މި އަހަރު ބޮލީވުޑަށް ތައާރަފު ކުރަން ހަމަޖެހިފައިވާ ޝަނާޔާ ކަޕޫރް ޑަބަލް ރޯލެއް ކުޅޭ ގޮތަށް ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ ވެބް ސީރީޒް "ސްޓޫޑެންޓް އޮފް ދި އިޔާ 3" ގެ ޝޫޓިން މި މަހުގެ 20 ގައި ފަށަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ޝަނާޔާ އަކީ އެކްޓަރު ސަންޖޭ ކަޕޫރްގެ ދޮށީ ދަރިފުޅެވެ. އޭނަގެ އަތުގައި މި ވަގުތު ތިން ފިލްމެއް ވެސް އޮތް އިރު، އަލަތު ފިލްމަކަށް ވާނީ "އާނކޯ ކީ ގުސްތާކިޔާ" އެވެ. ވިކްރާންތު މަސީ ބަތަލުގެ ރޯލު ކުޅޭ މި ފިލްމުގެ މަސައްކަތް މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ކުރިއަށްދާ އިރު، ބެލުންތެރިންނަށް ފިލްމު ގެނެސްދޭނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.
ޝަނާޔާގެ އަތުގައި އޮތް އަނެއް ދެ ފިލްމަކީ ޑައިރެކްޓަރު ބިޖޯއި ނަމްބިއާގެ "ތޫ ޔާ މޭ" އާއި މަޝްހޫރު މަލަޔާޅަމް އެކްޓަރު މޯހަންލާލްގެ "ރުޝުބާ" އެވެ.
ޝަނާޔާ އަކީ ފިލްމީ ތަރިން ކަމަށްވާ ސޯނަމް ކަޕޫރާއި އަރުޖުން ކަޕޫރާއި ޖާންވީ ކަޕޫރްގެ އިތުރުން ހުޝީ ކަޕޫރްގެ ކަޒިންއެކެވެ.
އޭނަ ޑަބަލް ރޯލެއް ކުޅޭ "ސްޓޫޑެންޓް އޮފް ދި އިޔާ 3" ގެ ޑައިރެކްޓަރަކީ ރީމާ މާޔާ އެވެ. ރިޕޯޓްތައް ބުނާ ގޮތުން މީގެ ކާސްޓްގައި އަލާޔާ ފަރްނީޗަރުވާލާ އާއި އަބޭ ވަރުމާ ވެސް ހިމެނޭނެ އެވެ.
މިއީ ދަރުމާގެ "ސްޓޫޑެންޓް އޮފް ދި އިޔާ" ފްރެންޗައިޒް އުފެއްދުމެއް ވެބް ސީރީޒެއްގެ ގޮތުގައި ހަދާ ފުރަތަމަ ފަހަރެވެ. މީގެ ފުރަތަމަ ފިލްމަކީ ކަރަން ޑައިރެކްޓްކޮށް 2012 ގައި ގެނެސްދިން "ސްޓޫޑެންޓް އޮފް ދި އިޔާ" އެވެ. އެއީ ވަރޫން ދަވަނާއި އާލިއާ ބަޓްގެ އިތުރުން ސިދާތު މަލްއުތުރާ ބޮލީވުޑަށް ނެރުނު ފިލްމެވެ.
އޭގެ ފަހުން 2019 ގައި ގެނެސްދިން "ސްޓޫޑެންޓް އޮފް ދި އިޔާ 2" އަކީ އަނަންޔާ ޕާންޑޭ އާއި ތާރާ ސުތާރިއާ ތައާރަފުކުރި ފިލްމެވެ. އޭގެ ބަތަލަކީ ޓައިގާ ޝްރޮފެވެ.