Last Updated: April 19, 17:48
Saturday, April 19, 2025
ޚަބަރު

ވަގަށް ނެގި ކާރެއް ހޯދައި ވެރިފަރާތާ ހަވާލުކޮށްފި

ހުޅުމާލޭގައި ޕާކުކޮށްފައި އޮއްވައި ވަގަށް ނެގި ކާރެއް ހޯދައި އޭގެ ވެރިފަރާތާ ހަވާލުކޮށްފި އެވެ.

ފުލުހުން ބުނީ އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ އިއްޔެ ރޭ 11:50 އެހައިކަންހާއިރު ހުޅުމާލެ ފިތުރޯނު މަގުގައި ކާރު ޕާކުކުރުމަށް ފަހު، 01:15 އެހައިކަންކާ އިރު ކާރަށް އަރަން ދިޔަ އިރު، ޕާކުކުރި ތަނުގައި ކާރު ނެތްކަމަށާއި ކާރުތެރޭގައި ތަޅުދަނޑި (ރިމޯޓު) ބޭއްވިފައިވާ ކަމަށް ބުނެ ކަމަށެވެ.

އެހެންވެ މައްސަލައާ ގުޅިގެން، ސީސީޓީވީ ކެމެރާ ފުޓޭޖު ބެލިބެލުމުން، އަންހެނަކާއި ފިރިހެނަކު އެ ކާރަށް އަރައިގެން ދާ މަންޒަރު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި ކާރު އޮތް ސަރަހައްދު ދެނެގަނެ ފުލުހުން އެ ސަރަހައްދަށް ގޮސް ބެލިބެލުމުން ކާރުގައި އެއްވެސް މީހަކު ނެތްކަން އެނގިފައިވެ އެވެ.

އޭގެ ފަހުން ކާރުގެ ވެރިފަރާތް އެ ސަރަހައްދަށް ހާޒިރުކޮށް، ވެރިފަރާތުގެ ހާޒިރުގައި ކާރު ޗެކުކުރި އިރު ކާރަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާކަމާއި ކާރުތެރޭގައި ބާއްވާފައި އޮތް ރިމޯޓު ނެތްކަން އެނގިފައިވެ އެވެ.

މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ. އެކަމަކު މިކަން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.