Last Updated: April 19, 23:09
Saturday, April 19, 2025
ޚަބަރު

ފޭދޫފިނޮޅު ރިސޯޓް ޖުލައިގައި ހުޅުވަނީ

ކުރިން ފުލުހުން ބޭނުންކުރި، ކ. ފޭދޫފިނޮޅުގައި ތަރައްގީކޮށްފައިވާ ރިސޯޓް އަންނަ ޖުލައި މަހުގެ ތެރޭގައި ހުޅުވަން ތައްޔާރުވެއްޖެ އެވެ.

'ދުސިތުޑީ2 ފޭދޫ މޯލްޑިވްސް' ގެ ނަމުގައި ހަދާފައިވާ މި ރިސޯޓަކީ އިތައިލެންޑުގެ ދުސިތު އިންޓަނޭޝަނަލްގެ ރިސޯޓެކެވެ. ޖުމްލަ 125 ކޮޓަރީގެ ރިސޯޓް ތަރައްގީ ކުރުމުގެ މަސައްކަތްކުރީ އެޓޯލް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެންނެވެ.

އެންމެ ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ ރިސޯޓަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ފުރައިގެން ލޯންޗްގައި 7 ވަރަކަށް މިނިޓުން ދެވޭ ހިސާބުގައި އޮތް ރިސޯޓެކެވެ. އެތަނުގެ ހާއްސަ ކަންކަމުގެ ތެރޭގައި އަމިއްލަ ޝިޕްރެކަކާއި
ޑައިވިން ކޭވްއަކާއި ފަސް ރެސްޓޯރަންޓާއި ހާއްސަ ތިން ބީޗް ހިމެނެ އެވެ.

ފޭދޫފިނޮޅުގައި ރިސޯޓް ހަދަން ޗައިނާ ކުންފުންޏަކަށް އެންމެ ފުރަތަމަ ކުއްޔަށް ދިނީ 2016 ގަ އެވެ. އެގޮތުން 4 މިލިއަން ޑޮލަރުގެ އަގެއް ނެގުމަށް ފަހު، އެ ރިސޯޓް އެންމެ ފުރަތަމަ ހުޅުވާނެކަން އިއުލާން ކުރީ މިދިޔަ އަހަރުގެ ފަހުކޮޅު އެވެ.

ދުސިތު ބްރޭންޑްގެ ރިސޯޓެއް މިހާރު ވެސް ބ. އަތޮޅުގައި 'ދުސިތު ތާނީ މޯލްޑިވްސް' ގެ ނަމުގައި ހިންގަ އެވެ.