Last Updated: April 12, 21:53
Sunday, April 13, 2025
ޚަބަރު

މިސައިލް ފޮނުވޭ މަނަވަރެއް ތުރުކީން ރާއްޖެއަށް ދެނީ

މިސައިލް ފޮނުވޭ މަނަވަރެއް ރާއްޖެއަށް ހަދިޔާކުރަން ތުރުކީން ނިންމައިފި އެވެ.

ތުރުކީގެ ޑިފެންސް މިނިސްޓްރީއާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މި މަނަވަރަކީ ރާއްޖޭގެ ދިފާއީ ކަންކަމުގައި އެހީތެރިވެދިނުމުގެ ގޮތުން ދެ ގައުމުގެ ދެމެދުގައި ވެފައިވާ އެމްއޯޔޫއެއްގެ ދަށުން ހަދިޔާކުރާ އުޅަނދެކެވެ.

ތުރުކީން ހަދިޔާކުރަނީ މިސައިލް ފޮނުވުމުގެ ގާބިލުކަން ލިބިފައިވާ ޓީސީޖީ ވޮލްކަން (ޕީ-343) މަނަވަރެކެވެ. މަނަވަރު ރާއްޖެ ގެންނަން ހަމަޖެހިފައި ވަނީ މި މަހު ނުވަތަ އެންމެ ލަސްވެގެން އަންނަ މަހުގެ ތެރޭގަ އެވެ.

މަނަވަރާއެކު ތުރުކީ ކަނޑުގެ ސިފައިންގެ ޓީމެއް ރާއްޖެ އައިސް އެ ބޯޓުގައި ހިމެނޭ މިސައިލް ނިޒާމުތައް އެކްޓިވޭޓް ކުރާނެ ކަމަށާއި އެ ހުރިހާ ކަމެއް ނިންމުމަށް ފަހު މި މަނަވަރު ދިވެހި ސިފައިންނާ ހަވާލުކުރާނީ ޖުލައި މަހުގެ ތެރޭގައި ކަމަށް ރިޕޯޓުތައް ބުނެ އެވެ.

މި މަނަވަރު ރާއްޖެ ގެނައުމުގެ ކުރިން އެ އުޅަނދުގައި ހަރަކާތްތެރިވާ ސިފައިންނަށް ތަމްރީނު ދިނުމުގެ ޕްރޮގްރާމެއް ތުރުކީގައި މިހާރު ވަނީ ފަށާފަ އެވެ.