Last Updated: April 20, 06:46
Sunday, April 20, 2025
ޚަބަރު

ސައުދީ ފަންޑުގެ ސީއީއޯ ރާއްޖޭގައި

ސަޢޫދީ ފަންޑް ފޮ ޑިވެލޮޕްމަންޓްގެ ސީއީއޯ ސުލްޠާން ބިން ޢަބްދުއްރަޙްމާން އަލް-މަރްޝަދު ރަސްމީ ދަތުރެއްގައި ރާއްޖެ މިއަދު ވަޑައިގެންފި އެވެ.

އޭނަ ރާއްޖެ ވަދައިގަތީ އިއްޔެ އެވެ. ދަތުރު ނިންމަވަލައްވާނީ މާދަމާ އެވެ.

ސަޢުދީ ފަންޑުގެ މަތީފަންތީގެ ވަފުދަކާއެކު މަރްޝަދު ކުރައްވާ ދަތުރުގައި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތަރައްޤީކުރުމަށް ސައުދީ ފަންޑުން ދެއްވާ އިތުރު ފައިނޭންސިނގ އެއްބަސްވުމުގައި ސޮއިކުރަން ހަމަޖެހިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ. އޭގެ އިތުރުން، ސަޢުދީ ފަންޑުގެ އެހީގައި ކުރިއަށް ގެންދާ ހައުސިން މަޝްރޫޢު ރަސްމީ ގޮތުން އިނީޝިއޭޓް ކުރެއްވުމަށް ވެސް ހަމަޖެހިފައިވެ އެވެ.

ސަޢޫދީ ފަންޑަކީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގައި ވަރަށް މުހިންމު ބައިވެރިއެކެވެ.

ސަޢުދީ ފަންޑުން ވަނީ ދަތުރުފަތުރާއި، ޞިއްޙަތާއި، ބޯހިޔާވަހިކަމާއި އަދި މަސްވެރިކަން ފަދަ އެކި ދާއިރާތަކަށް 470 މިލިއަން ޑޮލަރަށް ވުރެ ގިނަ އަދަދެއްގެ އެހީ މިހާތަނަށް ފޯރުކޮށް ދީފައިވެ އެވެ. މިދިޔަ އަހަރުގެ މެއި މަހު، ސަޢުދީ ފަންޑުން ވަނީ މުހިންމު ދެ މަޝްރޫޢުއަކަށް 150 މިލިއަން ޑޮލަރުގެ ލޯނު ވެސް ދޫކޮށްފަ އެވެ. އޭގެ ތެރެއިން 100 މިލިއަން ޑޮލަރު ދޫކޮށްފައި ވަނީ ވީއައިއޭގެ ތަރައްގީއަށެވެ. އަދި 50 މިލިއަން ޑޮލަރު ދޫކޮށްފައި ވަނީ ޞިއްޙީ ދާއިރާ ތަރައްޤީ ކުރުމުގެ މަޝްރޫޢުއަށެވެ.

މި މަޝްރޫޢުގެ ދަށުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ތިން ހޮސްޕިޓަލެއް އިމާރާތްކޮށް، ޞިއްޙީ ޚިދުމަތްތައް ފުޅާ ކުރެވޭނެ އެވެ.

ސަޢޫދީ ފަންޑަކީ 1974 ވަނަ އަހަރު ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުން އުފައްދާފައިވާ ފަންޑެކެވެ. މި ފަންޑު އުފައްދާފައި ވަނީ ތަރައްޤީވަމުން އަންނަ ޤައުމުތަކުގައި ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށް މާލީ އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށް ދިނުމަށެވެ. މި ފަންޑުގެ މަޤްޞަދަކީ ލުއި ލޯނާއި ހިލޭ އެހީގެ ޒަރީޢާއިން ދެމެހެއްޓެނިވި ތަރައްޤީ އަށް މަސައްކަތް ކުރުމެވެ.