ރާއްޖޭގެ މައި އެއާޕޯޓް ކަމަށްވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ތަރައްގީ ކުރުމަށް އިތުރު 17 މިލިއަން ޑޮލަރުގެ ލޯނު އެއްބަސްވުމުގައި ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓާ އެކުމިއަދު ސޮއިކޮށްފި އެވެ.
ރައީސް އޮފީހުގައި ހެނދުނު އޮތް ރަސްމިއްޔާތުގައި އެއްބަސްވުމުގައި ސައުދީ ފަންޑުގެ ފަރާތުން ސޮއިކުރެއްވީ މިހާރު ރާއްޖެ ވަައިގެން އުޅުއްވާ އެ ފަންޑުގެ ސީއީއޯ ސުލްތާން ބިން އަބްދުއްރަހްމާން އަލް މުރްޝިދެވެ. ރާއްޖޭގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ.
މުރްޝިދު ވިދާޅުވީ އެ އެއްބަސްވުމުގެ ދަށުން އެއާޕޯޓުގެ ޖާގައިގެ ދަތިކަން ހައްލުވެ، އަހަރަކު ހަތް މިލިއަން ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތް ކުރުމަށް މަގުފަހިވެގެން ދާނެ ކަމަށެވެ.
ސައުދީ ފަންޑަކީ 1978 އިން ފެށިގެން ވީއައިއޭގެ ތަރައްގީ އަށް އެހީވަމުން އަންނަ ތަނެކެވެ. އެގޮތުގެ އެ ތަނުގެ ތަރައްގީ އަށް ބޭނުންވާ ފައިސާގެ ހަތް ލޯނަކަށް މިހާތަނަށް 242 މިލިއަން ޑޮލަރު ހަމަޖައްސައި ދީފައިވެ އެވެ.
ވީއައިއޭ ތަރައްގީކުރުމުގެ މަޝްރޫއަށް މިހާތަނަށް އެންމެ ގިނަ ފައިސާ ދޫކުރީ ވެސް ސައުދީ ފަންޑުންނެވެ. މީގެ ކުރިން އެ ފަންޑުން 101 މިލިއަން ޑޮލަރުގެ ދެ ލޯނު ދޫކޮށްފައިވާ އިރު، އެންމެ ފަހުން ދިން ފައިސާއާ އެކީ މައި އެއާޕޯޓު ތަރައްގީކުރަން އެ ފަންޑުން ދިން ލޯނުތަކުގެ އަދަދު މިވަނީ 219 މިލިއަން ޑޮލަރު (3.3 ބިލިއަން ރުފިޔާ) އަށް އަރަ އެވެ.