Last Updated: April 14, 11:55
Monday, April 14, 2025
ޚަބަރު

މަނަވަރު ލިބުމަކީ ކަނޑު ބަލަހައްޓަން ލިބުނު ބޮޑު ކުރިއެރުމެއް

ތުރުކީން ރާއްޖެއަށް ހަދިޔާ ކުރާ މަނަވަރު ލިބުމަކީ ދިވެހި ކަނޑު ބެލެހެއްޓުމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަމަށް ދިފާއީ ވުޒާރާއިން ބުނެފިއެވެ.

ދިފާއީ ވުޒާރާއިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެންމެ ބޮޑު އިސަކަމެއް ދެއްވަނީ ދިވެހި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު އަދި އިސްތިގްލާލު ހިމާޔަތް ކުރުމާއި އެކު ދިވެހި ސިފައިންގެ ގާބިލްކަން އިތުރު ކުރުމަށެވެ. އެގޮތުން ތުރުކީން ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި ޑޯގަން ކްލާސް މަނަވަރެއް ހަދިޔާ ކުރުމަށް ނިންމާފައިވާ ކަމަށެވެ. މީގެ އިތުރުން މަނަވަރު އޮޕަރޭޓު ކުރުމަށް ބޭނުންވާ ތަމްރީނު ދިވެހި ސިފައިންނަށް ދިނުމަށް ނިންމާފައިވާ ކަމަށްވެސް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.

ރާއްޖެއަށް ،ަނަވަރެއް ހަދިޔާ ކުރިކަމަށް އެންމެ ފުރަތަމަ ހާމަކޮށްފައިވަނީ ތުރުކީގެ ނޫހަކުންނެވެ. އެނޫހުން މަނަވަރެއް ހަދިޔާ ކުރިކަން ހާމަ ކުރުމުގެ ކުރިންވެސް ރާއްޖެއިން މިސައިލުތަކެއް ތުރުކީން ގަތުމަށް ނިންމާފައިވާ ކަމަށް ސޯޝަލް މީޑިއާގައި ދެކެވެންފެށިއެވެ. ނަމަވެސް ސަރުކާރުން އެއްވެސް ޖަވާބެެއް އެކަމުގައި ހާމަކޮށްފައި ނުވެއެވެ.

ރައީސް މުއިއްޒުގެ ސަރުކާރުން މީގެ ކުރިން ވަނީ ސަވައިލެންސް ޑްރޯންތަކެއް ތުރުކީން ގަނެފައެވެ. ޑްރޯން ގަތުމަށް ދައުލަތުން ކުރި ހަރަދު ސަރުކާރުން ވަނީ ހާމަ ކުރަން ދެކޮޅު ހަދާފައެވެ. އަދި އޭގެ ފަހުން ރައީސް މުއިއްޒު ވަނީ ގައުމީ ސަލާމަތާ ގުޅޭ މަޝްރޫއުތަކަށް އިންވެސްޓްކުރާ ބަޔަކަށް ކްރޮސް ސަބްސިޑީގެ ދަށުން އިންވެސްޓްމަންޓުގެ މުގާބިލުގައި ފަޅުތަކާއި ރަށްތައް ދޫކުރާ ގޮތަށް ހޯދާ ފައިސާގެ އަދަދު 100 މިލިއަން ޑޮލަރަށް އިތުރުކުރަން ނިންމާފައެވެ.