އެއާބަސް އޭ330-200 މަރުކާގެ މަތިންދާބޯޓެއް ކުއްޔަށް ހޯދަން ގައުމީ އެއާލައިނުން ފެބްރުއަރީ މަހު ހުޅުވި ބީލަން ބާތިލުކޮށް، އަލުން ބީލަމަށް ހުޅުވާލައިފި އެވެ.
އެ އެއާލައިން އޮޕަރޭޓްކުރާ އައިލޭންޑް އޭވިއޭޝަން ސާވިސެސް އައިއޭއެސް) އިން ޝައުގުވެރިވާ ކުންފުނިތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލީ މި މަހުގެ 26 އާ ހަމައަށެވެ. އެއާބަސް މަރުކާގެ ބޯޓެއް ހޯދަން ކުރިން ބީލަމަށް ހުޅުވީ ފެބްރުއަރީ މަހުގެ 6 ގަ އެވެ.
ނަމަވެސް އެ ބާތިލުކުރި ސަބަބެއް އައިއޭއެސް އިން ހާމައެއް ނުކުރެ އެވެ.
އެއާބަސް އޭ-330-200 މަރުކާގެ ބޯޓެއް ހޯދަނީ ފަސް އަހަރުގެ މުއްދަތަށެވެ.
މޯލްޑިވިއަނުން މިހާރު ރާއްޖެ އިން ބޭރަށް ކުރާ ދަތުރުތައް އިތުރުކޮށް ފުޅާކުރަމުން އަންނަ އިރު، މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ކުންފުންޏަށް އަލަށް ވައިޑް ބޮޑީ ބޯޓެއް ވެސް ގެނެސް މިހާރު އަންނަނީ ބޭނުން ކުރަމުންނެވެ. އެގޮތުން ޝެޑިއުލް ދަތުރުތައް މިހާރު ޗައިނާ އަށް ބާއްވަމުން އަންނަ އިރު، ޖަރުމަނާއި ދެކުނު އެފްރިކާ އަށް ވެސް ދަތުރުތައް ފެށުމުގެ ތައްޔާރީތައް އަންނަނީ ވަމުންނެވެ.