އޮސްޓްރޭލިއާގެ ގްރޭޓް ބެރިއާ ރީފް ސަރަހައްދަށް ފަތަން އެރުނު އިނގިރޭސިވިލާތުގެ ދެ ޓޫރިސްޓަކު ގެނބިގެން މަރުވެއްޖެ އެވެ.
އިއްޔެ އެ ހާދިސާ ހިނގީ ކްއީންސްލޭންޑްގެ ސެވެންޓީން ސެވެންޓީގަ އެވެ. ގެނބިގެން މަރުވީ 46 އަހަރުގެ ފިރިހެނަކާއި އޭނަގެ 17 އަހަރުގެ ފިރިހެން ދަރިފުޅެވެ.
ލައިފް ޖެކެޓް ވެސް ނާޅައި އެ މީހުން ފަތަން އެރި އުޅެނިކޮށް އޮޔާ ގޮސް ގެނބުނު ހާދިސާއާ ގުޅިގެން ހެލިކޮޕްޓަރުގައި އެހީގައި ނެގި އިރު ވެސް މަރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މީގެ އިތުރުން ފަތަން އެރި އެރުނު އޮސްޓްރޭލިއާގެ ފިރިހެނަކު ވެސް ގެނބިގެން ސަލާމަތްކޮށް ފަރުވާ ދެމުން އަންނަ އިރު، ހާލު ވަރަށް ސީރިއަސް ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ބުންޏެވެ.
ރޯޔަލް ލައިފް ސޭވިން އޮސްޓްރޭލިއާ އިން ބުނި ގޮތުގައި މިދިޔަ އަހަރު އެ ގައުމުގައި 107 މީހަކު ގެނބިފައިވެ އެވެ. އަދި އޭގެ 25 ޕަސެންޓް މީހުންނަކީ ޓޫރިސްޓުންނެވެ.