Last Updated: April 15, 13:36
Tuesday, April 15, 2025
ޚަބަރު

މީދޫގެ ކުދިންނަށް ނަމާދު ޕްރޮގްރާމަކަށް ހުޅުވާލައިފި

އައްޑޫ މީދޫގައި ކުރިއަށް ގެންދަން ނިންމާފައިވާ "ކޮންމެ ކުއްޖަކީ މިސްކިތުގެ އަހުލުވެރިއެއް" ޕްރޮގްރާމްގައި ބައިވެރިވާން ހުޅުވާލައިފި އެވެ.

މިއީ މީދޫ އަވަށު އޮފީހާއި ޔޫސުފް ނާއިބް ފައުންޑޭޝަން ގުޅިގެން މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދަން ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ. މީގެ ބޭނުމަކީ މިސްކިތްތަކުގެ ޖަމާޢަތް އިތުރުކުރުމާއި، އިސްލާމީ ރިވެތި އަޚްލާޤް ކުދިންގެ ހިތްތަކުގައި އަށަގެންނެވުމެވެ.

އެގޮތުން ޕްރޮގްރާމްގެ ތެރޭގައި ޢަމަލީ ގޮތުން ވުޟޫކުރަން ދަސްކޮށް ދިނުމާއި، ނަމާދުގައި ކިޔާ ތަކެއްޗާއި ހަރަކާތްތަކުގެ އިތުރުން އިސްލާމީ ރިވެތި އަދަބުތައް ކުދިންނަށް ދަސްކޮށް ދޭނެ އެވެ. މިޕްރޮގްރާމްގައި ކުދިންނަށް އުނގަންނަވައި ދެއްވާނީ މީދޫގެ މިސްކިތްތަކުގެ އިމާމުންނާއި ޝައިޚުންނެވެ.

ޕްރޮގްރާމް ހާއްސަކޮށްފައި ވަނީ އުމުރުން 7-16 އަހަރާއި ދެމެދުގެ ފިރިހެން ކުދިންނަށެވެ. ޕްރޮގްރާމް ކުރިއަށް ގެންދާނީ މީދޫގެ ސެންޓަ ފޮ ޝަމްސުއްދީން އިސްލާމިކް ލާނިން ސެންޓަރުގަ އެވެ.

އެހެންވެ ކުދިން ބައިވެރިވުމުގެ ފުރުސަތު މި މަހުގެ 30 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. ނަން ނޯޓް ކުރާނީ 7786362 ނުވަތަ 7789041 ނުވަތަ 9954042 އަށް ގުޅައިގެންނެވެ.