ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) ގެ ތެރެއިން ކޮރަޕްޝަނުގެ އިތުރު މައްސަލައެއް ފެންމަތިވެއްޖެ އެވެ.
އެގޮތުން ފުލުހުންނަށް ކާން ދިނުމުގެ ކަންކަން ހަމަޖައްސަން ފިނޭންސް މިނިސްޓްރީން ހުއްދަ ދިން މުއްދަތަށް ވުރެ އިތުރަށް އެ މަސައްކަތް ކުރަން ބަޔަކާ ހަވާލުކުރި މައްސަލައެއް މިހާރު އަންނަނީ ބަލަމުންނެވެ. އެ މައްސަލަ މިއަދު ފެންމަތިވީ ދައުލަތުގެ އިދާރާތަކުގެ ކޯޕަރޭޓިވް ސޮސައިޓީތަކުން ހިިންގާފައިވާ ވައްކަންތައް ދިރާސާ ކުރަމުން އންނަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި، މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ދެއްކެވުމާ ގުޅިގެންނެވެ.
އޭނަ ވިދާޅުވީ ފިނޭންސް މިނިސްޓްރީގެ ޓެންޑާ ބޯޑުން ފުލުހުންނަށް ކާން ދިނުމުގެ މަސައްކަތް ބަޔަކާ ހަވާލުކުރުމުގެ ހުއްދަ ދިނީ ފަސް އަހަރަށް ކަމަށެވެ. ނަމަވެސް ޓެންޑާ ބޯޑުގެ އިރުޝާދާ ހިލާފަށް ޕޮލްކޯ އިން 10 އަހަރު ދުވަހުގެ މުއްދަތަށް އެއްބަސްވުން އެކުލާވާލައި، އެ މަސައްކަތް ބަޔަކާ ހަވާލުކޮށްފައި އޮތް ކަމަށް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވި ގޮތުގައި އެ އެއްބަސްވުމުގެ އަގަކީ އަހަރަކަށް 35 މިލިއަން ރުފިޔާ އެވެ. އަދި 10 އަހަރަށް މުއްދަތު އިތުރު ކުރުމުން ކޮންޓްރެކްޓުގެ މުއްދަތުގެ ތެރޭގައި އެ މަސައްކަތް ހަވާލުކުރި ކުންފުންޏަށް ދޭން ޖެހޭ ފައިސާގެ އަދަދު 350 މިލިއަން ރުފިޔާ އަށް އަރަ އެވެ.
މި މައްސަލަ މަޖިލީހުގައި އިލްތިމާސްކުރީ ޕޮލްކޯގެ ފްލެޓު މަޝްރޫއުގެ ތެރެއިން ކޮރަޕްޝަނަށް ޝައްކުކުރެވޭ އަމަލުތަކެއް ހިންގާފައިވާ ކަމަށް އޮޑިޓާ ޖެނެރަލް އޮފީހުން ނެރުނު ހާއްސަ އޮޑިޓެއްގައި ފާހަގަކޮށްފައި ވަނިކޮށެވެ.
ފުލުހުންނަށް ކާން ދިނުމުގެ ކަންކަން ހަވާލުކުރީ ފުލުހުންގެ ތެރެއިން އުފައްދާފައި އޮންނަ ޕޮލިސް ކޭޓަރިން (ޕޮލްކެޓް) އާ އެވެ.
ޕޮލްކޯގެ މައްސަލަތައް މާލިއްޔަތު ކޮމިޓީން ދިރާސާކުރަން ފެށީ، އެ ކޯޕަރޭޓިވުން ހިންގި ބްލޫސް ހައުސިން ސްކީމާ ގުޅިގެން ނެރުނު އޮޑިޓު ރިޕޯޓުގައި ފާހަގަކުރި މައްސަލަތަކާ ގުޅިގެންނެވެ. އެގޮތުން އެ މަޝްރޫއުން ދައުލަތަށް ގެއްލުންވެފައިވާ އިރު، ވަކި ބަޔަކަށް މަންފާ ހޯދައިދޭން ފުލުހުންގެ ތެރެއިން މަސައްކަތްކޮށްފައިވާ ކަމަށް ފާހަގަކުރެވިފައިވެ އެވެ.
ޕޮލްކޯ ފްލެޓުތަކުގެ ކޮރަޕްޝަން މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް އަންނަނީ ތަހުގީގުކުރަމުންނެވެ.
އެ މައްސަލަތައް ފެންމަތިވުމުން ޕޮލްކޯގެ ސީއީއޯއަކަށް ހުންނެވި އަހުމަދު އަނީސް މަގާމުގެ މަސްއޫލިއްޔަތުތަކުން މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި އެކަހެރިކޮށްފައިވެ އެވެ.