Last Updated: April 14, 14:09
Monday, April 14, 2025
ޚަބަރު

ސިޔާދުގެ ޖަނާޒާ އަސުރަށް ފަހު

ރޭ އައްޑޫ ފޭދޫގައި ހިނގި އެކްސިޑެންޓްގައި މަރުވި އިބްރާހީމް ސިޔާދުގެ ޖަނާޒާ މިއަދު އަސުރު ނަދާމަށް ފަހު ބާއްވަން ނިންމައިފި އެވެ.

ފޭދޫ އުލްފަތު، ސިޔާދު، 36، ގެ މައްޗަަށް ކަށުނަމާދު ކުރުން އޮންނާނީ މަސްޖިދުލް އަމާން (ބޮޑު މިސްކިތު) ގަ އެވެ.

ބާރު ސްޕީޑްގައި ދުއްވި ކާރެއް، ސިޔާދު ދުއްވި ސައިކަލް ޖެހި އެކްސިޑެންޓްވީ ރޭ އިރާކޮޅު އެވެ. ފޭދޫ ލިންކް ރޯޑްގައި އެ ހާދިސާ ހިނގުމާ އެކު އޭނަ ނަގައިގެން ފޭދޫ ސިއްހީ މަރުކަޒަށް ގެންދިޔަ އެވެ. ނަމަވެސް އެތަނަށް ގެންދިޔަ އިރު ވެސް ސިޔާދު މަރުވެފައިވާ ކަމަށް އެތަނުގެ ޑޮކްޓަރުންނާ ހަވާލާދީ ސިއްހީ މަރުކަޒުން ބުންޏެވެ.

ކައިވެނިކށް އަންހެން ދަރިޔަކު ވެސް ހުރި ސިޔާދަކީ އެމްޓީސީސީގައި ވަޒީފާ އަދާކުރަމުން އައި މީހެކެވެ.

އޭނަގެ ސައިކަލާ އެކްސިޑެންޓްވި ކާރު ދުއްވަން އިނީ ގދ. ފިޔޯރީ، މޭރީގޯލްޑް މުހައްމަދު މާހިލް މުމްތާޒް، 23، އެވެ. އެނގިފައިވާ ގޮތުގައި އޭނަ އަކީ ކާރު ދުއްވުމުގެ ލައިސަންސް ވެސް ނެތް މީހެކެވެ.

މި އެކްސިޑެންޓާ ގުޅިގެން މާހިލް ވަނީ ރޭ ފުލުހުންގެ ބެލުމުގެ ދަށަަށް ގެންގޮސްފަ އެވެ.