Last Updated: April 19, 23:09
Saturday, April 19, 2025
ޚަބަރު

ސައުދީ ފަންޑްގެ ވެރިޔާ އަށް ރާއްޖޭގެ މަތީ ޝަރަފެއް!

ރާއްޖެ އަށް މިހާރު ވަޑައިގެން އުޅުއްވާ ސައުދީ ފަންޑު ފޯ ޑިވެލޮޕްމެންޓްގެ ސީއީއޯ ސުލްތާން އަބްދުއްރަހްމާން އަލް މަރުޝަދަށް ދިވެހި ދައުލަތުގެ ޝަރަފުގެ އިއްޒަތް އަރުވައިފި އެވެ.

ރައީސް އޮފީހުގައި ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި މަރުޝަދަށް ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތް އެރުވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

މިއީ ދިވެހި ދައުލަތުން ދޭ ތިން ވަނަ ދަރަޖައިގެ އިއްޒަތެވެ. ނިޝާން މުލީގެ އިއްޒަތް ނިސްބަތްވަނީ އައްސުލްތާން މުހައްމަދު ޝަމްސުއްދީނަށެވެ.

ސަރުކާރުން ބުނީ ސައުދީގެ ފަންޑްގެ ވެރިޔާ އަށް ނިޝާން މުލީގެ އިއްޒަތް މަރުޝަދަށް އަރުވަން ނިންމީ، އެ ފަންޑުން ރާއްޖޭގެ ތަރައްގީއަށާއި ރައްޔިތުންގެ އާންމު ހާލަތު ކުރިއެރުވުމަށް ފުޅާ ދާއިރާއެއްގައި ވެފައިވާ އަދި މިހާރު ވެސް ވަމުން އަންނަ އެހީތެރިކަން ފާހަގަކުރުމުގެ ގޮތުންނެވެ.

ސައުދީ ފަންޑްގެ މަތީ ފަންތީގެ ވަފުދަކާ އެކު މަރުޝަދު ރާއްޖެ ވަޑައިގަތީ އިއްޔެ އެވެ. މިއީ މާދަމާގެ ނިޔަލަށް ކުރައްވާ ދަތުރެކެވެ.

މި ދަތުރުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތަރައްގީ ކުރުމަށް ސައުދީ ފަންޑުން ދޭ އިތުރު ފައިނޭންސިން އެއްބަސްވުމުގައި ސޮއިކުރަން ވެސް ހަމަޖެހިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ. އޭގެ އިތުރުން، ސަޢުދީ ފަންޑުގެ އެހީގައި ކުރިއަށް ގެންދާ ހައުސިން މަޝްރޫޢު ރަސްމީ ގޮތުން އިނީޝިއޭޓް ކުރެއްވުމަށް ވެސް ހަމަޖެހިފައިވެ އެވެ.

ސަޢުދީ ފަންޑުން ވަނީ ދަތުރުފަތުރާއި، ޞިއްޙަތާއި، ބޯހިޔާވަހިކަމާއި އަދި މަސްވެރިކަން ފަދަ އެކި ދާއިރާތަކަށް 470 މިލިއަން ޑޮލަރަށް ވުރެ ގިނަ އަދަދެއްގެ އެހީ މިހާތަނަށް ރާއްޖެ އަށް ފޯރުކޮށް ދީފަ އެވެ.