފަހު ގޭގައި ސޫރަތުލް ބަޤަރާ ކިޔެވުމަށެވެ. އަދި ޖިންނީންގެ އުނދަގުލުން ރައްކާތެރިވުމަށް ޤުރުއާނާއި ސުންނަތުން ޘާބިތުވާ ދުޢާތައް ހޯދައިގެން އެދުޢާތައް ގިނަގިނައިން ކިޔުމަށެވެ. އަދި އެއަށް ފަހު ޖިންނީގެ ކިބައިން ސަލާމަތްވުމަށް އެކުރާ ކަންތައްތަކަކީ، އިސްލާމީ ޝަރުޢީ ރުޤްޔާއާ އެއްގޮތަށް ކުރާ ކަމެއްކަމުގައި ހެދުމަށެވެ. ދަންނާށެވެ.
ރާއްޖޭގައި ޢާއްމުކޮށް ސިހުރު ހަދައި ފަންޑިތަ ހަދާ މީހުން، އިސްލާމް ދީން ހުއްދަ ނުކުރާ އެތައް ކަމެއް ކުރެ އެވެ. މިގޮތުން ސިހުރުން ސިހުރު ބާޠިލް ކުރުމާއި، ފާލު ބެލުމާއި، ތަވީދު އެޅުވުމާއި މިފަދަ އެތައް ކަމެއް ހިމެނެ އެވެ. އެހެންކަމުން އިތުބާރު ހިފޭ ރަނގަޅު ޝެއިޚުންގެ މަޝްވަރާ ހޯދައިގެން މިކަމުގައި ކުރިއަށް ދިއުމަށް، ރައްޔިތުންނަށް އަޅުގަނޑު ނަޞޭޙަތްތެރިވަމެވެ.
وصلى اللّهم وسلم على نبينا محمد وعلى آله وصحبه وسلم.
مراجع:
1. تفسير الجلالين.
2. القول المفيد على كتاب التوحيد.
3. الم الجن والشياطين في ضوء الكتاب والسن
ނޯޓް: މިއީޝައިޚް އާދަމް ނިޝާން ބިން ޢަލީ އާދަމްގެ ލިޔުއްވުމެކެވެ.