ރިތިކް ރޯޝަންގެ ސުޕަހީރޯ ފްރެންޗައިޒް "ކްރިޝް" ގެ ހަވަރު ވަނަ ބައި އޭނަ ޑައިރެކްޓް ވެސް ކުރާ ގޮތަށް އަންނަ އަހަރު މަސައްކަތް ފަށާ އިރު، އޭގެ ކާސްޓްގައި ޕްރިޔަންކާ ޗޯޕްޅާ ހިމެނޭނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ޕިންކްވިލާ އިން ބުނީ އޭނަ ކުޅޭނީ 2006 ގެ "ކްރިޝް" އާއި 2013 ގެ "ކްރިޝް 3" ގައި ވެސް ކުޅުނު ޕްރިޔާގެ ކެރެކްޓާ ކަމަށެވެ. އަދި އެކަން މިހާރު ގާތްގަނޑަކަށް ކަށަވަރުވެފައިވާ ކަމަށް ވެސް އެ ނޫހުން ބުންޏެވެ.
ނަމަވެސް "ކްރިޝް 4" ރަސްމީކޮށް އަދި އިއުލާން ނުކުރާތީ މިކަން ރަސްމީކޮށް ކަށަވަރެއް ނުވެ އެވެ. "ކްރިޝް" ދެ ފިލްމުގެ އިތުރުން ވެސް ރިތިކާ އެކު ޕްރިޔަންކާ އެހެން ފިލްމެއް ކުޅުނެވެ. އެއީ 2012 ގެ "އަގްނީޕަތު" އެވެ. އަދި މި ޖޯޑަކީ ބެލުންތެރިންގެ މެދުގައި ވަރަށް މަގުބޫލު ވެސް ޖޯޑެކެވެ.
ބޮލީވުޑަށް ވުރެ ބޮޑަށް މިހާރު ހޮލީވުޑަށް އިސްކަންދޭ ބަތަލާ "ކްރިޝް 4" އިން ފެންނާނެކަމުގެ ވާހަކަތަކެއް ދެކެވެމުން އަންނަ އިރު، ޕްރިޔަންކާ މިހާރު އަންނަނީ "ބާހްބަލީ" އާއި "އާރްއާރްއާރް" ގެނެސްދިން ޑައިރެކްޓަރު އެސްއެސް ރާޖަމޯލީގެ އާ ފިލްމުގެ މަސައްކަތް ކުރަމުންނެވެ. ރަސްމީކޮށް އަދި އިއުލާން ނުކުރާ އެ ފިލްމުގެ ބަތަލަކީ ތެލެގޫ އެކްޓަރު މަހޭޝް ބާބޫ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ޝާހްރުކް ޚާންގެ "ޖަވާން" ގެނެސްދިން ތަމަޅަ ޑައިރެކްޓަރު އެޓްލީ، ތެލެގޫ އެކްޓަރު އައްލޫ އަރްޖުންއާ އެކު ހަދަން ތައްޔާރުވަމުން އަންނަ ފިލްމުގެ ބަތަލާ އަކީ ވެސް ޕްރިޔަންކާ އެވެ.
އޭނަ "ކްރިޝް 4" އިން ފެންނާނެމުގެ ވާހަކަތަކެއް ދެކެވެން ފެށި އިރު، މީގެ ހަފުތާއެއް ދުވަސް ކުރިން ބައެއް މީޑިއާތަކުން ބުނީ އެ ފިލްމުގެ ކާސްޓްގައި ޕްރިތީ ޒިންތާ އާއި ނޯރާ ފަތުހީ ވެސް ހިމެނޭނެ ކަމަށެވެ. ޕްރިތީ އަކީ "ކްރިޝް" ފްރެންޗައިޒްގެ ފެށުން ކަމަށްވާ 2003 ގެ "ކޮއި…މިލް ގަޔާ" ގެ ބަތަލާ އެވެ.
ޕިންކްވިލާ އިން ބުނި ގޮތުގައި ރިތިކް "ކްރިޝް 4" އިން ޑައިރެކްޝަނަށް ނުކުންނަ އިރު، ހަތަރު ވަނަ ބައިގެ ވާހަކަ ކުރިއަށް ގެންދާނީ "ޓައިމް ޓްރެވެލް" ޕްލޮޓެއްގެ ތެރެއިންނެވެ. އެގޮތުން ކުރީގެ ބައިތަކުގެ މުހިއްމު ކެރެކްޓާތަކެއް އާ ފިލްމުން ފެންނާނެ އެެވެ. އޭގެ ތެރޭގައި "ކޮއި…މިލް ގަޔާ" ގައި ހިމެނޭ އޭލިއަން ކެރެކްޓާ ޖާދޫ ވެސް ހިމެނޭނެ ކަމަށްވެ އެވެ.
"ކްރިޝް 4" ހަދަން ހަމަޖެހިފައި ވަނީ ރިތިކްގެ އާއިލީ ފިލްމު ކުންފުނި، ފިލްމުކްރާފްޓް ޕްރޮޑަކްޝަނާއި ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގުޅިގެންނެވެ. މީގެ ޝޫޓިން އަންނަ އަހަރުގެ ކުރީކޮޅު ފަށާ ގޮތަށް އަންނަނީ ޕްލޭން ކުރަމުންނެވެ.
ރިތިކްގެ ކުރިއަށް އޮތް ފިލްމަކީ ވައިއާރްއެފްގެ ސްޕައި ޔުނިވާސް އަށް ނިސްބަތްވާ 2019 ގެ "ވޯ" ގެ ސީކްއެލް އެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "ފައިޓާ" އެވެ.