ސައުދީ ފަންޑްގެ އެހީގައި ހުޅުމާލޭގައި އަޅަން ނިންމާފައިވާ 400 ހައުސިން ޔުނިޓް މަޝްރޫއު މިއަދު އިފުތިތާހުކޮށްފި އެވެ.
އެ މަޝްރޫޢު އިފްތިތާޙުކޮށް ދެއްވީ ސަޢުދީ ފަންޑުގެ ސީއީއޯ ސުލްތާން ބިން އަބްދުއްރަޙްމާން އަލް-މުރްޝިދާއި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ މިއީ ސަޢުދީ ފަންޑްގެ 25 މިލިއަން ޑޮލަރުގެ ލޯނު އެހީގައި ކުރިއަށް ގެންދާ މަޝްރޫޢުއެކެވެ.
ޒަމީރު ވިދާޅުވީ މި މަޝްރޫއު އަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ބޯހިޔާވަހިކަމުގެ ތަސައްވަރު ހަޤީގަތަކަށް ހެއްދެވުމަށް ލިބޭ ވަރަށް ބޮޑު އެހީއަކަށް ވާނެ ކަމަށެވެ.
"މި ޕްރޮޖެކްޓް ވެގެންދާނީ ދެމެހެއްޓެނިވި ގޮތެއްގައި ގެންދެވޭ މަޝްރޫޢުއަކަށް. ތޮއްޖެހެމުންދާ މާލޭގެ އާބާދީއަށް ވެސް ލުއި ލިބޭނެ،" އޭނަ ވިދާޅުވި އެވެ. "އަދި އެންމެ މުހިންމުކަމަކީ، އެކަށީގެންވާ އިމާރާތެއްގައި އަގުހެޔޮކޮށް ފޯރުކޮށް ދެވޭ ބޯހިޔާވަހި ކަމަކަށް ވާނެ."
ސަޢޫދީ ފަންޑުގެ ސީއީއޯ ވިދާޅުވީ، ރާއްޖޭގެ ތަރައްގީގެ ޙިއްސާއަކަށް ވެވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށާއި މި މަޝްރޫއު ވެސް ވާނީ ރާއްޖެއަށް ވަރަށް މުހިންމު ދާއިރާއަކުން ވެވޭ އެހީއަކަށް ކަމަށެވެ.
މިއަދު އިފުތިތާހުކުރި ހައުސިން މަޝްރޫއުގެ ދަށުން އަޅާ ހައުސިން ޔުނިޓްތައް އަޅަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މަސްޖިދު ޙަސަން އާދަމްއާ އިންވެގެން އޮންނަ ބިމުގަ އެވެ.