އުމުރުން 60 އަހަރުން މަތީގެ މީހުންނަށް ރަށު ޕިކަޕާއި ސައިކަލު ދުއްވުމަށް ހާއްސަ ލައިސެންސެއް ނަގަން ޖެހޭ ގޮތް ހަދައިފި އެވެ.
އެއްގަމު އުޅަނދު ދުއްވމުގެ ލައިސަންސް ދޫކުރުމުގެ ގަވާއިދަށް މިއަދު ގެނައި އިސްލާހުގައިވާ ގޮތުން 60 އަހަރުން މަތީގެ މީހުންނަށް ހާއްސަ ލައިސެންސް ދޫކުރާނީ ހަތަރު ގަޑިއިރުގެ ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް ފަހު އެވެ. އެ ޕްރޮގްރާމްގައި ޓްރެފިކްގެ ގަވާއިދުތަކާއި މަގުމަތީގެ ސަލާމަތާ ގުޅޭ މުހިންމު މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވެ އެވެ.
މިއީ އާންމުކޮށް ލައިސެންސް ދޫކުރުމަށް ހަދާ އިމްތިހާނަށް ވުރެ ފަސޭހަ ތަމްރީނެކެވެ.
އުމުރުން 60 އަހަރުން މަތީގެ މީހުންނަށް ދޫކުރާ މި ލައިސެންސްގައި ސައިކަލާއި ރަށު ޕިކަޕް ދުއްވޭނީ އެ ލައިސެންސެއް ނަގާ ރަށެއްގައި ކަމަށާއި އަދި ދުއްވަން ޖެހޭނީ 30 ކިލޯމީޓަރަށް ވުރެ މަޑުން ދުއްވަން ޖެހޭ މަގުތަކުގައި އެކަނިކަމަށް އިސްލާހުގައި ބަޔާންކޮށްފައިވެ އެވެ.
މީގެ ކުރިން މި ގަވައިދުގައި 60 އަހަރުން މަތީގެ މީހުންނަށް ވަކި ލައިސެންސެއް ދޫކުރާ ގޮތަކަށް ނޯވެ އެވެ. ނަމަވެސް އަލަސް ގެނައި އިސްލާހާ އެކި ހާއްސަ ލައިސެންސް ދޫކުރާނީ ފުރަތަމަ 10 އަހަރުގެ މުއްދަތަކަށް ކަމަށާއި އެ މުއްދަތު ހަމަވުމުން ލައިސެންސް ލިބޭނީ ތަމްރީން ފުރިހަމަ ކުރުމުން ކަމަށް އިސްލާހުގައި ބަޔާންކޮށްފައިވެ އެވެ.