ފަހަކަށް އައިސް ރާއްޖޭގައި ކުއްލި ގޮތަކަށް މަރުވާ ޒުވާނުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާ އިރު، އެފަދަ ހާދިސާއެއްގައި އަނެއްކާ ވެސް ޒުވާނަކު މަރުވެއްޖެ އެވެ.
ކުއްލި ގޮތަކަށް ރޭގެ ވަގުތެއްގައި މަރުވީ ގދ. ފިޔޯރީ އަށް ނިސްބަތްވާ މުހައްނަދު ނަޒްމީ މުހައްމަދު، 23، އެވެ.
އޭނަ އަކީ ފެނަކަ ފިޔޯރީ ބްރާންޗް ސުޕަވައިޒަރެއްގެ ވަޒީފާ އަދާކުރަމުން އައި ޒުވާނެކެވެ. މުހައްނަދުގެ މަރާ ގުޅިގެން ފެނަކަ އިން މިއަދި ހިތާމަފާޅުކޮށް ސޯޝަލް މީޑިއާގައި އާންމުކުރި ޕޯސްޓެއްގައި ބުނީ މުހައްނަދު މަރުވި އިރު، ކުންފުނީގައި ދެ އަހަރާއި ދެ މަސް ދުވަހު މަސައްކަތްކޮށްފައިވާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި މުހައްނަދު މަރުވީ ރޭ ދަންވަރު ރައްޓެއްސަކާ އެކު ކޮފީއެއް ބޯން، ގެއަކަށް ވަންނަނިކޮށް ކުއްލިއަކަށް ވެއްޓި އެވެ.
ނަމަވެސް އެ މަރާ ގުޅޭ އިތުރު ތަފުސީލެއް ނުލިބެ އެވެ.