އިޒްރޭލު ޕާސްޕޯޓު މަނާކުރަން އިމިގްރޭޝަން ގާނޫނު އިސްލާހުކުރަން ހުށަހަޅާފައިވާ ބިލު ބަދަލުކޮށް، އިޒްރޭލުން ދެމުންދާ ހަމަލާތައް ހުއްޓާލަންދެން ޕާސްޕޯޓު މަނާކުރަން ރައްޔިތުން މަޖިލީހުގެ 241 ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
އޮކްޓޯބަރު 7، 2023 ގައި އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ލާއިންސާނީ ޖަރީމާތައް ހުއްޓާލަންދެން ޕާސްޕޯޓު މަނާކުރަން ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ޝާހިދު (ޝާޑް) އެވެ.
އެ ހުށަހެޅުމަށް ތާއީދުކުރެއްވީ ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލެވެ.
އަދި ހުށަހެޅުން ފާސްކުރީ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތް މެންބަރުންގެ އިއްތިފާގުންނެވެ.
މީގެއިތުރުން، އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ހުށަހެޅުއްވި، ބިލުގައި ޑުއަލް ސިޓިޒަންޝިޕް ގެންގުޅޭ މީހުން ހިމެނޭހެން އިޒްރޭލުގެ ހުރިހާ ރައްޔިތުންނަށް ރާއްޖެ ނުވަދެވޭ ގޮތަށް ހެދުމަށް އޮތް ނުކުތާ ވަނީ އުނިކޮށްފަ އެވެ.
ކޮމިޓީން މިގޮތަށް ބިލު އިސްލާހުކުރީ ބިލާ ގުޅޭގޮތުން ބަންޑާރަނައިބާ މަޝްވަރާކުރުމަށްފަހު އެވެ.
އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާ ކުރުމަކީ ސަރުކާރުގެ ވައުދެކެވެ. އިޒްރޭލުގެ ޕާސްޕޯޓު މަނާ ކުރަން ނިންމީ ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭއްވެވި ކެބިނެޓު ބައްދަލުވުމެއްގައި ޖޫން 2، ގަ އެވެ.