Last Updated: April 15, 13:36
Tuesday, April 15, 2025
ޚަބަރު

ހިލޭ އެހީ އަންދާޒާގެ ޕަސަންޓެއް ވެސް ނުލިބޭ!

ސަރުކާރުން 2024 ވަނަ އަހަރަށް ހިލޭ އެހީގެ ގޮތުގައި އަންދާޒާ ކުރި 2.5 ބިލިއަން ރުފިޔާގެ ތެރެއިން މިހާތަނަށް ލިބިފައިވަނީ އެންމެ 47 މިލިއަން ރުފިޔާ ކަމަށް ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކައިފިއެވެ. މިއީ އަންދާޒާ ކުރި އަދަދުގެ އެންމެ 0.0008 އިންސައްތައެވެ.

ބަޖެޓު ހިސާބުތަކުން ދައްކާ ގޮތުގައި، މި އަހަރު ނިމޭއިރު ހިލޭ އެހީގެ ގޮތުގައި އަންދާޒާ ކުރި އަދަދުގެ 20 އިންސައްތަ ވެސް ލިބޭނެ ކަމަށް ލަފާ ނުކުރެވޭ ކަމަށް ވަނީ ފާހަގަކޮށްފައެވެ

ނަމަވެސް، ހިލޭ އެހީ ހޯދުމަށް ކަމަށް ބުނެ ރައީސް މުޙައްމަދު މުއިއްޒު ވަނީ ރާއްޖެއިން ބޭރަށް ގިނަގުނަ ދަތުރުތަކެއް ކުރައްވާފައެވެ. މިގޮތުން މިހާތަނަށް ރާއްޖެއިން ބޭރަށް 16 ދަތުރު އެމަނިކުފާނު ވަނީ ކުރައްވާފައެވެ.

މި ދަތުރުތަކާ ގުޅޭ ގޮތުން ގިނަ ފަރާތްތަކުން ފާޅުކުރާ ކަންބޮޑުވުންތަކުގެ ތެރޭގައި، ދަތުރުތަކުން މާބޮޑު ނަތީޖާއެއް ހާސިލުވެފައި ނުވާކަން ހިމެނެއެވެ. އަދި މިކަމަކީ ދައުލަތުގެ ބަޖެޓަށް އިތުރު ބުރައަކަށް ވެގެންދާނެ ކަމެއް ކަމަށްވެސް ފާހަގަކުރެވެއެވެ

ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރި އަދަދު ނުލިބުމުގެ ސަބަބުން، ދައުލަތުގެ ބަޖެޓުގައި ރޭވިފައިވާ ގިނަ މަޝްރޫޢުތަކަށް ނޭދެވޭ އަސަރުކުރާނެ ކަމަށް އިޤްތިޞާދީ މާހިރުން ވަނީ ފާހަގަކޮށްފައެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ބޭރު ގައުމު ތަކުން އެމަނިކުފާންގެ ސަރުކާރަށް އެހީވާން ތައްޔާރަށް ތިބިކަމަށް ބުނެއެވެ. އެގޮތުން ޗައިނާ އާއި ސައުދީ ފަދަ ގައުމުތަކުން ފެހި ސިގްނަލް ލިބެމުންދާ ކަމަށް އޭރު ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ. ނަމަވެސް 2024 އަދި 2025 ވަނަ އަހަރުގެ ބަޖެޓަށްވެސް ބޭރުން ހީކުރިވަރާއި ގާތަށްވެސް އެހީ ލިބިފައި ނުވެއެވެ.

އިގްތިސާދީ ފަރާތްތަކުން ފާހަގަ ކުރާ ގޮތުގައި ރައީސް މުއިއްޒުގެ ސަރުކާރަކަށް ބޭރުގެ ފަރާތްތަކުން އިތުބާރެއް ނުކުރެއެވެ. މީގެ ސަބަބުން ދައުލަތް ހިންގުމަށް ހުރަސްއެޅި އެންމެ ފަހުން އެމްއެމްއޭ މެދުވެރިކޮށް 14 ބިލިއަން ރުފިޔާ މާކެޓަށް ނެރުމަށް ވަނީ ނިންމާފައެވެ.