Last Updated: April 15, 18:01
Tuesday, April 15, 2025
ޚަބަރު

ރައީސް އައްޑު އަށް ވަޑައިގަތުމަށް ޝަންގްރިއްލާ ހުޅުވޭތޯ ބަލަނީ

ރައީސް އައްޑޫ މޭޔަރު އަލީ ނިޒާރާ އެކީ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޑު އަށް ޒިޔާރަތް ކުރައްވަން ބޭނުންފުޅުވާތީ އޭގެ ކުރިން ޝަންގްރިއްލާ ރިސޯޓު ހުޅުވުން އަވަސް ކުރެވޭނެ ގޮތެއް ބެލުމަށް ޓޫރިޒަމް މިނިސްޓަރަށް ތޯރިގް އިބްރާހިމަށް އަންގަވައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް މުއިއްޒު އައްޑު އަށް ވަޑައިގަތުން ލަސްވަމުން ދަނީ މި ސަރުކާރުގެ އެއްވެސް މަޝްރޫއުއް ކުރިއެއް އަައްޑޫގައި ކުރިއަށް ނުދާތީއެވެ. އެކަމާ ގުޅިގެން ރައީސް ދާދި ފަހުން ކެބިނެޓްގެ ބައެއް ވަޒީރުންނާއި ބައްދަލުކޮށް އައްޑޫގެ ޓޫރިޒަމާއި ގުޅޭ ކަންކަން އަވަސް ކުރުމަށް ވަނީ އެދިވަޑައިގެންފައެވެ.

ރައީސް ވަނީ ޝަންގްރިއްލާ ހުޅުވޭނެ ގޮތަކާއި އަދި ހަންކެޑެ މަޝްރޫއު ފެށޭނެ ގޮތެއް ވީ އެންމެ އަވަހަކަށް ހޯދުމަށް ދަންނަވައިފައެވެ.

ރައީސް އެންގެވުމާ ގުޅިގެން އިއްޔެ ވަނީ ޝަންގްރިއްލާގެ ސީނިއާ މެނޭޖުމަންޓާ އެކު ބައްދަލުވުމެއް ބާއްވާފައިވެ އެވެ. މި ބައްދަލުވުމުގައި ސަރުކާރުގެ ފަރާތުން ބައިވެރިވީ، ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހީމް، ފިނޭންސް އެންޑް ޕްލޭނިން މިނިސްޓަރު މޫސާ ޒަމީރު، އަދި އެޓާނީ ޖެނެރަލް އަހުމަދު އުޝާމެވެ.

މި ބައްދަލުވުމުގެ ތަފްސީލެއް ޓޫރިޒަމް މިނިސްޓްރީން އަދި ހާމަ ނުކުރެ އެވެ.

ޝަންގްރިއްލާ ހުޅުވޭނެ ގޮތެއް ހޯދުމަށް ރައީސް އެދިވަޑައިގެންނެވި އިރު އައްޑޫ އެއާޕޯޓު ތަރައްޤީގެ މަޝްރޫއުގެ ތެރެއިން ހަދަން ޖެހޭ މަގު އީކުއެޓަ ވިލެޖުގެ މުވައްޒަފުން ތިބޭ ކޮޓަރި ބަރިއަކަށް އަރާތީ މަސައްކަތް އޮތީ ހުއްޓިފައެ ވެ. މި މައްސަލައާ ގުޅިގެން އެއާޕޯޓު މަޝްރޫއު ހުއްޓާލަން ޖެހިދާނެ ކަމަށް ދާދި ފަހުން ކޮންސްޓްރަކްޝަން މިނިސްޓްރީން ވަނީ އަންގައިފަ އެވެ.

މި މައްސަލަ އާއި ގުޅިގެން އީކުއޭޓަ ވިލެޖުން ވަނީ ޓޫރިޒަމް މިނިސްޓްރީއަށް އެތަން 25 މިލިއަން ޑޮލަރަށް ދޫކޮށްލާނެކަމަށް ހުށަހަޅާފައެވެ. އީކުއޭޓަ ވިލެޖާއި އައްޑޫ އެއާޕޯޓު މައްސަލަ ހައްލު ކުރުމަށް ޓޫރިޒަމް މިނިސްޓްރީން މަސައްކަތެއް ނުކުރާތީ ދަނީ ފާޑު ކިޔަމުންނެވެ.

ޝަންގްރިއްލާ ރިސޯޓު ބަންދުކުރީ ކޮވިޑު 19 އާއގުޅިގެން 2020 ގަ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ވަނީ ޝަންގްރިއްލާ ހިންގަމުން އަންނަ 'އައްޑޫ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑް'ގައި އޮންނަ ސަރުކާރުގެ 30 ޕަސެންޓް ހިއްސާ ދޫކޮށްލައިފަ އެވެ. އެކަމަކު އޭގެ ފަހުން ވެސް ރިސޯޓް ހުޅުވިފައެއް ނުވެ އެވެ.

ޝަންގްރިއްލާ ރިސޯޓު ހުޅުވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޑޫ ރައްޔިތުންނަށްވީ އެންމެ ބޮޑު އެއް ވައުދެވެ. ވެރިކަމަށް 17 މަސްވެގެންދާ އިރު އަދި އެ ވައުދު ފުއްދިފައެއް ނުވެއެވެ. ރައީސް އެންމެ ފަހުން އައްޑު އަށް ވަޑައިގަތީ މިދިޔަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިނަށެވެ.