އެމްޑީޕީގެ އާދަޔާހިލާފު ކޮންގްރެސް އަންނަ އޮގަސްޓް މަހު ބާއްވަން ނިންމައިފި އެވެ.
އެ ޕާޓީން ރޭ ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމެއްގައި ނިންމީ އެ ކޮންގްރެސް އޮގަސްޓް 15 ގެ ކުރިން ބޭއްވުމަށެވެ. އެގޮތަށް ފާސްވީ ގައުމީ މަޖިލީހުގެ ހަތަރު ވަނަ ދައުރުގެ 22 ވަނަ ޖަލްސާގައި ރޭ ބައިވެރިވި 73 މެންބަރުންގެ ތެރެއިން 71 މެންބަރުންގެ ވޯޓުންނެވެ.
ކޮންގްރެސް ބޭއްވުމުގެ އިންތިޒާމުތައް ހަމަޖައްސަން ކޮމިޓީއެއް ވެސް ގައުމީ މަޖިލީހުގެ ޖަލްސާގައި އެކުލަވައިލި އެވެ.
އެމްޑީޕީން އެންމެ ފަހުން ކޮންގްރެސް ބޭއްވީ އޮގަސްޓް 2022 ގަ އެވެ.
އެ ޕާޓީން މި ފަހަރު އާދަޔާހިލާފު ކޮންގްރެސްއެއް ބޭއްވުމުގެ މަސައްކަތް ރަސްމީކޮށް މި ފެށީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިސްކޮށް ހުންނަވައގެން މަޖިލީހުގެ މެންބަރުންތަކެއް ލައްވާ ގަރާރެއް ހުށަހަޅަން އުޅޭކަމުގެ އަޑުތަކެއް އަރާފައި ވަނިކޮށެވެ
އެ ޕާޓީގެ އަސާސީ ގަވާއިދު ބުނާ ގޮތުން އާންމު އުސޫލުގެ ދަށުން ކޮންގްރެސް އޮންނާނީ ކޮންމެ ފަސް އަހަރަކުންނެވެ. ނަމަވެސް ކޮންމެ ވަގުތެއްގައި ވެސް އާދަޔާހިލާފު ކޮންގްރެސް ބޭއްވުމުގެ ފުރުސަތު އޮވެ އެވެ.
އެމްޑީޕީގެ ކޮންގްރެސްގައި ހިމެނެނީ ގައުމީ މަޖިލީހުގެ މެންބަރުން، ދާއިމީ ކޮމިޓީތަކުގެ މުގައްރިރުން، އަންހެނުންގެ ރޫހާއި ޒުވާނުންގެ ހިތްވަރުގެ ނައިބު ރައީސުން، ޕްރޮވިންސްތަކުގެ ނައިބު ރައީސުން، ދާއިރާތަކުގެ ނައިބު ރައީސުން، ގޮފިތަކުގެ ރައީސުން ނުވަތަ ނައިބު ރައީސުން، ޕާޓީއަށް ނިސްބަތްވާ ލޯކަލް ކައުންސިލަރުންނާއި ޑަބްލިއުޑީސީ މެންބަރުން، އިސްލާމްދީނުގެ މަޝްވަރާ މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް އަދި އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުގެ މެންބަރުންނެވެ.