އައްޑޫ ފޭދޫ ލިންކް ރޯޑްގައި މިރޭ ހިނގި އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެ އެވެ.
އެ ހާދިސާގައި މަރުވެފައި ވަނީ ފޭދޫ އުލްފަތު، އިބްރާހީމް ސިޔާދު، 36، އެވެ.
ބާރު ސްޕީޑްގައި ދުއްވި ކާރަކާއި ސައިކަލެއް ޖެހިގެން މިރޭ އިރާކޮޅު 7:30 އެހާކަށްހާ އިރު ހިނގި ހާދިސާގައި މަރުވީ ސައިކަލް ދުއްވި މީހާ އެވެ. މި ހާދިސާގައި ސިޔާދަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ އިރު، އެކްސިޑެންޓް ހިނގުމާ އެކީ އޭނަ ގެންދިޔައީ ފޭދޫ ސިއްހީ މަރުކަޒަށެވެ.
ޑޮކްޓަރުންނާ ހަވާލާދީ ސިއްހީ މަރުކަޒުން ބުނީ ސިޔާދު އެތަނަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށެވެ.
އޭނަ އަކީ އެމްޓީސީސީ އައްޑޫ މުވައްޒަފެކެވެ.
މި ހާދިސާއާ ގުޅިގެން ކާރު ދުއްވި މީހާ މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްގަ އެވެ. އެއީ ގދ. ފިޔޯރީ، މޭރީގޯލްޑް މުހައްމަދު މާހިލް މުމްތާޒް، 23، އެވެ. އެނގިފައިވާ ގޮތުގައި އޭނަ އަކީ ކާރު ދުއްވުމުގެ ލައިސަންސް ވެސް ނެތް މީހެކެވެ.
އައްޑޫގައި މިހާތަނަށް ނުރައްކާތެރި އެތައް އެކްސިޑެންޓެއްގައި ހިނގައި އެތައް ބަޔަކު މަރުވެފައިވާ އިރު، މިދިޔަ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު ހަންކެޑެ ބްރިޖްގައި ބާރު ސްޕީޑްގައި ސައިކަލް ދުއްވި ޒުވާނަކު މަރުވެފައިވެ އެވެ. އެއީ ގ. ނައިޓް ޑްރީމް، ލީވާން އަބްދުއްސައްތާރު، 24، އެވެ.
އައްޑޫގައި މިރޭ އެކްސިޑެންޓްވެ ޒުވާނަކު މަރުވި އިރު، ރޭ ދަންވަރު ލާމު ލިންކް ރޯޑްގައި ހިނގި އެކްސިޑެންޓެއްގައި ސީރިއަސް ގެއްލުންތަކެއް ލިބުނު ޒުވާނަކަށް ފަރުވާ ދެމުން ދަނިކޮށް މިއަދު ހެނދުނު މަރުވެފައިވެ އެވެ. އެއީ ލ. މާބައިދޫ، ސޫރަޖް ވިލާ، އިބްރާހިމް ނައުޒަމް، 30، އެވެ.
އަދި ރޭ ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ވެސް ބޮޑެތި ގެއްލުންތަކެއް ލިބުނު 29 އަހަރުގެ މީހަކަށް އަައިޖީއެމްއެޗްގައި އަންނަނީ ފަރުވާ ދެމުންނެވެ.