Last Updated: April 19, 21:11
Saturday, April 19, 2025
ޚަބަރު

މަޑުލު ވަހީދު އަވަހާރަވެއްޖެ

ދިވެހި ބަހާއި އަދަބިއްޔާތަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި މަޑުލު މުޙައްމަދު ވަޙީދު އަވަހާރަވެއްޖެ އެވެ.

އޭނަ އަވަހާރަވީ އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށެވެ. އެނގިފައިވާ ގޮތުގައި މަޑުލު ވަޙީދު، 77، އަވަހާރަވީ ވަރަށް އާލާސްކަންފުޅާ އުޅުއްވާތާ ގިނަ ދުވަސްތަކެއް ފަހުންނެވެ.

އޭނަގެ ޖަނާޒާ އޮންނާނީ އަސުރަށް ފަހު އެވެ. ކަށުނަމާދު ކުރަން ހަމަޖެހިފައި ވަނީ އިސްލާމީ މަރުކަޒުގަ އެވެ.

ރާއްޖޭގައި ދިވެހި ބަހާއި އަދަބިއްޔާގެ ދާއިރާ އިން އެންމެ ފާހަގަކޮށްލެވޭ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މަޑުލު ވަހީދށް ދިވެހި އަދަބިއްޔާތުގެ ދާއިރާއިން، ދިވެހިބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުން 2019 ގައި ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގެންފައިވެ އެވެ. އަދި ދިވެހި ބަހުގެ ލިޔުންތެރިކަމުގެ ރޮނގުން 1985 ގައި ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ވެސް ލިބިވަޑައިގެންފައިވެ އެވެ.

މީގެ އިތުރުން ކުރު ވާހަކަ ލިޔުމުގެ ރޮނގުން 1997 ގައި ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމާއި 2019 ގައި ނޫސްވެރިކަމުގެ ޝަރަފުވެރިކަމުގެ އަލިމަސް ގަލަން ވެސް ލިބިވަޑައިގެންފައިވެ އެވެ.

މަޑުލު ވަހީދަކީ ދައުލަތުގެ މީޑިއާގެ އެންމެ ފުރަތަމަ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާމަން ވެސް މެ އެވެ. އެންމެ ފަހުން އަދާކުރެއްވި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ މުޝީރުގެ މަގާމެވެ.