އައްޑޫ ގަން އެއާޕޯޓު ތަރައްޤީގެ ތެރޭގައި ހިމެނޭ މަގު ހެދުމުގެ މަޝްރޫއުގެ ތެރެއިން އީކުއޭޓަރ ވިލެޖުގެ މުވައްޒަފުން ތިބޭ ކޮޓަރި ތަކަކާއި ގުޅިގެން މަސައްކަތް ހުއްޓިފައިވަނިކޮށް އެ ކޮޓަރި ތައް މި މަހުގެ 16 ވަނަ ދުވަހުގެ ކުރިން ހުސްކުރުމަށް އީކުއޭޓަރ ވިލެޖު ހިންގަމުން އަންނަ ގަން އިންވެސްޓު މޯލްޑިވްސްއަށް އަންގައިފި އެވެ.
އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުން ގަން އިންވެސްޓްމަންޓު މޯލްޑިވްސްއަށް ފޮނުވި ސިޓީގައި ބުނެފައިވަނީ އެކުންފުނީގެ މުވައްޒަފުން ތިބޭ އެކަމަޑޭޝަން ހުރި ބިމަކީ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ބިމެއް ކަމަށެވެ، އަދި އެ ބިމަކީ ތިޔަ ފަރާތުގެ ބިމެއް ކަމަށް ދައުވާ ކުރި ނަމަވެސް ތިޔަ ފަރާތުގެ ލީޒް އެގްރިމެންޓުގެ ތެރޭގައި ހިމެނޭ ބިމެއް ނޫންކަމަށެވެ.
އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްޤީގެ މަޝްރޫއަކީ އަހަރަކު 1.5 މިލިއަން ފަތުރުވެރިންނަށް ހިދްމަތް ކުރުމަށް ކުރިއަށް ގެންދާ ޕްރޮޖެކްޓަކަށްވެފައި އެ ޕްރޮޖެކްޓުގެ އެންމެ މުހިއްމު ބައެއްގެ ގޮތުގައި ހިމެނޭ މަގު ހެދުމުގެ މަސައްކަތް ކުރިއަށް ނުގެންދެވި ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް އޭއައިއޭގެ ސިޓީގައިވަނީ ފާހަގަކޮށްފައެވެ.
އޭއައިއޭއިން ބުނީ 2023 ސެޕްޓެމްބަރ މަހުން ފެށިގެން އެ އިމާރާތް ހުސްކޮށްދިނުމަށް ގަން އިނެވެސްޓު މޯލްޑިވްސްއަށް އެންގި ނަމަވެސް މިހާތަނަށް ބިން ހުސްކޮށްދީފައި ނުވާ ކަމަށެވެ.
"މި ކުންފުނީގެ އެސެޓްގެ ގޮތުގައި ކަނޑައަޅާފައިވާ ހަރުމުދަލާއި ގަމުގެ ބިމުގެ ސަރަހައްދުގައި ހިމެނޭ އީކްއެޓާ ވިލެޖްގެ ލޭބާ ކުއާޓާސްގެ ގޮތުގައި ބޭނުން ކުރާ އިމާރާތްތަކާއި ގުދަންތަކުގެ ގޮތުގައި ބޭނުން ކުރާ އިމާރާތާއި އެ ސަރަހައްދުގެ ބިމަކީ ކުރިން އައްޑޫ ގަން ބަލަހައްޓާ ޔުނިޓުން އީކްއޭޓާގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައިވާ ބިމާއި އިމާރާތްތަކެވެ."
އީކުއެޓަރ ވިލެޖު ހިންގަމުން އަންނަ ކުންފުނިން އިމާރާތް ހުސްނުކޮށް ސަރުކާރަށް ޑިމާންޑު ކުރަމުން އަންނަނީ ބަދަލުގެ ގޮތުގައި 25 މިލިއަން ޑޮލަރުގެ އިތުރުން، ކައިމޫ އިން މާލެ އަތޮޅުގައި ހިންގާ ދެ ރިސޯޓު ކަމަށްވާ ސަމާ އައިލެންޑާއި އެނބޫދޫ ވިލެޖުގެ ލީޒް މުއްދަތު އިތުރު 50 އަހަރަށް އިތުރު ކުރުމަށްކަމަށް ދަނީ ތުހުމަތު ކުރަމުންނެވެ.
ނަމަވެސް އީކުއޭޓަރ ވިލެޖާއި އެތަނުގެ މުވައްޒަފުން މިހާރު ތިބޭ އެކަމޮޑޭޝަނަކީ އިނގިރޭސިން ގަމުގައި ތިބި ދުވަސްވަރު އިމާރާތް ކޮށްފައިވާ ތަންތަނެވެ. އެތަންތަނަށް ކުޑަ މަރާމާތެއް ފިޔަވައި އީކުއޭޓަރ އިން އެއްވެސް ހަރަދެއްކޮށްފައި ނުވެއެވެ.
އީކުއޭޓާ ވިލެޖުގެ ސްޓާފް ކުއާޓާޒް އިމާރާތުގެ ބައެއް ނުނެގި މައްސަލަ ދިގުލައިގެން ދާތީ ގަން އެއާޕޯޓުގެ ޕްރޮޖެކްޓުގެ ތެރެއިން ހަދަން ޖެހޭ މުހިންމު މަގެއް އުނިކޮށްފައި ނަމަވެސް ޕްރޮޖެކްޓް ކުރިއަށް ގެންދަން ޖެހޭ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އެއީ އެ މަގުގެ މަސައްކަތް ކުރާ އިންޑިއާގެ ރެނާޓަސް އަށް ބޮޑު ބަދަލެއް ދޭން ޖެހި، އެއީ ސަރުކާރަށް ބޮޑު ބުރައަކަށް ވެދާނެތީ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. ނަމަވެސް އެހެން ޕްރޮޖެކްޓެއްގެ ތެރެއިން އެ މަގުގެ މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން އިންފްރާސްޓްރަކްޗަރު މިނިސްޓްރީން ވަނީ ދީފަ އެވެ.
މި މައްސަލަ ހައްލު ކުރަން އެ މިނިސްޓްރީން ދީފައިވާ އެންމެ ފަހު ތާރީހަކީ މި މަހުގެ 17 އެވެ