ބަންދުކޮށްފައި އޮންނަތާ ފަސް އަހަރެއްހާ ދުވަސްވީ އަައްޑޫ ޝަންގްރިއްލާ ވިލިގިލި ރިސޯޓް އެންޑް ސްޕާ އަލުން އޮޕަރޭޝަނަށް ގެނައުން އަވަސް ކުރަން ރޯޑްމެޕެއް އެކުލަވާލަން ނިންމައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން އިއްޔެ އެ މަޝްވަރާ ކުރިއަށް ގެންދިޔައީ ޝަންގްރިލާގެ އިސް މެނޭޖްމަންޓާ އެކީގަ އެވެ.
އެ ބައްދަލުވުމުގައި، ސަންގްރިއްލާ ގްރޫޕް ހެޑް އޮފް އިންވެސްޓްމަންޓް އެންޑް އެސެޓް މެނޭޖްމަންޓް ކްރިސްޓޮފާ ފޮންގް ވަނީ ޝަންގްރިއްލާ ރިސޯޓު އަލުން އޮޕަރޭޝަނަށް ގެނައުުގައި ދިމާވެފައިވާ މައިގަނޑު ގޮންޖެހުންތައް ފާހަގަކުރައްވައި، އަލުން ހުޅުވުމަށް ކުރެވެމުން އަންނަ މަސައްކަތްތަކުގެ އަޕްޑޭޓެއް ދެއްވާފައި ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.
ސަރުކާރުގެ ފަރާތުން ރިސޯޓް އަލުން ހުޅުވުމުގެ މަސައްކަތަށް ފުރިހަމަ އެއްބާރުލުން ދޭނެކަން ފާހަގަކޮށް، އެކަމަށް މަގުފަހި ކުރުމަށް ސަރުކާރަށް ދެވިދާނެ ލުއިތަކާ ބެހޭ ގޮތުން ވެސް މަޝްވަރާކޮށްފައިވެ އެވެ. ރެވުނެވެ.
އިއްޔެ ބޭއްވި މަޝްވަރާގެ ސަބަބުން، ރިސޯޓް އަލުން ހުޅުވުމަށް ތަފްޞީލީ ރޯޑްމެޕެއް އެކުލަވާލައި ރިސޯޓު ހުޅުވުމުގެ މަސައްކަތް އަވަސް މުއްދަތެއްގެ ތެރޭގައި ނިންމެވުމަށް ޝަންގްރިލާގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި ބޭފުޅުން އެއްބަސްވެވަޑައިގަތް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ޝަންގްރިއްލާ ވިލިނގިލި ރިޒޯޓު އަލުން ހުޅުވުމަކީ އައްޑޫގެ ޓޫރިޒަމަށާއި މުޅި ދެކުނުގެ ޓޫރިޒަމަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
އިއްޔެގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހީމާއި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރުގެ އިތުރުން އެޓާނީ ޖެނެރަލް އަޙްމަދު އުޝާމް ބައިވެރިވެ ވަޑައިގެންނެވި އެވެ.
ޝަންގްރިއްލާގެ ފަރާތުން ޝަންގްރިއްލާ ގްރޫޕުގެ ފަރާތުން ބައިވެރިވި ބޭފުޅުންގެ ތެރޭގައި ޝަންގްރިއްލާ މޯލްޑިވްސްގެ ފައިނޭންޝަލް ކޮންޓްރޯލަރު ނިލޯ އާއި ޑިރެކްޓަ އޮފް ގަވަމަންޓް އެންޑް ޕަބްލިކް އެފެއާޒް ސައުދު ޢަބްދުﷲ ބައިވެރިވެވަޑައިގެންނެވި އެވެ.
ދެހާސް އަށެއްގައި ހުޅުވި ޝަންގްރިއްލާ ބަންދުކުރީ ކޮވިޑްގެ ވަބާގެ ތެރޭގައި 2020 ގެ މެދުތެރޭގަ އެވެ. ޝަންގްރިއްލާ އަކީ ރާއްޖޭގެ އެންމެ މަތީ ފަންތީގެ ރިސޯޓެކެވެ.
އެތަން އަލުން ނުހުޅުވި ދިގުލައިގެންދާތީ އައްޑޫގެ ވަރަށް ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެހެންވެ އެތަން ވީހާ ވެސް އަވަހަކަށް އޮޕަރޭޝަނެއް ގެނައުމަކީ ރިޔާސީ ކެމްޕޭންގެ ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައގަތް ވައުދެއް ވެސް މެ އެވެ.