Last Updated: April 24, 23:15
Thursday, April 24, 2025
ޚަބަރު

އާމްދަނީ އިތުރުވެ، ބަޖެޓު 1.2 ބިލިއަނުން އަރަނިވެއްޖެ

default

މިދިޔަ މަހު 20 ގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީ 8.8 ބިލިއަން ރުފިޔާ އަށް އަރައި ދައުލަތުން ހަރަދުކުރި މިންވަރަށް ވުރެ ލިބުނު އާމްދަނީ ގިނަވެ، ބަޖެޓު ސާޕްލަސްވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްތްރީން އާންމުކުރި އެންމެ ފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުން ދައްކާ ގޮތުން، 20 މާޗުގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީ އާއި ހިލޭ އެހީގެ ޖުމްލައަކީ 8.8 ބިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރު އެ މިންވަރު ހުރީ 8.0 ބިލިއަން ރުފިޔާގަ އެވެ.

އާމްދަނީ އިތުރުވެފައި ވަނީ މައިގަނޑު ގޮތެއްގައި ޓޫރިޒަމް ދާއިރާއިން ނެގޭ މުދަލާއި ހިދުމަތުގެ ޓެކްސްއިންނާއި އެއާޕޯޓް ތަރައްގީކުރުމަށް ނެގޭ ފީ އިންނެވެ.

މި މުއްދަތުގައި ދައުލަތުގެ ޚަރަދުގެ ގޮތުގައި ހިނގާފައި ވަނީ 7.6 ބިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތުގެ ޚަރަދުގެ ގޮތުގައި 8.9 ބިލިއަން ރުފިޔާ ހޭދަވެފައިވެ އެވެ. މި އަހަރުގެ ޚަރަދުތަކަށް ބަލާ އިރު، އެންމެ ބޮޑު އިތުރުވުމެއް އައިސްފައިވަނީ މުވައްޒަފުންނަށް ހިނގާ ޚަރަދާއި، އާސަންދައާއި ސަބްސިޑީގެ ބައިންނެވެ.

ދައުލަތުގެ ޖުމުލަ ޚަރަދު މިދިޔަ އަހަރާ އަޅައިބަލާ އިރު މި މުއްދަތުގައި ކުޑަ ނަމަވެސް، މިއަހަރުގެ ޖުމުލަ ބަޖެޓު ބޮޑުވެފައި ވަނީ ޚަރަދުގެ ގޮތުގައި ނުހިމެނޭ ލޯނާއި އިންޓްރެސްޓަށް ކުރާ ހޭދަ ބޮޑުވެފައިވާތީ ކަމަށް ފިނޭންސް އިން ބުންޏެވެ. އޭގެ ތެރޭގައި މިދިޔަ މާރިޗު މަހު ކާގިލް ފައިނޭންޝަލް ސާވިސަސް އިންޓަނޭޝަނަލް އަށް އަނބުރާ ދައްކާފައިވާ 100.0 މިލިއަން ޑޮލަރުގެ ލޯނާއި އިންޓްރެސްޓް ވެސް ހިމެނެ އެވެ.

ދައުލަތުގެ މާލީ ހިސާބުތަކުން ދައްކާ ގޮތުގައި، މި މުއްދަތުގެ އޯވަރޯލް ބަޖެޓް ބެލެންސަކީ ގާތްގަނޑަކަށް 1.2 ބިލިއަން ރުފިޔާގެ ސާޕްލަސްއެކެވެ. މިދިޔަ އަހަރު އެ މިންވަރު ހުރީ ޑެފިސިޓްގައި، ދައުލަތަށް ލިބުނު އާމްދަނީއަށް ވުރެ ގާތްގަނޑަކަށް 1 ބިލިއަން ރުފިޔާ ހަރަދުކުރެވިފަ އެވެ.

މިދިޔަ މަހުގެ 20 ގެ އެންމެ ގިނައިން ޚަރަދު ހިނގާފައިވާ އިދާރާތަކަކީ:

• މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ: 441.8 މިލިއަން ރުފިޔާ
• މިނިސްޓްރީ އޮފް އެޑިޔުކޭޝަން: 668.6 މިލިއަން ރުފިޔާ
• ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ: 883.8 މިލިއަން ރުފިޔާ

ދައުލަތުގެ އާމްދަނީގެ ކޮމްޕޮޒިޝަނަށް ބަލާ އިރު، 79 ޕަސެންޓަކީ ޓެކްސް އާމްދަނީ އެވެ. އެގޮތުން، ޓެކްސްގެ ގޮތުގައި 6.9 ބިލިއަން ރުފިޔާ ލިބިފައިވާ އިރު، މިދިޔަ އަހަރު ޓެކްސްގެ ގޮތުގައި ލިބުނީ 6.6 ބިލިއަން ރުފިޔާ އެވެ. އަދި 20 ޕަސެންޓަކީ ޓެކްސް ނޫން އާމްދަނީ އެވެ. އެގޮތުން، ޓެކްސް ނޫން ގޮތް ގޮތުން މި އަހަރުގެ އެ މުއްދަތުގައި 1.8 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި އެ އަދަދު ހުރީ 1.3 ބިލިއަން ރުފިޔާގަ އެވެ

މީގެ އިތުރުން، 1 ޕަސެންޓަކީ ހިލޭ އެހީ އެވެ. އެގޮތުން، މި އަހަރުގެ މިހާތަނަށް 47.1 މިލިއަން ރުފިޔާ ހިލޭ އެހީގެ ގޮތުގައި ލިބިފައިވާއިރު، މިދިޔަ އަހަރު އެ އަދަދު ހުރީ 32.3 މިލިއަން ރުފިޔާގަ އެވެ.

ހިޔާލު ފާޅުކުރައްވާ