އެމްޑީޕީގެ އިސް އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބައިރު (މަންދީ) ގެ ގަޔަށް ކަޅުތެޔޮ ޖެހި މައްސަލައިގައ ހައްޔަރުކުރި މީހާ ޝަރުތުތަކަކާ އެކު ބަންދުން ދޫކޮށްލައިފި އެވެ.
މަންދީ ގަޔަށް ކަޅުތެޔޮ ޖެހީ މިދިޔަ މަހުގެ 16 ވަނަ ދުވަހުގެ ރޭ އެމްޑީޕީން ބޭއްވި މުޒާހަރާ ނިންމާފައި ގެއަށް ދިޔަ މަގުމަތީގަ އެވެ.
އެ މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން މިދިޔަ މަހުގެ 27 ގައި ހައްޔަރުކުރީ ގއ. ދާންދޫ، ސަންލައިޓްވިލާ، އަހްމަދު ރިޝްމާހް، 20، އެވެ.
އޭނަ ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ބަންދަށް 15 ދުވަސް ޖެހި އެވެ.
އެހެންވެ މުއްދަތު ހަމަވާތީ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ރިޝްމާހް ކޯޓަށް ހާޒިރު ކުރުމުން ޝަރުތުތަކަކާ އެކު ދޫކޮށްލަން އަމުރުކޮށްފައިވެ އެވެ. އެގޮތުން ތަހުގީގަށް ފުރިހަމައަށް އެއްބާރުލުން ދިނުމަށް ޝަރުތުކޮށްފައިވެ އެވެ.
އަމުރުގައިވާ ގޮތުން ކުށުގެ ތުހުމަތު ކުރެވޭ މިންވަރުގެ ހެކި ކޮންމެވެސް މިންވަރަކަށް ހުށަހެޅި ނަމަވެސް، ރިޝްމާހުގެ މައްޗަށް ކުރެވޭނީ ޖިނާއީ ކުޑަ ކުށެއްގެ ތުހުމަތެވެ. އަދި އެ މައްސަލައިގައި 15 ދުވަހުގެ މުއްދަތެއް ބަންދުގައި ހޭދަކޮށްފައިވާތީ އާއި ތަހުގީގަށް ފުރިހަމައަށް ފުރިހަަމައަށް އެއްބާރުލުން ދޭނެ ކަމަށް ބުނެފައިވާތީ ޝަރުތުތަކާ އެކު ދޫކޮށްލަން ނިންމީ ކަމަށް އަމުރުގައި ބުންޏެވެ.
ނަމަވެސް ޝަރުތާ ހިލާފުވެއްޖެ ނަަމަ އަލުން ބަންދު ކުރެވޭނެކަން ރިޝްމާހަށް އަންގާފައިވެ އެވެ.